ޗެލްސީއާ މައްސަލަ ޖެހި ކޮންޓޭ ކްލަބް ދޫކޮށްލަނީ؟
ޗެލްސީއާ މައްސަލަ ޖެހި ކޮންޓޭ ކްލަބް ދޫކޮށްލަނީ؟

ލަންޑަން (ޖޫން 16) – ޓްރާންސްފާ މައްސަލައިގައި ޗެލްސީގެ ޑިރެކްޓަރުންނާ މެދު އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާ ކަމަށާއި އޭނާ ކްލަބް ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށް ސްކައި ސްޕޯޓްސް އިޓާލިއާ އިން ރިޕޯޓްކޮށްފި އެވެ.

ކޮންޓޭ ވަނީ ޗެލްސީއާ ހަވާލުވެ ފުރަތަމަ ސީޒަނުގައި އެ ޓީމަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. އެފްއޭ ކަޕުގެ ފައިނަލުން އާސެނަލް އަތުން ބަލިވިއިރު އެ މެޗަށް ފަހު އޭނާ ބުނީ ޓީމު އިތުރަށް ވަރުގަދަކުރަން ޖެހޭ ކަމަށެވެ.

ޗެމްޕިއަންސް ލީގަށް ޓީމު ވަރުގަދަކުރަން ކޮންޓޭ ބޭނުންވާ ކުޅުންތެރިންތަކެއް ތިބިއިރު، އެ ކުޅުންތެރިން ނުލިބިދާނެ ކަމުގެ ބިރު ކޮންޓޭ އަށް ހީވެފައިވާ ކަމަށްވެ އެވެ.

ކޮންޓޭ އާއި ޗެލްސީއާ މެދު ހިތްހަމަނުޖެހުންތަކެއް އުޅޭ ކަމަށް އިނގިރޭސި މީޑިއާތަކުން ވެސް ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު ސްކައި ބުނާ ގޮތުގައި ހީކުރި ވަރަށް ވުރެ މައްސަލަ ގޯސްކަމަށެވެ.

ކޮންޓޭއާ ޗެލްސީގެ ޑިރެކްޓަރުންނާ މައްސަލަ ޖެހުނު އަނެއް ސަބަބަކީ ރިޕޯޓްތައް ބުނާ ގޮތުގައި އެ ކްލަބުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ބޭނުންނުވާކަން އެސްއެމްއެސްއެއް މެދުވެރިކޮށް ކޮންޓޭ އެންގި މައްސަލައިގަ އެވެ. މީގެ އިތުރުން ކޮންޓޭ ބޭނުންވަނީ އެއްވެސް މީހަކު މެދުވެރިނުކޮށް ކްލަބުގެ ވެރިޔާ ރޯމަން އަބްރަހަމޮވިޗާ ސީދާ އޭނާ އަށް ވާހަކަދެއްކޭ ގޮތް ހަމަޖެއްސުމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކޮންޓޭ ވަކިވެއްޖެ ނަމަ ޗެލްސީއާ ހަވާލުވާނެ ކަމަށް ބެލެވެނީ ބޮރޫޝިއާ ޑޯޓްމަންޑުގެ ކުރީގެ ކޯޗު ތޯމަސް ޓުޝެލް އެވެ.

ކޮންޓޭ ޔުވެންޓަސްގެ ކޯޗުކަމުން 2014 ވަނަ އަހަރު ވަކިވީ ވެސް ޓްރާންސްފާ މައްސަލައެއްގައި ހިތްހަމަނުޖެހިގެން، ޕްރީ ސީޒަންގެ ތެރޭގަ އެވެ.

ކޮންޓޭ ގެންދަން އިޓަލީގެ އިންޓަ މިލާނުން ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. އެކަމަކު އެ ޓީމުން މިހާރު ވަނީ ރޯމާގެ ކުރީގެ ކޯޗު ލޫސިއާނޯ ސްޕެލެއްޓީ ގެނެސްފަ އެވެ.