16 ޖޫން 2017 - 16:20

ބޮގޯޓޯ (ޖޫން 16) - ކޮލަމްބިއާގައި ނަރުސްކަން ކިޔަވާ ދަރިވަރަކު ކާލީ ސިޓީގެ ހޮސްޕިޓަލެއްގެ ހަ ވަނަ ބުރިން ވެއްޓި، ކޯޓްޔާޑުގައި ހިނގާފައި ދިޔަ ޑޮކްޓަރެއްގެ ގައިގައި ޖެހި ޑޮކްޓަރު މަރުވެއްޖެ އެވެ.
މަރުވި ޑޮކްޓަރު އިސަބެލް މުނީޒް އަކީ ވެސް ޔުނިވާސިޓީ ހޮސްޕިޓަލުގައި ކިޔަވަމުން ދިޔަ މީހެކެވެ. ވެއްޓުނު ނަރުސް މާރިއާ އިސަބެލް ގޮންޒާލޭ އަށް ބޮޑެތި ޒަޚަމްތައް ލިބުނު ނަމަވެސް އޭނާ ވަނީ ސަލާމަތްވެފަ އެވެ. ނަރުސް ވެއްޓެން ދިމާވި ސަބަބެއް ނޭނގެ އެވެ. ކޮލަބިއާ ފުލުހުން ދަނީ އެ ހާދިސާ ތަހްގީގު ކުރަމުންނެވެ.
"ނަރުސް ވެއްޓުނު ގޮތެއް ނޭނގޭ. މިއީ ހޮސްޕިޓަލަށް ވެސް ވަރަށް ހިތްދަތި ކަމެއް ކުރިމަތި ކުރުވި ހާދިސާއެއް،" ހޮސްޕިޓަލުގެ ޑިރެކްޓަރު ހުއާން ކާލޯސް ކޮރަސް ވިދާޅުވި އެވެ.
ނަރުސް ގޮންޒާލޭޒް ވެއްޓުނު އިރު ޑޮކްޓަރު މުނޯޒް ދިޔައީ ހޮސްޕިޓަލުގެ ކޯޓުޔާޑުގައި ހިނގާލާފައި ކެފޭއާ ދިމާލަށެވެ. ނަރުސް ވެއްޓި ޖެހުނީ ޑޮކްޓަރުގެ ބޮލުގަ އެވެ. ޑޮކްޓަރުގެ ސިކުނޑި އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.