އިދިކޮޅު ފަރާތްތަކުން ޑިމޮކްރަސީ އަށް ކުރާ މަސައްކަތް އެމެރިކާގެ ސަފީރު ފާހަގަކުރައްވައިފި
އިދިކޮޅު ފަރާތްތަކުން ޑިމޮކްރަސީ އަށް ކުރާ މަސައްކަތް އެމެރިކާގެ ސަފީރު ފާހަގަކުރައްވައިފި

ރާއްޖޭގައި ޑިމޮކްރަސީ ގާއިމްކުރުމަށާއި ސިޔާސީ މިނިވަންކަން ހުރިހާ ރައްޔިތުންނަށް ހޯދައިދިނުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ގެންގުޅޭ އުސޫލުތަކާއި ގައުމީ ރޫހާއި އެ މަސައްކަތުގައި ދައްކާ ހިތްވަރު އެމެރިކާގެ ސަފީރު އަތުލް ކެޝަޕް އިއްޔެ ފާހަގަކުރައްވައިފި އެވެ.

ސިޔާސީ އިދިކޮޅު ފަރާތްތަކާ ބައްދަލުކުރެއްވުމަށް ފަހު ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ އެ މަސައްކަތްތަކާ މެދު ވަރަށް ހިތްހަމަޖެހިވަޑައިގެންފައިވާ ކަމަށެވެ.

އެމެރިކާ ސަފީރު ވަނީ އިދިކޮޅު ފަރާތްތަކާ ބައްދަލުކުރައްވައި ރާއްޖޭ ސިޔާސީ މަސްރަހާއި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދަން ކުރިމަތިވާ ދަތިތައް އޮޅުންފިލުއްވައިފަ އެވެ. އެ ބައްދަލުވުމުގައި އިދިކޮޅު އިއްތިހާދުގައި ހިމެނޭ ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގަތެވެ.

އޭނާ ވަނީ ރައީސް އަބްދުﷲ ޔާމީންއާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި، ޑިމޮކްރަސީ އާއި ހަަމަޖެހުން އޮތް ގައުމަކަށް ރާއްޖެ ހެދުމަށް އެމެރިކާ އިން އަބަދުވެސް ބޭނުންވާ ކަން ހާމަކުރައްވާފައިވާނެ ކަމަށް ސަފީރު ވަނީ ވިދާޅުވި އެވެ.

ސިޔާސީ ބޭފުޅުންނާއެކު ހޮޓެލް ޖެންގައި އިއްޔެ ބޭއްވި ރޯދަވީއްލުމުގައި ވާހަކަ ދައްކަވަމުން ކެޝަޕް ވިދާޅުވީ ރާއްޖެ އަކީ ޑިމޮކްރަސީގެ މާހައުލަކާ އެކު އަމާން ސުލްހަ މަސަލަސްކަން އޮތް ގައުމެއްގެ ގޮތުގައި މުސްތަގުބަލުގައި ވެސް އޮންނަން ބޭނުންވާ ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރުވެފައި އޮންނަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެޝަޕް ވިދާޅުވި ގޮތުގައި އެމެރިކާ އިން ރާއްޖެ އަށް މެދުކެނޑުމެއް ނެތި އެހީތެރިވެވޭތީ ފަހުރުވެރިވެ އެވެ. އެ ގޮތުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި އެހެނިހެން މިނިވަންކަން ހޯދައި ދިނުމަށް އެކިއެކި މަސައްކަތް ކުރަމުން އަންނަ ކަމުގެ ޔަގީންކަން ދެއްވި އެވެ.