16 ޖޫން 2017 - 08:45

"އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން" އަކީ ސްޓާ ޕްލަސް އިން ދެއްކި ސިލްސިލާތަކުގެ ތެރެއިން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ސިލްސިލާ އެކެވެ. މި ސިލްސިލާގެ ފުރަތަމަ ސީޒަންގައި ލީޑް ރޯލު އަދާކުރީ ބަރުން ސޮބްތީ އާއި ސަނާޔާ އިރާނީ އެވެ. ޚުޝީ ކުމާރީ ގުޕްތާ އާއި އަރްނަވް ސިންގްގެ ރޯލު މި ދެ ތަރިން އަދާކޮށްފައިވާލެއް ފުރިހަމަކަމުން ސިލްސިލާ ނިމިގެން އެތައް ދުވަހެއް ވީ އިރު ވެސް ބެލުންތެރިންގެ ލޯބި މި ދެ ތަރިންނަށް ދިޔައީ ލިބެމުންނެވެ.

މި ޝޯގެ މަގްބޫލުކަން އެހެން ބައެއް ގައުމުތަކުގައި ވެސް ވަރަށް ބޮޑެވެ. ތަފާތު ބަސް ބަހުން އަޑުއަޅައިގެން ވަރަށް ގިނަ ގައުމުތަކުގައި މި ސިލްސިލާ ދައްކާފައިވުމީ މީގެ ހެއްކެކެވެ.

މި ޝޯގެ ފުރަަތަމަ ސީޒަން ހުއްޓާލަން ޕްރޮޑިއުސަރުންނަށް މަޖްބޫރުވީ ޝޯގެ ލީޑް އެކްޓަރު ބަރުން އަށް ފިލްމެއް ކުޅޭނެ ފުރުސަތު ލިބި އޭނާ ޝޯ އިން ވަކިވާން ނިންމުމުންނެވެ. ޝޯ ހުއްޓާލާކަން އެނގުމުން ވެސް މި ޝޯގެ ސަޕޯޓަރުން ވަރަށް މައްސަލަ ޖައްސައި ޝޯ ހުއްޓާ ނުލުމަށް އެދުނެވެ. ނަމަވެސް ބަރުންގެ ބަދަލުގައި އެހެން އެކްޓަރަކު ލައިގެން ޝޯ ކުރިޔަށް ގެންދަން ވެސް ސަޕޯޓަރުން ބޭނުން ނުވުމުން އެންމެ ފަހުން ޝޯ ހުއްޓާލަން ޕްރޮޑިއުސަރުންނަށް މަޖްބޫރު ވީ އެވެ. އެއާއެކު ސިލްސިލާގެ ދެ ވަނަ ސީޒަނެއް ފެށުމަށް މި ޝޯގެ ފޭނުން ތަކުރާރުކޮށް ސޯޝަލް މީޑިއާގައި އެދެން ފެށި އެވެ.
އެންމެ ފަހުން ސްޓާ ޕްލަސް އިން މި ސިލްސިލާގެ ދެ ވަނަ ސީޒަނެއް ފެށި އެވެ. ނަމަވެސް އެ ފަހަރު ލީޑް ރޯލު ދިނީ މުޅިން ތަފާތު އެކްޓަރުން ތަކަކަށެވެ. އެހެންވެ އެކަމާ ފޭނުން ރުޅިގަދަވެ ޝޯ ބޮއިކޮޓްކުރުމުގެ ސަބަބުން ދެ ވަނަ ސީޒަން މާ ރަނގަޅަށް ހިނގާ ގޮތެއް ނުވި އެވެ.
މިހާރު މި ސިލްސިލާގެ ތިން ވަނަ ސީޒަނެއް ސްޓާ ޕްލަސް އިން ވަނީ އިއުލާން ކޮށްފަ އެވެ. ފުރަތަމަ ސީޒަންގައި ބަތަލުގެ ބައި ކުޅުނު ބަރުން ސޮބްތީ ލީޑް ރޯލަށް ލައިގެންނެވެ. ނަމަވެސް ފުރަތަމަ ސީޒަންގައި ބަތަލާގެ ރޯލު އަދާކުރި ސަނާޔާ އަކަށް މިފަހަރުގެ ސީޒަނުން ފުރުސަތެއް ނުދިނެވެ. މި ސީޒަންގައި ބަތަލާގެ ރޯލު ކުޅެނީ ޝިވާނީ ތޯމަރް ކިޔާ އެކްޓަރެކެވެ. އެންމެ ފުރަތަމަ ގިނަ ބަޔަކު ހީކުރީ ސަނާޔާ ޝޯގައި ބައިވެރި ނުކުރީ އޭނާ ސޮނީ ޓީވީގެ ޝޯއެއް ކުޅެން ސޮއިކޮށްފައިވާތީ ކަމަށެވެ. ނަަމަވެސް "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން" ގެ ތިން ވަނަ ސީޒަން ކުޅެން އޭނާ ކިބައިން އެދިފައި ނުވާ ކަމަށް ސަނާޔާ ދީފައިވާ އިންޓަވިއުއެއްގައި ވަނީ ބުނެފަ އެވެ.
އެއާއެކު ޝިވާނީގެ ބަދަލުގައި ސަނާޔާ އަށް މި ޝޯ ކުޅުމުގެ ފުރުސަތު ދިނުމަށް ސަނާޔާގެ ފޭނުން ޕްރޮޑިއުސަރުންނަށް ވަރަށް ބޮޑަށް އާދޭސްކޮށް ކޮށްފައިވެ އެވެ. ނަމަވެސް ޕްރޮޑިއުސަރު ގުލް ޚާން އެކަމާ އެއްބަހެއް ނުވި އެވެ. އަދި ސަނާޔާ ޝޯގައި ބައިވެރިކުރަން ގުލް ބޭނުމެއް ނުވެ އެވެ. އޭނާ ބުނީ މިފަހަރުގެ ސީޒަންގެ ވާހަކައިގައި އުޅޭ އަންހެންކުއްޖާގެ ރޯލަށް ޝިވާނީ މާ ފިޓްވާ ކަމަށާއި އެހެންވެ އޭނާ ބަދަލު ނުކުރެވޭނެ ކަމަށެވެ.
މިދިޔަ ހަފުތާގައި މުމްބައިގެ ފިލްމް ސިޓީގައި ވަރަށް ކުލަގަދަ ހަފުލާއެއް ބާއްވައި "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން 3" ރަސްމީކޮށް ވަނީ ލޯންޗުކޮށްފަ އެވެ. އަދި މި އިވެންޓުގައި ވެސް ގުލް ޚާން ވަނީ އޭނާގެ ނިންމުން ދިފާއުކޮށް ވާހަކަ ދައްކާފަ އެވެ. އަދި ޝިވާނީ އަށް މިފަހަރުގެ ޝޯގައި ފުރުސަތު ދިނުމަށް ބަރުން ވެސް ވަނީ ފޭނުންނަށް އިލްތިމާސް ކޮށްފަ އެވެ.
ނަމަވެސް ފޭނުންތައް ރުޅިގަދަވެ ޝިވާނީ އާ ވެސް މިހާރު ވަނީ ދިމާކޮށްލާފަ އެވެ. ކޮންމެއަކަސް ޝިވާނީ އާއި ސަނާޔާ ކުރެން ޝޯ އަށް ކަމުދަނީ ކާކުކަން ބެލުންތެރިންނަށް ބޮޑަށް ޔަގީންވާނީ ޝޯގެ އެޕިސޯޑްތައް ދައްކަން ފެށުމުންނެވެ. ހަމަ ގައިމުވެސް ޝިވާނީ އަކީ ސަނާޔާ ހާ ތަޖުރިބާކާރު ބަތަލާއެއް ނޫނެވެ.
ޝޯ ދައްކަން ފަށާނީ އަންނަ މަހު 3 ގަ އެވެ.