22 ޖޫން 2016 - 10:52

ޕެރިސް، ފްރާންސް (ޖޫން 22) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސްޕެއިން ޓީމުގެ އެއް ވަނަ ފޯވާޑް އަލްވާރޯ މޮރާޓާ އިޓަލީގެ ޔުވެންޓަސް ދޫކޮށް، އޭނާގެ ކުރީގެ ކްލަބް ސްޕެއިނުގެ ރެއާލް މެޑްރިޑާ ގުޅިއްޖެ އެވެ.
ރެއާލް މެޑްރިޑުގެ ޔޫތު ޓީމުން ތަމްރީންވެ އެ ޓީމަށް ހަތަރު އަހަރު ކުޅުނު މޮރާޓާ 2014 ވަނަ އަހަރުގެ ޖުލައި މަހު ޔުވެންޓަސް އަށް ގެންދިޔައީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން 20 މިލިއަން ޔޫރޯ އަށެވެ. އެކަމަކު ދެ އަހަރަށް ފަހު އޭނާ 30 މިލިއަން ޔޫރޯ އަށް އަނބުރާ ގަތުމުގެ ފުރުސަތު ރެއާލަށް އޮތެވެ. ރެއާލުން އޭނާ އަނބުރާ ގަތީ އެ މާއްދާގެ ދަށުންނެވެ.
ކުރިން ބެލެވިފައި އޮތީ ރެއާލުން އޭނާ 30 މިލިއަން ޔޫރޯ އަށް ގަތުމަށް ފަހު ޗެލްސީ، އާސެނަލް ނުވަތަ މެންޗެސްޓާ ޔުނައިޓެޑަށް 50 މިލިއަން ޔޫރޯ އަށް ވިއްކާލާނީ ކަމަށެވެ. އެކަމަކު ރެއާލުގެ ކޯޗު ޒައިނުއްދީން ޒިދާން ބޭނުންވަނީ އޭނާ މަޑުކުރުވާށެވެ.
ޔޫރޯގައި މިހާތަނަށް ތިން ލަނޑު ޖަހާފައިވާ މޮރާޓާ އިޓާލިއަން ލީގު ދޫކޮށް ސްޕެނިޝް ލީގަށް ބަދަލުވިއިރު، މުބާރާތުގެ ދެ ވަނަ ބުރުގައި އަންނަ ހަފުތާގައި ސްޕެއިނާއި އިޓަލީ މިވަނީ ކުޅޭގޮތަށް ހަމަޖެހިފަ އެވެ. އިޓަލީގެ ގިނަ ކުޅުންތެރިން، ހާއްސަކޮށް ފަހަތަށް ކުޅޭ ހަތަރު ކުޅުންތެރިންނަކީ މޮރާޓާ އެކު މިދިޔަ ދެ ސީޒަނުގައި ޔުވެންޓަސް އަށް ކުޅުނު ކުޅުންތެރިންނެވެ.
މޮރާޓާ ވަނީ ޔުވެންޓަސް އާ އެކު އިޓާލިއަން ލީގާއި އިޓާލިއަން ކަޕް ދެ ފަހަރު ކާމިޔާބުކޮށް 2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. އޭގެ ކުރިން އޭނާ ރެއާލުގައި ހޭދަކުރި ދުވަސްވަރު އެ ޓީމާ އެކު ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ.