އެޕަލް އިން މި އަހަރު ތިން ވައްތަރެއްގެ ފޯނު ނެރެފާނެ
އެޕަލް އިން މި އަހަރު ތިން ވައްތަރެއްގެ ފޯނު ނެރެފާނެ

އެޕަލް އިން މި އަހަރު ތިން ވައްތަރެއްގެ ފޯނު ބާޒާރަށް ނެރެފާނެ ކަމުގެ އަޑުތައް ފެތުރެން ފަށައިފި އެވެ.

އެޕަލް އިން މިހާރު ވަނީ މި އަހަރު ބާޒާރަށް ނެރެން ނިންމާފައިވާ ފޯނުތައް އުފައްދަން ފަށާފައި ކަމަށް، ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ "މޮބިޕިކަ" ވެބްސައިޓުން ބުނެފައިވެ އެވެ. އެ މީހުން އެހެން ބުނެފައި ވަނީ އެޕަލްގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހުރި ފަރާތަކާ ހަވާލާ ދެމުންނެވެ.

އެޕަލްގެ އުފެއްދުންތައް ބާޒާރަށް ނެރުމުގެ ކުރިން އެ ތަކެއްޗާ ބެހޭ ގޮތުން މީގެ ކުރިން ވެސް މައުލޫމާތު އާންމުކޮށްފައިވާ ފަރާތަކާ ހަވާލާދީ ވެބްސައިޓުގައި ބުނެފައި ވަނީ އައިފޯން 7، އައިފޯން 7 ޕްލަސް އަދި އައިފޯން 7 ޕްރޯ ނުވަތަ ޕްލަސް ޕްރިމިއަމްގެ ނަމުގައި ތިން ފޯނެއް އުފައްދަމުން އަންނަ ކަމަށެވެ.

އެޕަލްގެ ޑިވައިސްތައް އުފައްދާ ފޮކްސްކޮން އާއި ޕެގަޓްރޮން އިން މަސައްކަތް ހަލުވިކުރުމުގެ ގޮތުން މި ދުވަސްވަރު ވަނީ މުވައްޒަފުން ވެސް އިތުރުކޮށްފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ އަހަރު އެޕަލް އިން ނެރުނު އައިފޯން 6އެސް އާއި 6އެސް ޕްލަސް އިން ކަސްޓަމަރުންނަށް އެކަށީގެންވާ ހިތްހަމަޖެހުމެއް ގެނެސް ނުދެވުނު ކަމަށް އެތައް ބަޔަކު ބުނެ އެވެ. އެޕަލްގެ ފޯނުތަކަށް އަޕްގްރޭޑް އަންނައިރު ޝައުގުވެރި ފީޗާތައް މަދު ކަމަށް ބުނާ މީހުންނަށް ރައްދު ދީ ވާދަވެރި ސެމްސަމްގު ހިފެހެއްޓުމަށް އެޕަލް އިން ބުރަކޮށް މަސައްކަތްކުރަންޖެހޭ ކަމަށް މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

އަޑު ފެތުރިފައިވާ ގޮތުގައި އެޕަލް އިން މި އަހަރު ނެރޭ ފޯނުގައި ޕްރައިމަރީ ދެ ކެމެރާ ހިމެނޭނެ އެވެ. އެކަމަކު މި ފީޗާ ހިމެނޭނީ އައިފޯން 7 ޕްލަސްގައި ކަމަށާއި އާދައިގެ އައިފޯން 7 ގައި ކެމެރާއަށް މާބޮޑު ބަދަލެއް ނުގެންނާނެ ކަމަށް ވެސް ބުނެ އެވެ.

އެހެން ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު އައިފޯނުގައި އިންނަ އޯޑިއޯ ޕޯޓް އެހެން ގޮތަކަށް ބަދަލުކުރުމާ އެކު ސްޓީރިއޯ ސްޕީކަރު ހިމަނާނެ އެވެ. އަދި މި ނޫނަސް ބޮޑެތި ބަދަލުތައް ގެންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު ދާއިރާގެ ތަޖުރިބާކާރުން ބުނަނީ އަންނަ އަހަރު އައިފޯނަށް 10 އަހަރު ފުރޭތީ މި އަހަރު މާބޮޑު ބަދަލެއް ފޯނަށް ނުގެނެސް އަންނަ އަހަރަށް ހާއްސަ ކަންތައްތަކެއް ކޮށްފާނެ ކަމަށެވެ.