ޓިއުނީޝިއާގައި ރޯދަ މަހު ދުވާލު ސިނގިރޭޓް ބުއި މީހަކު ޖަލަށް
ޓިއުނީޝިއާގައި ރޯދަ މަހު ދުވާލު ސިނގިރޭޓް ބުއި މީހަކު ޖަލަށް

ތޫނިސް (ޖޫން 16) - ރޯދަ ދުވަހު ދުވާލު ޓިއުނީޝިއާގެ އާއްމު ތަނެއްގައި ސިނގިރޭޓް ބުއި މީހަކު އެއް މަހަށް ޖަލަށްލައިފި އެވެ.

ޓިއުނީޝިއާގެ ހުޅަނގު އުތުރުގެ ބިޒާޓެގެ ކޯޓަކުން އެ މީހާ އެއް މަސް ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައި ވަނީ މުޖްތަަމައުގެ އަޚުލާގީ މިންގަނޑާ ޚިލާފުވުމުންނެވެ. އެކަމަކު ކޯޓުގެ ހުކުމާ އެކު އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ ފާޑު ކިޔަން ފަށައިފަ އެވެ. އެ ޖަމާއަތުން ބުނެފައި ވަނީ އެއީ "އެމީހެއްގެ އަމިއްލަ މިނިވަންކަން" ކަމަށެވެ. އެމްނެސްޓީން ބުނީ ރޯދަ މަހު ދުވާލު ޓިއުނީޝިއާގައި ކެއިން ބުއިން މަނާކުރާ ގާނޫނެއް ނެތް ކަމަށެވެ. އެހެންވެ އެ މީހަކު ތަބާވާ ދީނަކަށް އުޅުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. ޓިއުނީޝިއާގައި ވެސް ވަނީ ކޯޓުގެ ނިންމުމާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ.

މީގެ ދެ ހަފުތާ ކުރިން ވެސް ވަނީ އާއްމު ތަންތަނުގައި ކެއި ހަތަރު މީހަކު އެއް މަހަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.

ޓިއުނީޝިއާގެ އާބާދީގެ 98 ޕަސެންޓަކީ މުސްލިމުންނެވެ.