ނަސްލީ ގޮތުން ދިމާކޮށްފިނަމަ މެޗު ހުއްޓުވުމުގެ ބާރު ރެފްރީންނަށް ދީފި
ނަސްލީ ގޮތުން ދިމާކޮށްފިނަމަ މެޗު ހުއްޓުވުމުގެ ބާރު ރެފްރީންނަށް ދީފި

މޮސްކޯ، ރަޝިއާ (ޖޫން 16) - ނަަސްލީ ގޮތުން ދިމާކޮށްފިނަަމަ މެޗު ހުއްޓުވުމުގެ ބާރު ރެފްރީންނަށް ދިނުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ނިންމައިފި އެވެ.

މާދަމާ ރަޝިއާގައި ފަށާ ފީފާ ކޮންފެޑެރޭޝަން ކަޕުން ފެށިގެން، ރެފްރީންނަށް މެޗެއް ކުރިއަށްދަނިކޮށް ނަސްލީގޮތުން ދިމާކުރުމުގެ މައްސަލަތަކެއް ފެނިއްޖެނަމަ މެޗު ހުއްޓުވޭނެ ކަމަށް ފީފާ އިން ވަނީ ނިންމައިފަ އެވެ.

ފީފާއިން ރެފްރީންނަށް ބާރު ދީފައިވަނީ ނަސްލީ ގޮތުން ދިމާކުރުމުގެ މައްސަލައެއް ދިމާވެއްޖެނަމަ ފުރަތަމަ މެޗު ހުއްޓާލުމަށް ފަހު އެކަން ނުކުރުމަށް ނަސޭހަތް ދިނުމަށެވެ. އަދި އެކަން ނުހުއްޓައިފިނަމަ މެޗު ސަސްޕެންޑް ކުރަން ޖެހިދާނެ ކަމަށް އެންގުމަށެވެ. އަދި އެ ވަރުން ވެސް ނަސްލީ ގޮތުން ދިމާކުރުން ނުހުއްޓައިފިނަމަ މެޗު އެއްކޮށް ހުއްޓާލުމަށް ފީފާއިން ވަނީ ރެފްރީންނަށް އަންގައިފަ އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ މިއީ ފުޓްބޯޅައިން ނަސްލީ ތަފާތު ކުރުން ހުއްޓުވުމަށް އެޅޭ ވަަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.

"މިއީ ވަރަށް މުހިއްމު ކަމެއް. ނަސްލީ ގޮތުން ދިމާކުރުމުގެ މައްސަލަތަކަކީ ފުޓްބޯޅައިގައި އާންމު ވަމުން އަންނަ ކަމެއް. ފީފާއިން ވަނީ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ނަސްލީ ގޮތުން ދިމާކޮށްފިނަމަ މެޗު ހުއްޓާލުމުގެ ބާރު ރެފްރީންނަށް ކޮންމެވެސް ވަރަކަށް ދީފައި. އެކަމު ކޮންފެޑެރޭޝަން ކަޕުން ފެށިގެން އެ ބާރު އެއްކޮށް ރެފްރީންނަށް ދިނުމަށް ނިންމައިފިން،" އިންފަންޓީނޯ ވިދާޅުވި އެވެ.

ފީފާއިން ބުނީ ނަސްލީ ގޮތުން ދިމާކުރުމުގެ ކަންތައްތައް މޮނިޓާކޮށް އެކަން ހުއްޓުވުމަށް ރެފްރީންނަށް އެހީތެރިވުމުގެ ގޮތުން ކޮންމެ މެޗެއްގައި ވެސް ދެ ޓީމާއި ސަޕޯޓަރުންގެ ކަންތައްތައް އޮބްޒާވްކުރަން ބަޔަކު ތިބޭނެ ކަމަށެވެ.

ނަސްލީ ގޮތުން ދިމާކުރުމުގެ މައްސަލަތައް ޔޫރަޕްގެ ނަން މަޝްހޫރު ލީގުތަކުގައި އަންނަނީ ދިމާވަމުންނެވެ. އެގޮތުން އިޓަލީ ލީގާއި ރަޝިއާ ލީގުގައި އެފަދަ މައްސަލަތަކެއް ފާއިތުވި ސީޒަނުގައި ވެސް ވަނީ ކުރިމަތިވެފަ އެވެ.

ދުނިޔޭގެ އެކި ބައްރުތަކުގެ ޗެމްޕިއަނުން ވާދަކުރާ ކޮންފެޑެރޭޝަން ކަޕް ފަށާނީ މާދަމާ އެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބައްވާ ގައުމު ރަޝިއާ އާއި ނިއު ޒީލެންޑްގެ އިތުރުން ޕޯޗުގަލް އަދި މެކްސިކޯ އެވެ. ގްރޫޕް ބީގައި އޮތީ ކެމަރޫން، ޗިލީ، އޮސްޓްރޭލިއާ އަދި ޖަރުމަނެވެ.