މޮރާޓާ ޔުނައިޓެޑަށް ބަދަލުވުމާ ގާތުގައި
މޮރާޓާ ޔުނައިޓެޑަށް ބަދަލުވުމާ ގާތުގައި

މެޑްރިޑް (ޖޫން 15) – ރެއާލް މެޑްރިޑުގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ ހުރީ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމާ ވަރަށް ގާތުގައި ކަމަށާއި ހުރިހާ ކަމެއް މި ހަފުތާ ނިމުމުގެ ކުރިން ހަމަޖެހިދާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޔުނައިޓެޑުން ވަނީ މޮރާޓާއާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އެގޮތުން އޭނާއާ އެކު ހަތަރެއް ނުވަތަ ފަސް އަހަރުގެ އެއްބަސްވުމެއް ހަދަން އަދި މުސާރައަކާ މެދު ވެސް އެއްބަސްވެފައިވާ ކަމަށްވެ އެވެ.

މެޑްރިޑުން 90 މިލިއަން ޔޫރޯ އަށް އޭނާ ވިއްކާލަން ބޭނުންވާއިރު ޔުނައިޓެޑުން ފުރަތަމަ ހުށަހެޅީ 60 މިލިއަން ޔޫރޯ އެވެ. އެކަމަކު ދެ ކްލަބް މިހާރު އޮތީ އެއްބަސްވުމަކަށް އައުމާ ނުހަނު ގާތުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބެލެވޭ ގޮތުގައި ފަހުގެ އަގަކީ 80 މިލިއަން ޔޫރޯ އެވެ.

ޔުނައިޓެޑުން މޮރާޓާ ގެންނަނީ އަނިޔާގައި ހުރި ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ނެތްތަން ފޫބެއްދުމަށެވެ. މިދިޔަ ސީޒަނުގެ ފަހުކޮޅު އިބްރަހިމޮވިޗުގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް އެންމެ އަވަހަށް ވެސް ކުޅެން ނުކުމެވޭނީ މި އަހަރުގެ ފަހުކޮޅެވެ. ޔުނައިޓެޑުން ވަނީ އޭނާގެ ކޮންޓްރެކްޓް އާނުކުރަން ނިންމައިފަ އެވެ.

އާ ސީޒަނަށް ޔުނައިޓެޑަށް ގެނައި ފުރަތަމަ ކުޅުންތެރިއަކީ ޕޯޗުގަލްގެ ބެންފީކާގެ ސްވިޑަން ޑިފެންޑަރު ވިކްޓަ ލިންޑެލޯފެވެ. އޭނާ ވަނީ އިއްޔެ ޔުނައިޓެޑާ އެކު ކޮންޓްރެކްޓުގައި ސޮއިކޮށްފަ އެވެ.

ރެއާލް މެޑްރިޑުގެ ޔޫތު ޓީމުން ތަމްރީންވެ އެ ކްލަބުގެ ސީނިއާ ޓީމަށް 2010 އިން 2014 އަށް ކުޅުނު މޮރާޓާ ވަނީ ލޯން އުސޫލުން ޔުވެންޓަސް އަށް ދެ އަހަރު ކުޅެފަ އެވެ. އޭނާ އެ ދެ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އެވެ. އެނބުރި މެޑްރިޑަށް ބަދަލުވީ މިދިޔަ ސީޒަނުގަ އެވެ. އޭނާ ގެންދަން އޭސީ މިލާނާއި ޗެލްސީން ވެސް މަސައްކަތްކުރި އެވެ.