15 ޖޫން 2017 - 15:19

ގާހިރާ (ޖޫން 15) - ރަތް ކަނޑުގެ ދެ ޖަޒީރާއެއް ސައުދީ އަރަބިއާ އަށް ދޭން މިސްރުގެ ޕާލަމެންޓުން ފާސްކޮށްފި އެވެ.
މިސްރުގެ ރަށްތައް ސައުދީ އަށް ދިނުމަށް ރައީސް އަބްދުލް ފައްތާހު ސީސީ ނިންމެވީ މިދިޔަ އަހަރުގެ އެޕްރީލް މަހު ސައުދީ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެ ދަތުރުފުޅުގައި ސައުދީ ރަސްގެފާން ވަނީ މިސްރަށް މަލްޓި މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕެކޭޖަކާއި ލުއި ލޯނު ދެއްވާނެކަން އިއުލާން ކުރައްވައިފަ އެވެ.
ގާނޫނު އަސާސީއާ ޚިލާފުވެ ރަށްތައް ވިއްކާލައިގެން އެތައް ބިލިއަން ޑޮލަރެއް ހޯއްދެވިކަމުގެ ތުހުމަތު ސީސީގެ މައްޗަށް ކޮށްފައިވެ އެވެ. އެކަމަކު ސީސީ ވިދާޅުވެފައި ވަނީ އެ ރަށްތަކަކީ ކުރިން ވެސް ސައުދީގެ ތަންތަން ކަމަށާއި އެ ތަންތަނުގެ ކޮންޓްރޯލް ސައުދީ އަށް ދޫކޮށްލަން ނިންމީ އެހެންވެ ކަމަށެވެ.
މިސްރުގެ ރަށްތައް ސައުދީ އަށް ދޭން ނިންމުމާ އެކު މިސްރުގައި ވަރަށް ބޮޑަށް ހަމަނުޖެހުން އުފެދި މުޒާހަރާކޮށްފައިވެ އެވެ. އަދި އެ މައްސަލަ ވަނީ ކޯޓަށް ގެންގޮސްފަ އެވެ. ކޯޓުން މިދިޔަ ޖޫން މަހު ވަނީ މިސްރުގެ ރަށްތައް ސައުދީ އަށް ނުދެވޭނެ ކަމަށް ހުކުމް ކޮށްފަ އެވެ. ނަމަވެސް ދަށު ކޯޓުން ކުރި ހުކުމް ވަނީ އިސްތިއުފާން ކޯޓަކުން އެޕްރީލް މަހު ބާތިލްކޮށްފަ އެވެ.
ޕާލަމެންޓުން ފާސްކުރުމާ އެކު ރަށްތައް ސައުދީ އަށް ދޭން ފަހުގެ ނިންމުން ނިންމަވާނީ ސީސީ އެވެ.
ސައުދީ އަށް ދޭން ނިންމި މިސްރުގެ ޓިރަން އާއި ސަނަފިރު އަކީ ގަލްފު އޮފް އަގަބާގެ ފަޅު ދެ ރަށެވެ. މިއީ މިސްރާއި އިޒްރޭލް، ޖޯޑަން އަދި ސައުދީ އަރަބިއާއާ ގުޅިފައި އޮންނަ ރަތް ކަނޑުގެ މުހިންމު ހިސާބެކެވެ. ސައުދީގެ އެދުމުގެ މަތިން މި ރަށްތަކުގައި މިސްރު ސިފައިން ތިބޭތާ 66 އަހަރު ވެއްޖެ އެވެ. އެކަމަކު މި ރަށްތަކުގެ ކޮންޓްރޯލް ސައުދީ އަށް ދޫކޮށްލުމަށް ސީސީ ނިންމެވުމުން މިސްރުގެ އެތެރޭން ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ. އިޒްރޭލުން ވަނީ 1965 އަދި 1967 ވަނަ އަހަރު މި ދެ ޖަޒީރާ ހިފައިފަ އެވެ. ނަމަވެސް ފަހުން ވަނީ އެ ރަށްތައް މިސްރަށް ހަވާލުކޮށްފަ އެވެ.
މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ ސަރުކާރު 2013 ވަނަ އަހަރު ސިފައިން ނުކުމެ ވައްޓާލި ފަހުން ސައުދީން ގެންދަނީ މިސްރަށް ވަރަށް ބޮޑަށް މާލީ ގޮތުން އެހީތެރިވަމުންނެވެ. މުރްސީގެ ސަރުކާރު ވައްޓާލުމުގައި އިސްކޮށް ހުންނެވީ ސީސީ އެވެ.