15 ޖޫން 2017 - 14:06

ރޯމް (ޖޫން 15) – އޭއެސް ރޯމާގެ މިސްރު ފޯވާޑް މުހައްމަދު ސަލާހް ލިވަޕޫލަށް ބަދަލުވާން އެއްބަސްވެއްޖެ ކަމަށާއި އެކަމަކު ރޯމާ އިން 40 މިލިއަން ޔޫރޯގެ އަގު ކުޑަކުރަން ނުވިސްނާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރޯމާގެ ސްޕޯޓިން ޑިރެކްޓަރު މޮންޗީ ވަނީ ސަލާހަށް އިނގިރޭސި ކްލަބަކުން ބިޑްކުރާކަން ކަށަވަރުކޮށްދީފަ އެވެ.
އިޓަލީގެ އެންމެ ބޮޑު އެއް ކުޅިވަރު ނޫހުން ބުނީ ލިވަޕޫލާ އެކު ސަލާހް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި އަދި ރޯމާ ދޫކޮށްލަން ބޭނުންވާކަން އެ ކްލަބަށް އަންގާފައިވާ ކަމަށެވެ.
ސަލާހް ގަތުމަށް ލިވަޕޫލުން ހުށަހަޅަނީ 32 މިލިއަން ޔޫރޯ އާއި ބޯނަސް އެވެ. ރޯމާ އިން 40 މިލިއަން ޔޫރޯ އަށް ވުރެ ކުޑަ އަގަކަށް ދޫނުކުރާނެ އެވެ.
ދެ ކްލަބުން މިވަގުތު ގޮތްދޫކުރަން ބޭނުންނުވިޔަސް ބެލެވޭ ގޮތުގައި އެއްބަސްވުމަކަށް އަންނާނެ އެވެ. ސަލާހް ވެސް ލިވަޕޫލަށް ބަދަލުވާން ބޭނުންވާތީއާ އެކު ވަރަށް އަވަހަށް ޓްރާންސްފާގެ ކަންތައް ނިމޭނެ ކަމަށް ލަފާކުރެވެ އެވެ.
އޭސީ މިލާނުގެ ސްޕެއިން ވިންގާ ސޫސޯ އަށް ރޯމާ އިން ބިޑްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްކޮށްފައިވާތީ ބެލެވޭ ގޮތުގައި ރޯމާ އިން މިހާރު ވެސް އެ އަންނަނީ ސަލާހު ނެތްތަން ފޫބައްދާނެ ކުޅުންތެރިއަކު ހޯދަމުންނެވެ.
ސްވިޒަލެންޑުގެ އެފްސީ ބަސެލް އިން 2014 ވަނަ އަހަރު 11 މިލިއަން ޕައުންޑަށް ޗެލްސީއާ ގުޅުމުގެ ކުރިން ސަލާހް ވަނީ ލިވަޕޫލަށް ސޮއިކުރުމާ ގާތަށް ގޮސްފަ އެވެ. ޗެލްސީ އަށް އެއް ސީޒަން ކުޅުމަށް ފަހު ލޯނެއްގެ ފަށުން އިޓަލީގެ ފިއޮރެންޓީނާ އާއި ރޯމާ އަށް ކުޅުމަށް ފަހު ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ރޯމާއާ ގުޅުނީ މި ސީޒަނުގަ އެވެ. ރޯމާ އިން އިޓާލިއަން ލީގުގެ ދެ ވަނަ ހޯދިއިރު ސަލާ ވަނީ 15 ގޯލް ޖަހައިފަ އެވެ.