އުމުރުން 14 އަހަރުގައި ވެސް އެމްބާޕޭ އަކީ މެޑްރިޑުގެ ޓާގެޓެއް
އުމުރުން 14 އަހަރުގައި ވެސް އެމްބާޕޭ އަކީ މެޑްރިޑުގެ ޓާގެޓެއް

މޮނާކޯ (ޖޫން 15) – އޭނާގެ އުމުރުން 14 އަހަރުން ފެށިގެން އޭނާ ހޯދަން ރެއާލް މެޑްރިޑުން މަސައްކަތްކުރަމުން އަންނަ ކަމަށް މޮނާކޯގެ ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭ ބުނެފި އެވެ.

އުމުރުން 18 އަހަރުގެ ފޯވާޑް މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމާ އެކު އޭނާ ގަންނަން މެޑްރިޑުގެ އިތުރުން ލިވަޕޫލާއި އާސެނަލް އަދި ޕީއެސްޖީން އަންނަނީ މަސައްކަތްކުރަމުންނެވެ. އެކަމަކު ބެލެވޭ ގޮތުގައި އޭނާގެ އަގު 100 މިލިއަން ޔޫރޯ އަށް ވުރެ މަތިވާނެ އެވެ.

އިންގްލެންޑް އަތުން 3-2 އިން ފްރާންސް މޮޅުވި މެޗަށް ފަހު އެމްބާޕޭ ބުނީ އޭނާގެ ކުރިމަގާ ބެހޭގޮތުން އެއްޗެއް ބުނަން ނޭގޭ ކަމަށެވެ. އޭނާ ބުނީ މިވަގުތު އާއިލާއާ އެކު ޗުއްޓީއަކަށް ދާނެ ކަމަށާއި ވާނެ ގޮތަކާ މެދު ވިސްނާނެ ކަމަށެވެ.

"އަހަރެމެން ޖެހޭނީ ގޮތްތަކެއް ނިންމަން، ކްލަބަށް ވެސް ބަލަން ޖެހޭ. ސަބަބަކީ އަހަރެން މިހިރީ ކްލަބުގެ ކޮންޓްރެކްޓެއްގައި ކަމަށް ވާތީ. އަހަރެން މިހިރީ ހުސްކޮށެއް ނޫން،" އެމްބާޕޭ ބުންޏެވެ.

"ރެއާލް މެޑްރިޑް؟ އަހަރެންގެ އުމުރުން 14 އަހަރުން ފެށިގެން އެ ކްލަބުން އަންނަނީ މަސައްކަތްކުރަމުން އަހަރެން ގެންދަން،" އެމްބާޕޭ ބުންޏެވެ.

އެމްބާޕޭ ބަދަލުވުމުގެ ފުރުސަތު ބޮޑީ ރެއާލް މެޑްރިޑަށް ކަމަށް ބެލެވެ އެވެ. އެ ޓީމުގެ ޒުވާން ފޯވާޑް އަލްވާރޯ މޮރާޓާ ހުރީ ކްލަބް ދޫކޮށްލުމުގެ މަގުމަތީގަ އެވެ.

މޮނާކޯގެ ޔޫތު ޓީމުން ތަމްރީންވި އެމްބާޕޭ ސީނިއާ ޓީމާ ގުޅުނީ 2015 ގަ އެވެ. މިދިޔަ ސީޒަނުގައި 44 މެޗުން 26 ގޯލް އޭނާ ޖެހި އެވެ. އޭނާ ވަނީ ފްރާންސް ގައުމީ ޓީމަށް މިހާތަނަށް ހަތަރު މެޗު ކުޅެދީފަ އެވެ.