21 ޖޫން 2017 - 08:17

އެސަސިންސް ކްރީޑް ސިލްސިލާ ގޭމުތަކަށް 10 އަހަރު ވެއްޖެ އެވެ. މި މަހު ބޭއްވި އީ-3 އެކްސްޕޯގައި "އެސަސިންސް ކްރީޑް އޮރިޖިންސް" ދައްކާލި އެވެ. ބައިވެރިވި މީހުންނަށް ވަނީ ގޭމު ތަޖުރިބާ ކުރުމުގެ ފުރުސަތު ދީފަ އެވެ. މި ތަޖުރިބާކުރި މީހުން ބުނީ އޮކްޓޫބަރު ގައި ބާޒާރަށް ނެރެން ތައްޔާރުވަމުންދާ "އެސަސިންސް ކްރީޑް އޮރިޖިންސް" އަށް ކުރީ ގޭމު ތަކާ އަޅާބަލާއިރު ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމެވެ.

"އެސަސިންސް ކްރީޑް އޮރިޖިންސް"ގެ އެންމެ ފާހަގަކޮށްލެވޭ އެއް ފީޗާ އަކީ ވަގުތު ހޭދަކުރަން ފާސްޓް ފޯވާޑް ކުރުމުގެ ގާބިލް ކަން ދީފައި ވުމެވެ. ފިތަކަށް އޮބާލާ އިރަށް ސްކްރީނުން ޒޫމް އައުޓް ކޮށްލަނީ ޕެނަރޯމާ އަކަށެވެ. މި ޗާލު މަންޒަރުގައި ބާރު ސްޕިޑްގައި ގަޑި ކުރިއަށްދާ ތަން ފެންނަނީ އިރާއި ވިލާތަކުގެ ދުވެލިންނެވެ. އެސަސިންސް ކްރީޑުގައި ސިއްރުން ހިންގަން ޖެހޭ ކުއެސްޓެއް ކުޅެން ބޭނުން ވީމާ ފާސްޓް ފޯވާޑް ކޮށްލައިގެން މިހާރު އެ ކުއެސްޓް ކުޅެވޭނެ އެވެ.
ގޭމް ކުޅެން ފަށާތާ މާ ގިނަ ވަގުތެއް ނުވެ މުޅި މެޕް ފެނި، ބޭނުން ތަނަކަށް ދަތުރު ކުރެވޭނެ ކަމަށް އީ-3 ގައި މި ގޭމު ކުޅުނު މީހުން ބުންޏެވެ. ކެރެކްޓާގެ ލެވަލް ދަށްވިޔަސް މަތީ ލެވަލްތަކުގެ ހިސާބުތަކަށް ގޮސް ހިތްވަރު ކޮށްގެން ކުއެސްޓްތައް ކުޅެންވީ އެވެ.
މި ގޭމުގައި މިނީ މެޕް ނައްތާލާފައި ވުމީ ގޭމްޕްލޭ އަށް ލިބުނު ބޮޑު ކުރި އެރުމެއް ކަމަށް ގޭމް ރިވިއުކުރި މީހުން ބުންޏެވެ. މިނީ މެޕްގެ ބަދަލުގައި ސަރަހައްދުތައް ކައިރިން ބަލަން ބޭނުން ކުރަނީ ދޫންޏެކެވެ. އެކަމު ގޭމް ޕްލޭ ތަޖުރިބާކުރި ގިނަ މީހުން ބުނަނީ މެޕުގެ ތަންތަނުގައި އައިކަންތައް އަރާފައި ހުރުމުން މުޅި މަންޒަރު ހުތުރުވާ ކަމަށެވެ.
ދެން އޮތީ އެސަސިންސް ކްރީޑް ސިލްސިލާގެ ކުޅުންތެރިން އެންމެ ކުރީން ސުރެ ލޯބިކުރާ ފީޗާ އަށް އައި ކުރިއެރުމެކެވެ. ތަޅައިފޮޅުމާއި ކެރެކްޓާސް މެރުމުގެ އުކުޅުތަކަށް ގެނެސްފައިވާ ސަޅި ބަދަލުތަކެވެ. "އެސަސިންސް ކްރީޑް އޮރިޖިންސް" ގައި އެނިމޭޝަން ކަމު ނުގޮސްގެން މައްސަލަ ނުޖެހޭ ކަމަށްވެ އެވެ. ތަފާތު މޮޅު ހަމަލާ ދިނުމުގެ އުކުޅުތައް ހިމަނާ އަދި އެ އުކުޅުތައް ބޭނުން ކުރުން އިންތިހާއަށް ފަސޭހަ ކޮށްފައިވެ އެވެ. އޭގެ ތެރޭ ކޮންމެ ހަތިޔާރަކުން ހަމަލާ ދޭ އިރު ވެސް "ލޮކެއް" އެޅުވުމުން އަމާޒުކުރަން ފަސޭހަ ވުން ހިމެނެ އެވެ. އެކި ގޭމުތަކުގައި ބޭނުންކުރާ އެންމެ މަޖާ އަދި ކުޅުމަށް ފައިދާ ވާ ގިނަ އުކުޅުތައް މި ގޭމުގައި ވަނީ ހިމަނާފަ އެވެ.
"ފާ ކްރައީ" އަދި "ޑެސްޓިނީ" ކަހަލަ ގޭމުތަކުން ބޭނުން ކޮށްފައިވާ މުހިންމު ކަންކަން "އެސަސިންސް ކްރީޑް އޮރިޖިންސް" ގައި ހިމަނާފައިވާ ކަމަށް ގިނަ މީހުން ފާހަގަކުރި އެވެ. މިސާލަކަށް ބުނާ ނަމަ އިންވެންޓަރީ މެނޫ އަކީ "ޑެސްޓިނީ" ގޭމުގައި އިންނަ މެނޫއާ ދާދި އެކައްޗެކެވެ. އެކަމު "އެސަސިންސް ކްރީޑް އޮރިޖިންސް" ގެ އިންވެންޓަރީ އާ ކުޅެން ފަސޭހައީ ޕީއެސް އަށް ވުރެ ޕީސީގަ އެވެ.
"ފާ ކްރައި 2" ގެ މޮޅު ސްކިލް ޕޮއިންޓް ނިޒާމް މި ގޭމުގައި ވަނީ ހިމަނާފަ އެވެ. ބޭނުންވާ އުކުޅުތަކާއި ހުނަރުތައް ވަރުގަދަ ކޮށްގެން ކުޅުންތެރިންނަށް ވަރަށް ކަމުދާނޭ ނަތީޖާ މި ގޭމުން ނެރެވޭނެ ކަމަށް ބެލެވެ އެވެ. މިސްރުގައި ކުރިއަށް ދާނެ މި ގޭމް ޕްލޭގައި، މީގެ ކުރިން 2015 ގައި ނެރުނު އެސަސިންސް ކްރީޑް ސިންޑިކޭޓްގައި ހިމެނި މަލްޓި ޕްލެޔާ ފީޗާއެއް ނެތެވެ.