ސަންގުމަރުމަރު
ސަންގުމަރުމަރު

ޕާޓް 2: ޗެޕްޓާ 2 - ހަލުވާ

ލޯގަނޑު ކުރިމަތީގައި ހުއްޓިލައިގެން ހުރިއިރު ފަހަތުގައި މަޑުކޮށްލައިގެން ހުރި އަނދިރި ފުރޭތަ ޖަމާލަށް ވަރަށް ސާފުކޮށް ފެނެއެވެ. އެއީ އޭނާގެ ހިޔާލުގައިވީ ދެއްވެއް ނޫނެވެ. ދޮންދަގަނޑުގެ ދެ ދަޅު ފަޅައި އަނގުރު އަލިފާނުން އަނދަމުން ދިޔަ ދެ ލޮލެވެ. ނާށީގެ އަލިފާނުން އުފެދި ފުރިހަމަވެ މަޑުގިނީގައި އަނދަމުން މުޅި މާހައުލު އޮލަ ދުންގަނޑެއް ތެރެއަށް ގަންބަމުންދިޔަ މުޑުދާރުކަމެކެވެ. އޭގެ ދިލަ އާއި ހޫނުން ބުރަކަށީގެ ހަންގަނޑު ފިއްސަމުން ގޮސް އެންމެފަހުން އެ ފުރޭތަ ކުއްލިއަކަށް ފުންމައިގެން އައިސް ޖަމާލުގެ ގައިގައި ބަގުޑިބައްދައިގަތެވެ.

އެއާއެކު އިސްކުރު ދޫކޮށްލުމަށް ފަހު ސިންކާ ދިމާލަށް ގުދުވެ ޖަމާލް ކުއްލިއަކަށް މޫނަށް ފެންޖަހައި ދެ އަތުން އެ ފެންތައް ބާރަކަށް ފޮހެލިއެވެ. އަނދަމުންދިޔަ ނަފުސަށް އިހުސާސްކުރެވުނު ފިންޏާއެކު ތެދުވެ އަނެއްކާވެސް ލޯގަނޑުން މޫނު ބަލައިލިއެވެ. އެ މޫނުމަތީގައި މިހާރު ވަނީ ބެބުޅުމެކެވެ. ފާހާނާ ތެރޭގައި ދިއްލާފައި އޮތް ހުދު ބޮކީގެ ގަދަ އަލިކަމެވެ.

ބޮކި ނިއްވާލާފައި ޖަމާލް ނުކުތްއިރު ނަރީމާ ހުރީ އޭނާއާ ދިމާލަށް ކަޅިއަޅައިގެންނެވެ. ލޯގަނޑުން ފެނުނު ފުރޭތައަށް ވުރެން ވެސް ހުތުރު ވައްތަރެއް މޫނަށް ޖައްސައިގެންނެވެ. އެކަމަކު ފަހަރުގައި މިއަދު މިއީ ނަރީމާގެ އެ ކުނި މޫނު އެގޮތަށް ފެންނާނެ އެންމެ ފަހު ދުވަހެވެ. ނުވަތަ އެ ނުލަފާ އަންހެނާގެ މޫނު ހަމަ އަސްލަށް ވެސް ކުނިވާން ދޫކޮށްލާފައި ޖަމާލް އަބަދުގެ އަބަދަށް އޭނާގެ ހަށިފޮޅައިލާނެ ދުވަހެވެ. އަދި މިދުވަހަކަށް ޖަމާލްގެ ހިތް އިންތިޒާރުކޮށް އޭނާގެ ހަލަބޮލިވި ސިކުނޑި ތައްޔާރުކުރަމުންގެންދާތާ މިހާރު އެތައް ދުވަހެކެވެ.

"ކަލެއާއެކު އާދެވުނު މޮޔަ ހިތަށް އަރާ އެބަ މިހާރު. ދެން ވެސް އަވަސްކޮށް ބަލަ،" ލުއްސައިގެންދާހާ ބާރަށް ކޮޓަރީގެ ދޮރުފަތް އަޅުވައިލުމަށް ފަހު ހޮނުގުގުރިއަކާ އެކު ނަރީމާ ގެއްލިއްޖެއެވެ.

މިއީ ނަރީމާ އާއި ޖަމާލްގެ ހަތް ވަނަ އެނިވާސަރީއެވެ. ދެ މީހުން ފެހެންދު އަށް އައިސް މި ތިބީ އެއްގޮތަކަށް ވެސް ނަރީމާ ބޭނުންވެގެނެއް ނޫނެވެ. މިއީ ޖަމާލް އާދޭސްކޮށް ކިޔައިގެން އައި ދަތުރެކެވެ. އޭނާގެ ރޭވުމެކެވެ. ނަރީމާ އޭނާގެ ދަރީގެ ބައްޕައާ އެކު ސިއްރުން ދިޔަ ދަތުރުތައް ފަޅާއެރި ހިސާބުން ފެށިގެން ޖަމާލް ރާވަމުންދިޔަ ދަތުރެކެވެ.

"ކޮން އިރަކުތަ އެންމެފަހުން މި ރަށަށް އައީ؟"

ޖަމާލްގެ މި ސުވާލާއެކު ހީވީ ނަރީމާގެ ބޮލަށް އުޑު ވެއްޓުނުހެންނެވެ.

ދެ މީހުން އެތިބީ ފެހެންދޫގެ ފުން ވިލުގައެވެ. އުޑަށް ވުރެން ވެސް ހިތްގައިމު ފުން ހިސާބެއްގައެވެ. އެ ފުންކަމުގެ މަތީގައި މަޑު ދުވެލީގައި ދަތުރުކުރަމުން ދިޔަ ރީނދޫކުލައިގެ ކެނޯއީއެއްގައެވެ.

ޖަމާލުގެ ސުވާލާއެކު ނަރީމާގެ ހަރަކާތްތައް ހުއްޓުނެވެ. ދެ އަތުން ހިފަހައްޓައިގެން ހުރި ފަލި ފެނުންކެޓިއެވެ. ޖަމާލް އިނީ ނަރީމާގެ މޫނުމައްޗަށް ވެރިވަމުންދިޔަ ޖަޒުބާތުތަކަށް ފާރަލައިގެންނެވެ.

"ކީކޭ ކިޔަންތަ ޖަމާލް ތި އުޅެނީ؟"

ނަރީމާގެ ރާގު އާދައިގެ މަތިން ހުތުރުވެފައި ބާރެވެ. އެކަމަކު ދެން ވެސް އެ ދެ އަތުގައި ބާރު ޖެހޭ ގޮތެއްނުވިއެވެ. އެކަމަކު ޖަމާލްގެ ސުވާލުގައިވީ ބާރު ނަރީމާ އަށް ވަރަށް ސާފެވެ.

ޖަމާލް އަނެއްކާވެސް ފަލި ޖަހައިގަތެވެ. ތިބި ހިސާބަށް ވުރެން ވެސް ފުނަށް ދިއުމަށެވެ.

"ޖަމާލް އަހަރެން ބޭނުމީ ހަމަ މިހާރު ގެއަށް ދާން."

ނަރީމާގެ އަޑުގައިވީ ހާސްކަން ބުނެދިން ހަގީގަތް ވަރަށް ވެސް ސާފެވެ. އަދި ޖަމާލްގެ ހިތް އޮތް ގޮތް ވެސް ވަރަށް ސާފެވެ. ނަމަވެސް ޖަމާލްގެ ހަމަލާ އައީ އިތުރު އިންޒާރެއް ދިނުމެއް ނެތިއެވެ.

ލޮނުގަނޑު ތެރެއިން ދަމައިގަތް ފަލީގެ ދޫގަނޑުން ޖަމާލް ކުއްލިއަކަށް ނަރީމާގެ ބޮލުގައި އެތި ފަހަރެއް އަޅުވައިލިއެވެ. ފަޅައިގެންދިޔަތަނުން ދުނި ޖަހާފައި ލޭތައް އުދުހި ބުރައިގަތެވެ. އަދި އިރުކޮޅެއް ނުވެ ފެހެންދޫގެ ފުންވިލަށް ނަރީމާ ވެއްޓިއްޖެއެވެ.

ވިލުނޫކުލައިގެ ހިތްގައިމުކަމަށް ނަރީމާގެ ލޭތައް ފޭދި މަޑުމަޑުން އެ ފުންކަމަށް އޭނާ ގެނބެމުންދިޔަ މަންޒަރު ބަލަން ހަމަޖެހިލައިގެން އިން ޖަމާލްގެ މޫނުމަތިން ފާޅުވަމުން ދިޔައީ ފާޑެއްގެ އުފާވެރިކަމެކެވެ. ޖަމާލްގެ ހަޔާތުގައި ޖަހާފައިވީ ޗެންޗޭނުން އެއް ޗޭނު ކަނޑަށް ދޫކޮށްލެވުމުގެ އުފާވެރިކަމެވެ. އެކަމަކު އޭގެ ގަޑި ދެގަޑިއިރު ފަހުން ފަތާފައި ގޮސް އެއްގަމަށް އަރައި ޖަމާލް ރޮއި ހޭރެމުންދިޔައިރު ޖަމާލް އެ އައީ ނަރީމާގެ ދުވަސް ކަނޑަށް ދުއްވާލާފަކަން އެނގޭ ހަމަ އެކަކު ވެސް އެތަނުގައި ނުވެއެވެ.

ނަރީމާ ކަނޑުގެ ފުންމިނަށް ގޮސް ގެއްލުނީއެވެ. އެކަމަކު ދެން ވެސް ޖަމާލްގެ ހިތާއި ބޮލާއި ނަފުސުގައި ރޯވެފައިވީ އަލިފާންގަނޑު ނިއްވާލެވޭ ގޮތެއްނުވިއެވެ. އެ އަތުގައި ހެދިފައިވާ ފާރުތައް ފަސޭހަވާގޮތެއް ނުވިއެވެ. ހަށިގަނޑުގެ އެތަން މިތަނުގައި އަޅަމުންދިޔަ ވޭން ފަސޭހަވާ ގޮތެއްނުވިއެވެ.

އެ އަނިޔާ އާއި ވޭން އޭނާ ދަމައިގެން ގޮސް އެއްލި އަނދިރިކަމުން ސަލާމަތްވުމަށް އެދި ރައްބި އަށް ކިޔަމަންވެ ސަޖިދަޖަހައި ހޭރިގަނެވުނީ އެ ނޫން އެހެން ގޮތެއް ނެތް ކަމަށް ވިސްނައިދިން ބަޔަކާ ބައްދަލުވި ހިސާބުންނެވެ. ހަޔާތުން ނަރީމާ ކޮށައި ކަނޑަށް އެއްލައިލިތާ އޭރު ދެ ތިން އަހަރުވެއްޖެއެވެ. އެކަމަކުވެސް ޖަމާލްވީ ދެން ވެސް އޭނާގެ ދިރިއުޅުން އުފެއްދި ދެވިތަކުގެ ވަކިތަކުގައި ޝިކާރަވެ ހަސްނެތިފައެވެ.

"މަގޭ އަމިއްލަ އިހުތިޔާރާއި ބާރު ކޮބައި ހެއްޔެވެ؟"

ޖަމާލް ތެޅިފޮޅެމުންދިޔައީ މި ނުތަނަވަސްހިޔާލުން ވަރުބަލިވަމުންނެވެ.

އެކަމަކު އޭނާ އަށް އަބަދުވެސް މަގު ދެއްކީ އެންމެ ގާތުގައިވީ ދެވިތަކެވެ. އެ ދެވިތައް އޭނާ އަށް ދެއްކީ އަނެއްކާވެސް އެހެން މަގެކެވެ. މަރީނާގެ ކިބައިން ބަދަލުހިފާނެ ގޮތެވެ. ބޮޑުބެ ފަރީދުގެ ދަރިންގެ ކިބައިން ބަދަލުހިފާނެ ގޮތެވެ. ބޮޑުބެގެ އަނދިރި ކޮޓަރިއެއްގައި އޭނާ އަށް ޖިންސީ ގޯނާކުރި މުޑުދާރު ފުރޭތަ މަރާލާނެ ގޮތެވެ.

"މި ނޫން އެހެން ގޮތަކަށް ތި އަލިފާންގަނޑު ނިއްވުމެއް ނެތެވެ."

ދެވިތައް ބުނާ ކަހަލައެވެ.

ލޯގަނޑު ކުރިމަތީގައި ހުއްޓިލައިގެން ހުރިއިރު ފަހަތުގައި މަޑުކޮށްލައިގެން ހުރި އަނދިރި ފުރޭތަ ޖަމާލަށް ވަރަށް ސާފުކޮށް ފެނެއެވެ. އެ ފުރޭތަ ކުއްލިއަކަށް ފުންމައިގެން އައިސް ޖަމާލުގެ ގައިގައި ބައްދައިގަތެވެ. އެއާއެކު އިސްކުރު ދޫކޮށްލުމަށް ފަހު ސިންކާ ދިމާލަށް ގުދުވެ ޖަމާލް ކުއްލިއަކަށް މޫނަށް ފެންޖަހައި ދެ އަތުން އެ ފެންތައް ބާރަކަށް ފޮހެލިއެވެ. އަދި ދެ އަތުގެ ބަނޑުފުށުގައި ހެދިފައިވީ ލަކުނުތަކަށް ބަލަހައްޓައިގެން ހުއްޓުނެވެ.

މިއަދު މިއީ އެ ދެ އަތުގައި އެންމެ ލޯބިން ހިފި މީހާއާ އަނެއްކާވެސް ބައްދަލުވާ ދުވަހެކެވެ.

ބޮކި ނިއްވާލުމަށް ފަހު ފާހާނާއިން ނުކުމެ ޖަމާލް އަލަމާރީގެ ދޮރުފަތް ކަހައި ހުޅުވާލިއެވެ. ކަޅުކުލައިގެ ގަމީހެއް ކޮނޑުން ދަމައިގެން ދެ އަތުން މަހާލައި ގަޔަށް ހެޔޮވަރުކޮށް ގޮށްއަޅުވަމުން ގޮސް ލޯގަނޑުގެ ކުރިމަތީގައި ހުއްޓިގަތެވެ. ފަހަތުގައި އެއްވެސް ފުރޭތައެއް ނެތެވެ. ފަހަރުގައި ކަޅުކުލައިގެ ގަމީހުގައި ނަލަހެދިލައިގެން އެހެރަ ފުރޭތަ އަށް ބިރުން އެހެން ހުރިހާ ފުރޭތައެއް ފިލީ އެވެ. އެކަމަކު ލޯގަނޑު ކުރިމަތީގައި ފަރިބަލަން ހުންނާކަށް ޖަމާލުގެ އަތުގައި ވަގުތެއް ނެތެވެ.

ކޮޓަރީގެ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ޖަމާލް ބަލައިލިއެވެ. އިރު އޮއްސެނީއެވެ. އިރު އޮއްސުމުން ގަޑި ޖެހުނީއެވެ. ފެރީ ކަޓައިފި ނަމަ ޖަމާލުގެ ރޭވުން ހަރާބުވީއެވެ.

މިއަދުގެ ދަތުރަށް އޭނާ ތައްޔާރުކުރީ ހަސަންފުތުބެޔަށް އެންމެ މީރު ހަލުވާއެވެ. ނުވަތަ ހަސަންފުތުބެގެ ކޮޓަރިއަށް ޖަމާލު ގެންދިޔަ ހަލުވާއެވެ.

"ޖަމާލަށް އެންމެ މީރީ ކޮން ކަހަލަ ހަލުވާއެއްތަ؟ ހަސަންފުތުބެޔާ އެކު އެ ކޮޓަރިއަށް ދާން ހިނގާބަލަ"

އާއިލީ ބައްދަލުވުމަށް ހާއްސަ ފެރީގައި ރާޅުތައް ކަފަމުން ގޮސް ދޫނިދޫގެ އެކަހެރި މާހައުލަށް ފޭބިއިރު ޖަމާލްގެ ބޮލުގައި އެނބުރެމުން ދިޔައީ މާ ކުރީގެ ހަނދާންތަކެކެވެ. ޖަލުގެ ފާރަވެރިޔާ ދެއްކި ގޮޅިއަށް ވަނުމުން ދެން ހީވީ އެ ހަނދާންތައް ދިރިގެން އައިސް އޭނާގެ ހަތަރެސްފައިގައި ކުއްލިއަކަށް ހިފިހެންނެވެ.

ދަބަރުހިލި އެނދެއްގައި އިން މުސްކުޅި ފިރިހެން މީހާއާ ދިމާލަށް ބަލަހައްޓައިގެން ޖަމާލް ހުއްޓުން އަރާފައި ހުއްޓައި ގާޑުކަލޭގެ ދޮރު ލައްޕައި ތަޅުލައިފިއެވެ.

"އަނެއްކާވެސް އަހަރެންގެ ފުރޭތައަކާ ބައްދަލުވީއެވެ. ފުރޭތައަކާ އެކު އެކަނިވީއެވެ."

ޖަމާލްގެ ހިތަށް އެރީ މިހެންނެވެ.

ހިފައިގެން ގެނައި ތަށިބަރި ރޫޅައި މޭޒުމަތީގައި ރީއްޗަށް ތަރުތީބުކުރުމަށް ފަހު ހަލުވާގެ ތަށިގަނޑު ނަގައި ޖަމާލް ހަސަންފުތުބެ އަށް ސަމުސަލަކުން ކާން ދޭން ފެށިއެވެ.

"ލޯބޯކޮށިވެ މުސްކުޅިގެ ގައި ބާރު ދޫވެފައިވާ މީހަކު ޖަލެއްގައި ބަންދުކޮށްގެން ގެންގުޅެންވީ ކީއްކުރަން ހެއްޔެވެ؟ ހަސަންފުތުބެޔަށް ލޯތްބާއި އަޅާލުން ދޭނެ ބަޔަކު މިއަދު ނެތީ ކީއްވެ ހެއްޔެވެ؟ ބޮޑުބެ ފަރީދު ހުރި ނަމަ ހަސަންފުތުބެޔަށް މިހާލެއް ނުޖެހުނީސްކަން ޔަގީނެވެ."

ޖަމާލްގެ ހިތަށް އަރައި ފައިބަމުންދިޔައެވެ.

ހަސަންފުތަކީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދާ މުސްކުޅިއެކެވެ. އޭނާ ބެހުނު ކުޑަކުދިންގެ އަދަދު އުމުރުން ހަމަނުވަނީސް ފުރާނަ ނުގެންދަވާނެ ތޯއްޗެވެ.

ހަސަންފުތަށް ކާންދީ ފެންވަރުވައި ނަލަކޮށް އޭނާގެ ގާތަށް އަރައި ޖަމާލް ވެސް އޮށޯތެވެ. މަންޒަރު ކިތަންމެ ސާފަސް ހަސަންފުތަށް ފެންނަނީ ފުސް މަންޒަރެކެވެ. އަދި ލޯ މެރުމަށް ފަހު އާ ދުވަހަކަށް އިރު އެރުމެއް ނުވެއެވެ. ޖަމާލް ގެނެސް ކާންދިން ހަލުވާގެ ވިހަ އެ ގެންދަނީ މަޑުމަޑުން އޭނާގެ މުސްކުޅި ފުރާނަ ޝިކާރަކޮށް ދަންމަމުންނެވެ.

އިރުއެރިއިރު ހަސަންފުތުގެ ފުރާނައެއް ނެތެވެ.

އެނދުން ތެދުވިގެން ގޮސް ޖަމާލް މަޑުކޮށްލީ މޫނު ދޮންނަ ތަށިގަނޑު ކައިރީގައެވެ. މޫނު ފެންނަގޮތަށް ފާރުގައި ހަރުކޮށްފައި ހުރި ލޯގަނޑުން އަމިއްލަ ތަސްވީރަށް ބަލަން ހުއްޓި ހުރިއިރު ޖަމާލަށް ޔަގީންވާ އެއް ކަމަކީ އޭނާގެ ދުނިޔެ ދެން ހުއްޓުމެއް ނެތް ކަމެވެ.

މޫނު ދޮވެ ބޮލުގައި ރީއްޗަށް ފުނާ އަޅައި ހަމަޖެހިލައިގެން އާއިލީ ބައްދަލުވުމަށް ހާއްސަ ފެރީގައި ޖަމާލް މާލެ އައީ ހުސެންފުތުބެގެ މަރު އޭނާ ބޭނުންވި ގޮތަށް ރަޖިސްޓަރީ ކުރުމަށް ފަހުއެވެ. ޖަލު ބަލަހައްޓާ އޮފިސަރުންނަށް މާ ކުރިން އޭނާގެ މި ހުރިހާ އިންތިޒާމުތަކަކަށް އަގު އަދާކޮށް ނިންމާފައި އޮތުމުން ޝައްކެއް އުފައްދާނެ ބަޔަކު އަދި ޝައްކެއް އުފައްދާނެ ޖާގައެއް ވެސް ނެތެވެ.

"އެކަމަކު މިއަދު ނީޒާ ކޮބައި ހެއްޔެވެ؟"

ފެރީން މާލެ އަށް ފޭބުމަށް ފަހު ޖަމާލްގެ ހިތަށް އެރީ މިހެންނެވެ. އާއިލީ ބައްދަލުވުންތަކުން ޖަމާލުގެ ހިތަށް ފިނިކަމެއް ގެނެސްދިން ޝަހުސިއްޔަތު ލޮލަށް ނުފެނުމުން ހިތުގައި ހަމަ ކުއްލިއަކަށް އުފެދުނު ސުވާލެކެވެ. ނުވަތަ ޖަމާލްގެ ހިތް ނީޒާ އަށް ހުސްވެފައި އޮތްވަރުން އެހިތަށް މި އަސަރެއް ކުރުވީ އެވެ.

ޖަމާލް ސައިކަލަށް އަރައިގެން ނައްޓާލިއެވެ. އޭނާގެ ދެވިތައް ގޮސް އެ ސައިކަލްގައި އެލިގަތެވެ.

ނީޒާ ތައްޔާރުވަމުން އެ ދަނީ ފަނޑިޔާރު ނަޖީބުގެ ޕެންޓުހައުސް އަށް ދިއުމަށެވެ. އެއީ ޕްރައިވެޓް ޕާޓީއެކެވެ.