16 ޖޫން 2017 - 17:00

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ސަރުކާރަށް އޮތް ތާއީދު ބަލާނީ ތަރާވީހުގެ ހާޒިރީން ނޫން ކަމަށް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަދި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ޚަލީލް އެހެން ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަޖިލީހުގެ 85 މެމްބަރުންނަށް ދައުވަތު ދެއްވި ރޯދަ ވީއްލުމަކަށް އެންމެ 17 މެމްބަރުން ވަޑައިގަތުމުން އެކަމަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެކަމުން އެނގެނީ މަޖިލީހުގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު އޮތް މިންވަރު ކަމަށެވެ.
ޚަލީލް ރޭ ކުރެއްވި ޓްވީޓެއްގައިވަނީ ރައީސް ޔާމީނަށް މަޖިލީހުގައި އޮތް ތާއީދު ބަލާނީ މަޖިލީހުުގައި ނަގާ ވޯޓުން ކަމަށާއި އެއީ ތަރާވީހުގެ ހާޒިރިީން ބަލާ ކަމެއް ނޫން ކަމަށެވެ. އަދި ޕީޕީއެމްގެ ކޯލިޝަންގެ ހުރިހާ މަޖިލިސް މެމްބަރުން ތިބީ ރައީސް ޔާމީނާ އެކު ކަމަށް އެ ޓްވީޓްގައިވެ އެވެ.
"ތަރާވީހުގެ ހާޒިރީން މަޖިލީހުގެ އެއްވެސް ކަމެއް ފާސްވާ ކަމަށް ހީވާ ނަމަ އެއީ ކުށް ހީ އެއް،" ޚަލީލްގެ ޓްވީޓެއްގައިވެ އެވެ.
ދާދިފަހުން ޖިނާއީ އިޖްރައާތުގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގައި މެމްބަރުންނަށް އޮޅުވާލާފައިވާ ކަމުގެ ތުހުމަތުކޮށް، ސަރުކާރު ކޯލިޝަންގެ މެމްބަރުން ވަނީ އެކަމުގެ ނުރުހުން ފާޅުކޮށްފަ އެވެ. އެދުވަހުގެ ޖަލްސާ އަށް ފަހު ބައެއް މެމްބަރުން މަސީހުގެ އިސްތިއުފާ އަށް ވެސް ގޮވި ކަމަށްވެ އެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އިދިކޮޅު ފަރާތްތަކުން ދެ ފަހަރަށް ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވި އެވެ.