22 ޖޫން 2016 - 11:15

ލިޔޯން، ފްރާންސް (ޖޫން 22) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑެއް އަދި ފެންނާނެ ކަމަށާއި ގްރޫޕް ސްޓޭޖުން ޕޯޗުގަލް ނުވެސް ކަޓާނެ ކަމަށް އެ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.
ކުޅުނު ދެ މެޗުން ވެސް އެއްވަރުވެ ޕޯޗުގަލް މި ވަގުތު އޮތީ ގްރޫޕް އެފްގެ ތިން ވަނައިގަ އެވެ. އެ ގްރޫޕްގެ އެއް ވަނައިގައި މި ވަގުތު ހަންގޭރީ އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރަން މިރޭ ޕޯޗުގަލް އަތުން އެ ޓީމަށް ބޭނުންވަނީ މަދުވެގެން ޕޮއިންޓެކެވެ. ބަލިވެއްޖެނަމަ އެ ޓީމު ޖެހޭނީ އެންމެ ރަނގަޅު ނަތީޖާ ނެެރޭ ތިން ވަނަ އަށްދާ ޓީމުގެ ތެރޭގައި ހިމެނިގެން ދެ ވަނަ ބުރުގެ ޖާގައެއް ހޯދާށެވެ.
ޕޯޗުގަލް އެންމެ ފަހުން އޮސްޓްރިއާ އާއި ލަނޑެއް ނުޖެހި އެއްވަރުވިއިރު އެ މެޗުން ޕޯޗުގަލް މޮޅުކޮށްދޭން ލިބުނު ޕެނަލްޓީ ރޮނާލްޑޯ އަތުން ވަނީ ބޭކާރުވެފަ އެވެ. ސަންޓޯސް ބުނީ ރޮނާލްޑޯގެ މޮޅު ކުޅުމާ އެކު، ގްރޫޕްގެ އެއް ވަނަ ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
"ރޮނާލްޑޯ އަކީ ވަރަށް ގިނަ ލަނޑު ޖަހާ ކުޅުންތެރިއެއް. ހަންގޭރީ ކޮޅަށް ރޮނާލްޑޯގެ ލަނޑެއް ފެންނާނެ. މި ފަހަރު ޔޫރޯގައި ރޮނާލްޑޯގެ ލަނޑެއް އަދި ފެންނާނެ. ގްރޫޕް އެއް ވަނަ ލިބޭނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް،" ސަންޓޯސް ބުންޏެވެ.
މިރޭގެ މެޗުގައި ރޮނާލްޑޯ ލަނޑު ޖަހައިފިނަމަ އޭނާ ވެގެންދާނީ ޔޫރޯގެ ތަފާތު ހަތަރު މުބާރާތުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
އޭނާ ބުނީ ޕޯޗުގަލް ކުޅޭނީ ރީތި ކުޅުމެއް ދައްކާކަށް ނޫން ކަމަށެވެ.
"ބޭނުމީ ނަތީޖާ ނެރެން، ހަޑި ކުޅުމެއް ކުޅެގެން ވެސް ނަތީޖާ ނެރެން ބޭނުމީ. ރީތި ކުޅުމެއް ދައްކައިގެން ނަތީޖާ ނުނެރެވި ކަޓާކަށް ބޭނުމެއް ނޫން،" ސަންޓޯސް ބުންޏެވެ.
ހަންގޭރީގެ ކޯޗު ބާންޑް ސްޓޯކް ބުނީ އޭނާގެ ޓީމަށް މިރޭގެ މެޗުން ގެއްލޭނެ މާބޮޑު އެއްޗެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.
"އަހަރެމެންނަށް އެބައޮތް އެއްވަރުވިޔަސް އަދި ބަލިވިޔަސް ދެ ވަނަ ބުރުގެ ޖާގަ ލިބެން. އެކަމަކު ޕޯޗުގަލް އަށް އޮތީ މޮޅެއް ހޯދުން،" ސްޓޯކް ބުންޏެވެ.
ޕޯޗުގަލާއި ހަންގޭރީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ. މި ދެ ޓީމު މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ޕޯޗުގަލް ބަލިވެފައެއް ނުވެ އެވެ. ދިހަ މެޗު ކުޅުނިއިރު، ހަތް މެޗުން ޕޯޗުގަލް ވަނީ މޮޅުވެފަ އެވެ.