އެމެރިކާގެ ދަރިވަރު ދޫކޮށްލީ އިންސާނިއްޔަތަށްޓަކައި: ނޯތު ކޮރެއާ
އެމެރިކާގެ ދަރިވަރު ދޫކޮށްލީ އިންސާނިއްޔަތަށްޓަކައި: ނޯތު ކޮރެއާ

ޕިއޮންޔޮން (ޖޫން 15) - އެމެރިކާގެ ދަރިވަރު އޮޓޯ ވާމްބިއާ މިނިވަންކުރީ އިންސާނިއްޔަތަށްޓަކައި ކަމަށް ނޯތު ކޮރެއާ އިން ބުނެފި އެވެ.

ވާމްބިއާގެ އާއިލާ އިން ބުނެފައި ވަނީ އޭނާ ދޫކޮށްލި އިރު އޮތީ ކޯމާއެއްގައި ކަމަށެވެ.

ނޯތު ކޮރެއާ އިން ކުރު ބަޔާނެއްގައި ބުނެފައި ވަނީ ބުރަ މަސައްކަތާ އެކު 15 އަހަރުގެ ޖަލު ހުކުމެއް މިދިޔަ އަހަރުގެ މާޗު މަހު އިއްވުމާ އެކު ވާމްބިއާ ވަރަށް ބޮޑަށް ބަލިވި ކަމަށެވެ. އަދި އޭނާ ބަލިވުމުން ނިދާ ބޭސް ދިނުމަށް ފަހު ދޫކޮށްލުމާ ހަމައަށް ބޭއްވީ ނިންދަވާފައި ކަމަށް ނޯތު ކޮރެއާ އިން ބުންޏެވެ.

އެމެރިކާގެ ދަރިވަރު ނޯތު ކޮރެއާ އިން ގެންދިއުމަށްޓަކައި ނޯތު ކޮރެއާ އަށް ކަނޑައަޅާފައި ހުންނަ ޚާއްސަ މަންދޫބު ޖޯސެފް ޔުން ވަނީ މެޑިކަލް ޓީމަކާ އެކު ޕިއޮންޔޮން އަށް ދަތުރުކޮށްފަ އެވެ.

އުމުރުން 22 އަހަރުގެ ދަރިވަރު އަންގާރަ ދުވަހު ވަނީ އޮހާޔޯ އަށް ގެންގޮސްފަ އެވެ. ވާމްބިއާގެ އާއިލާ އިން އެމެރިކާގެ މީޑިއާތަކަށް ބުނީ މާޗް 2016 ގައި ބޭއްވި ޝަރީއަތަށް ފަހު ވާމްބިއާ ކޯމާއެއްގައި އޮތްކަން އާއިލާ އަށް އެނގުނީ މިދިޔަ ހަފުތާގައި ކަމަށެވެ. އޮހާޔޯ އެއާޕޯޓަށް ބޭލުމާ އެކު ވާމްބިއާ ވަނީ ސިންސިނާޓީ މެޑިކަލް ސެންޓަރަށް ގެންގޮސްފަ އެވެ. ވާމްބިއާގެ މައިންބަފައިން ސީއެންއެން އަށް މެއި މަހު ބުނީ އެ މީހުންގެ ދަރިފުޅުގެ ޚަބަރެއް ނުވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

ބުރަ މަސައްކަތާ އެކު ވާމްބިއާ 15 އަހަރަށް ޖަލަށްލީ ނޯތު ކޮރެއާގެ ހޮޓަލަކުން ބައެއް އެއްޗެހި ގެންދަން އުޅުނު ކަމަށް ބުނެ އެވެ. ވާމްބިއާ އަކީ ޔުނިވާސިޓީ އޮފް ވާޖީނިއާގެ އިކޮނޮމިކްސް ދަރިވަރެކެވެ. އޭނާ ނޯތު ކޮރެއާ އަށް ދިޔައީ ޔަންގު ޕައިނިއާ ޓުއާސްގައި ޓޫރިސްޓް ވިސާގަ އެވެ. ވާމްބިއާ ހައްޔަރު ކުރީ ޖެނުއަރީ 2، 2016 ގަ އެވެ. އޭގެ މަހެއްހާ ދުވަސް ފަހުން އޭނާ ވަނީ މީޑިއާތަކަށް އަރާ ގިސްލަމުން ކުށަށް އިއުތިރާފްވެފަ އެވެ. އަދި ކޮރެއާ މީހުންގެ އެތިކްސްއާ ޚިލާފުވި ކަމަށް ވަނީ ބުނެފަ އެވެ. މާޗް 16 ވަނަ ދުވަހު ބޭއްވި ކުރު ޝަރީއަތަކަށް ފަހު ވާމްބިއާ އަށް ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ވާމްބިއާގެ މަންމަ އާއި ބައްޕަ ނެރުނު ބަޔާނެއްގައި ބުނީ މާޗް 2016 އިން ފެށިގެން އެ މީހުންގެ ދަރިފުޅު އޮތީ ކޯމާއެއްގައި ކަމަށެވެ. އަދި އެކަން އެ މީހުންނަށް އެނގުނީ މިދިޔަ ހަފުތާގައި ކަމަށް ވެސް ބުންޏެވެ. ވާމްބިއާގެ އާއިލާ އިން ތުހުމަތު ކުރަނީ އެ މީހުންގެ ދަރިފުޅަށް ނޯތު ކޮރެއާ އިން ބިރުދައްކާ އަދި ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ.

އެމެރިކާގެ އިތުރު ތިން މީހަކު އަދިވެސް ނޯތު ކޮރެއާ އިން ވަނީ ބަންދުކޮށްފަ އެވެ.

ވާމްބިއާ ދޫކޮށްލި އިރު އެމެރިކާގެ ބާސްކެޓްބޯޅަ ތަރި ޑެނިސް ރޮޑްމަން ވަނީ ނޯތު ކޮރެއާ އަށް ގޮހެވެ. ރޮޑްމަން އަކީ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ރަހުމަތްތެރިއެކެވެ. ރޮޑްމަން މީގެ ކުރިން ވެސް ވަނީ އެތައް ފަހަރަކު ނޯތު ކޮރެއާ އަށް ޒިޔާރަތްކޮށްފަ އެވެ.