ކުރު ވާހަކަ: ވަގުތު
ކުރު ވާހަކަ: ވަގުތު

އޮފީހަށް ދާން ވަގުތު ކުޑަތަން ވެގެން ނިކުންނަނިކޮށް މަންމަ ގޮވިއެވެ. އަހަރެން ދޮރާއި ހަމައިން ހުއްޓިލީމެވެ. މަންމަ ވާހަކަދެއްކުމުގެ ކުރިން އެކުޑަ ވަގުތުކޮޅުވެސް ގަޑިއަށް ނަޒަރެއް ދެވުނެވެ. ސިޓިންރޫމްގައި މަންމަ އޮންނަނީ ސިންގަލް އެނދެއްގައި ތުނި ގޮދަޑިއެއް އަޅާފައި ބާއްވާފައެވެ. ފާޚާނާއަށް ވެއްޓި ފައި ބިދުނު ފަހުން ނުހިނގެއެވެ. އޭގެ ފަހުން މިހާރު ދިހަ ވަރަކަށް އަހަރު ވެދާން އުޅެއެވެ. މަންމަ ސުވާލު ކުރީ އަހަރެން ނިމޭނެ އިރަކާއި ބެހޭގޮތުންނެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އަހަރެންވެސް ފުރަތަމަ ކޮށްލީ ސުވާލެކެވެ. އެއީ މަންމަ ކަމެއް ބޭނުންވީތޯއެވެ. މަންމަ ޖަވާބުދިނީ އިދިކޮޅަށެވެ. ކަމެއް ބޭނުންވީކީއެއް ނޫނެވެ. މަންމަ އަބަދުވެސް އަހަރެން ގެއިން ނިކުމެފައި އަންނާނެ އިރެއް ބަލައެވެ. އިރު އޮއްސުމުގެ ކުރިން އާދެވޭތޯ ބަލާނެ ކަމަށް ބުނެފައި ނިކުތީއެވެ.

އޮފީހަށް ވަން ގޮތަށް ފުރަތަމަވެސް އޮތީ ބައްދަލު ވުމެކެވެ. އޭގައި ހައްޔަރުވެފައި އިންދާ ދުވަހުގެ ބޮޑުބައި ނިމިގެން ދިޔައެވެ. ބަނޑުހައިކަން އުދަނގޫ ކުރަން ފެށުމުން ލިބުނު ހުސްވަގުތު ބޭނުން ކުރީ ކެއުމަށެވެ. އެނބުރި އައިސް އަނެއްކާވެސް މަސައްކަތް ތަކުގައި ބަނދެވިފައި ހަވީރު ވަންދެން އިންނަން ޖެހުނެވެ.
ގެއަށް ދާން ނިކުތްއިރު ތުނިކޮށް ވާރޭ ވެހެމުން ދިޔައެވެ. ގެއަށް ވަދެވުނު އިރު ހުރީ ހިސާބަކަށް ތެމިފައެވެ. ހުއްޓިނުލާ މަސައްކަތް ކުރުމުން ސިކުނޑި ވަރުބަލިވެފައި ވަނީ މިހެންނަކުން ނޫނެވެ. އަހަރެން ބޭނުންވީ ނިދާލުމަށެވެ. މަންމަ ނިދާފައި އޮތުމުން މަންމައަށް ނުގޮވާ ވަދެގެން ދިޔައީ ކޮޓަރިއަށެވެ. ފެންވަރައިގެން ނިކުތް ޖައްސާލި ހެނެއް ހިއެއްނުވެ ނިދިއްޖެއެވެ.

ހޭލެވުނުއިރު ކޮޓަރިތެރެ އަނދިރިކަމުން ހީވަނީ އެހެން ކަމެއް ހެންނެވެ. ގަޑި ބަލާލިއިރު އަށެއް ޖަހައިފިއެވެ. މޫނު ދޮވެލައިގެން އަހަރެން ނިކުތީ ފެންޑާއަށެވެ. އޭރު ދޮންބެ ސޯފާގައި ޚަބަރު ބަލަން އިނެވެ. އެނދުގައި އޮތް މަންމަގެ ނަޒަރުވެސް ހުރީ ޓީވީއަށެވެ. އަހަރެންގެ ފިޔަވަޅުގެ އަޑު އިވުމުން މަންމަ ބަލައިލިއެވެ.
އަހަރެން ގޮސް ކައިރިވެފައި މަންމަގެ ހާލު އަހާލުމަށްފަހު ވަދެގެން ދިޔައީ ބަދިގެއަށެވެ. ދޮންބެ އަންހެނުން ރިދާ އޭރު މޭޒުމައްޗަށް ކާތަކެތި ނަގަން އުޅެއެވެ. އަހަރެން ރިދާ އާއި ބައިވެރިވެރިވީމެވެ. މަންމައަށް ކާންދޭން ހަފްސާ އައިސް ބަތް ތަށި މޮޑެގެން ގެންދިޔައެވެ. ދޮންބެ އައުމުން އަހަރުމެން ދެބެން ކެއީ އެކުގައެވެ. މަންމަގެ ކަކުލަށް ބޭސް ފަރުވާ ކުރަން ދާން ރާވަމުންދާ ދަތުރުގެ ވާހަކަ ދޮންބެ ފެށިއެވެ. އަހަރެންނާއި ދޮންބެ ކެނޑިނޭޅި މަސައްކަތް ކޮށްގެން ފައިސާ އެއްކުރަމުން މިދަނީ އެމަޤްސަދުގައެވެ. މަންމައަށް ހުރިހާ ޚިދުމަތެއް އެންމެ ފުރިހަމައަށް ދޭން އަހަރުމެން ބޭނުންވެއެވެ. ގޭގައި ބަހައްޓަން ގަނެފައި ހުންނަ ނެބިއުލޭޒަރ އަކީ އޭގެ ހެއްކެވެ. އާންމުކޮށް ރޯގާ ޖެހިލާއިރަށް މަންމަ ގަދައަށް ކެއްސަން ފަށައެވެ. ނެބިއުލައިޒް ނުކޮށް އެއްފަހަރުވެސް ރަނގަޅެއް ނުވެއެވެ. އަބަދު އެކަމުގައި ހޮސްޕިޓަލަށް ނުގޮސް ވާނެ ގޮތަށް އަހަރުމެން އޭގެ މެޝިނެއް ގަތީއެވެ. ނުހިނގޭ މީހަކު އުފުލާލައިގެން ހޮސްޕިޓަލަށް ގެންގޮސް ގެނެސް ހެދުމަކީވެސް ފަސޭހަ ކަމެއް ނޫނެވެ.

ކައިގެން އަހަރެން ނިކުތްއިރު މަންމަ ތެދުވެ އެނދުގެ ފަޑީގައި ލެނގިލައިގެން އިނީ ކާށެވެ. ބަތް މޮޑެ، ތައްޓަށް ސަމުސާ ލައިފައި ދިނުމުން މަންމަ އެކަނި ކައެވެ. ހަފްސާ އެތާ ހުރި ގޮނޑިއެއްގައި އިނީ މަންގެ ފެންތަށި ހިފަހައްޓާލައިގެންނެވެ. އަހަރެން ގޮސް މަގަތުގައި އިށީނދެލުމުން މަންމަ އެދުނީ ބާލީސް ދޮށް ބެލުމަށެވެ. އެތަނުން އަހަރެން ނެގީ ފޮތެކެވެ. ތާރީޚީ ވާހަކަ ކިއުމަށް މަންމަ އަބަދުވެސް ފޯރި ހުރެއެވެ. އެއީވެސް އެޒާތުގެ ވާހަކަ ފޮތެކެވެ.

މަންމަ ފޮތް ކިޔައިދޭން އެދުނީ އައިނުން މިހާރު ކިޔަން ނޭނގެއޭ ބުނެފައެވެ. އަހަރެން ފޮތް ހުޅުވާލީމެވެ. ދެ ސަފްހާ ކިޔައިލެވުނުތަނާ އާ ފުރެން ފެށިއެވެ. ފޮތް ކިއުމަކީ އަހަރެން އަބަދުވެސް ފޫހިވާ ކަމެކެވެ. އަހަރެން ހަފްސާއަށް ގޮވާފައި ފޮތް ކިޔައިދޭން އެދުނީމެވެ. ހަފްސާ އަހަރެން މެދުކަނޑާލި ހިސާބުން ކުރިއަށް ގެންދަން ފެށިއެވެ. މަންމަ އިނީ އަޑު އަހާށެވެ.

ދެމަހެއްހާ ދުވަސް ފަހުން އަހަރުމެން މަންމަ ގޮވައިގެން ބޭރަށް ފުރީމެވެ. މަންމަގެ އުމުރު މިހާރު ހުރި ހިސާބަށް ބަލާފައި ކުރީގެ ބާރު ނާންނާނެކަން އަހަރުމެން ޤަބޫލު ކުރަމެވެ. މަންމަދެއްކި ޑޮކްޓަރވެސް ބުނީ އެހެންނެވެ. އެކަމަކު މަންމަ ހިތްވަރު ކޮށްފިއްޔާ އަސާގަނޑެއްގެ އެހީގައި އެކަނި އުޅެލެވޭވަރު ވާނެ ކަމުގައި ބުންޏެވެ. އަހަރުމެން އުފަލުން ފޮޅުނެވެ.

ބޭރުގައި ތިން ހަފްތާ ވަންދެން ބޭސްކޮށްފައި އައީ ރަށަށެވެ. ބޭސް ކަމުން އެކޮޅުން ދަސްކޮށްދިން ތެޔޮ ދަމައި ކަސްރަތުތައް ކުރުވަމެވެ. ހެނދުނާއި ހަވީރު މަންމަ ހަފްސާއާއިއެކު އަސާގަނޑު ހިފައިގެން ހިނގަން މަސައްކަތް ކުރެއެވެ. އަހަރެމެންގެ ތާވަލް އޮންނަނީ ކުރިއެކޭ އެއްގޮތަށެވެ. އަބަދުވެސް ކެނޑިނޭޅި މަސައްކަތުގައެވެ. ދުވަހަށްވުރެ ދުވަހެއް މަންމަ ރަނގަޅު ވަމުން އައިސް އަސާގަނޑުގެ އެހީގައި އެކަނި ހިނގޭވަރު ވިއެވެ. އޭގެ ފަހުން އަހަރެން އޮފީހަށް ދާ ގަޑީ މަންމަ އަބަދުވެސް މަގުމައްޗަށް ނިކުމެ ބަލަން ހުރެއެވެ. އެނބުރި އަންނަނީ އަނެއްކާވެސް މަންމަ އެތާ ހުއްޓައެވެ.

ވިއްސާރަ ދުވަހެއްގައި އަވަހަށް ގެއަށް އަންނަން އުޅެނިކޮށް އަހަރެން އެކްސިޑެންޓްވިއެވެ. ބިނދުނީ ކަނާތު ފައެވެ. ޕްލާސްޓަރާއެކު އަހަރެން ގެއަށް ދޫކޮށްލިއެވެ. އެހިސާބުން މަންމަ ކުރިން އޮތް މަޤާމުގައި އޮންނަން ޖެހުނީ އަހަންނަށެވެ. ފޫހިވެގެން ގޮތެއް ނެތުނަސް ކުރިއަކަށް ނުދެވެއެވެ. އެކަނިވެރިކަމް ހަފަރާތުން އައިސް ކަމުންދާ ކަހަލައެވެ. ދިހަ އަހަރު ވަންދެން މަންމަ ވޭތު ކުރި ހިތި ދުވަސްތައް އަހަރެންނަށް އިހްސާސްވީ ދެނެވެ. އެއްރެއަކު އަހަރެންނަށް ނުނިދިފައި އޮތްވާ މަންމަ އައީ ވާހަކަ ފޮތެއް ހިފައިގެންނެވެ. އަހަރެންގެ ފޫހި ފިލުވައިދޭން މަންމަ ފޮތް ކިޔައިދޭން ފެށިއެވެ. އެކަނިވެ ފޫހިވެފައި އޮތް އަހަރެންގެ ހިތަށް އެކަމުން ފިނިކަން ލިބުނެވެ. ވާހަކައާއި ޝައުޤުވެރި ވެގެނެއް ނޫނެވެ. އެކަނި ފިލުވަން މަންމަ އިނީތީއެވެ. އެމޫނު ފެންނަ ހިސާބުގައި ވީތީއެވެ. އަޑު އަހަން އޮތްވާ އަހަރެންނަށް ރޮވުނެވެ މަންމަވެސް އަހަރެން ކައިރީ ފޮތް ކިޔައިދޭން އެދުނީ އައިނުން ކިޔަން ނޭނގިގެނެއް ނޫނެވެ. މަންމަވެސް ބޭނުންވީ އެކަނިވެރިކަން ފިލުވައިދޭން ބައިވެރިއެއް ކަމުގައި އަހަރެން ވެދިނުމަށެވެ. މުޅި ދުވަހުގެ ބޮޑުބައި މަސައްކަތުގައި ހޭދަކޮށްފައި އައިސް ލިބޭ ހުސް ވަގުތު މަންމަ ފެންނަ ހިސާބުގައި އަހަރެން ވުމަށެވެ. އަހަރެން ގެއިން ނިކުންނައިރު އަންނާނެ ވަގުތު މަންމަ ހޯދަނީވެސް އެ ބޭނުމުގައެވެ. އަހަރެމެން ނެތުމުން އަހަރެމެން މަތިން މަންމަ ހަނދާން ކުރެއެވެ. ފަޅުކަން އިހްސާސް ކުރެއެވެ. އަހަރުމެން ކުރާ މަސައްކަތް މަންމަ ބަލައި ނުގަންނަނީއެއް ނޫނެވެ. އެކަމަކު އެހުރިހާ ކަމަކަށްވުރެ ބޮޑަށް މަންމަ ބޭނުންވީ އަހަރެމެން މަންމައަށް ވަގުތު ދޭށެވެ.

އަހަރެން ރޮއި ރޮއިފައި މަޢާފަށް އެދުމުން މަންމަ އަހަރެންގެ ބޮލުގައި ފިރުމައިލިއެވެ. މަންމަގެ ހިތުގައި ޝަކުވާއެއް ނެތްކަން ހާމަ ކުރުމުން ކުރިއަށްވުރެ ބޮޑަށް ރޮވުނެވެ.

ފައި ރަނގަޅު ވެގެން ހިނގެން ފެށުމުން އަހަރެންގެ ހުސްވަގުތުގެ ބޮޑުބައި މަންމައަށްޓަކާ ހުސް ކުރީމެވެ. ހެނދުނާއި ހަވީރު މަންމަ ގޮވައިގެން ހިނގަން ނިކުންނަނީ އަހަރެންނެވެ. އަހަރެން ޅައިރު ބަތް މޮޑެފައި ދޭހެން އަހަރެންގެ އަތުން ބަތް މޮޑެފައި މަންމައަށް ތަށި ދެމެވެ. މަންމަގެ ސަބަބުން ތާރީޚީ ވާހަކައަށް ޝައުޤު އުފެދިގެން ދެމީހުން ވާހަކަ ކިޔަމެވެ. މަންމަ އިންނަނީ އަޑު އަހާށެވެ. ކިޔަނީ އަހާށެވެ. އިސާހިތަކު މަންމަގެ އެކަނިވެރިކަން ފިލައި އަބަދުމެ ހިނިތުންވެފައި ހުންނަން ފެށިއެވެ. -- ނިމުނީ --