16 ޖޫން 2017 - 08:45

"ބަދްރީނާތު ކީ ދުލްހަނިޔާ" ރިލީޒްވުމަށްފަހު އާލިއާ ބަޓް ކެމެރާތަކާ ދުރުގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު މެގްނާ ގުލްޒާރުގެ "ކޯލިން ސެހެމަޓް" ގެ ތައްޔާރީތައް ވަނީ ފަށައިފަ އެވެ. އޭގެ ފަހުން އޭނާ ކުޅެން ހަމަޖެހިފައި ވަނީ އަޔާން މުކަރުޖީގެ "ޑްރެގަން" އެވެ. މި ފިލްމުގެ ބަތަލަކީ ރަންބީރު ކަޕޫރެވެ. "ޑްރެގަން"ގެ ފަހުން ޒޯޔާ އަޚްތަރުގެ "ގަލީ ބޯއި" ރަންވީރު ސިންގާ އެކު ކުޅެން ވަނީ ހަމަޖެހިފަ އެވެ.
އާލިއާ ދީފައިވާ އިންޓަވިއުއެއްގައި ވަނީ "ޑްރެގަން" އާ ބެހޭ އިތުރު މައުލޫމާތުތައް ނޫސްވެރިންނާ ހިއްސާ ކޮށްފަ އެވެ. އާލިއާ ބުނި ގޮތުގައި "ޑްރެގަން" ކަހަލަ ސުޕަހީރޯ ފިލްމެއް ކުޅެން ނިންމީ އެފަދަ ވާހަކަތަކަކީ އެހާ ފަސޭހައިން ވާނެ ގޮތް ލަފާކުރަން އެނގޭނެ ވާހަކަ ތަކަށް ނުވާތީ ކަމަށެވެ. ސުޕަހީރޯ ފިލްމަކަސް އެ ފިލްމަކީ ވަރަށް ގިނަ ކަންތައްތައް އެކުލެވޭ ފިލްމެއް ކަމަށް ބުންޏެވެ.
ފިލްމުގައި ރަންބީރާއި އޭނާއާ ދެ މީހުންގެ ވެސް ސުޕަ ޕަވަރުތަކެއް ހުއްޓަސް އެއީ ކޮން ކަހަލަ ބާރުތަކެއްކަން ހާމަކުރަން އަދި މާ އަވަސް ކަމަށް އާލިއާ ބުންޏެވެ. މިއީ އާލިއާ އާދަކޮށް ކުޅޭ ފިލްމުތަކާ ޚިލާފަަށް އެކްޝަން ފިލްމެކެވެ.
ގިނަ ސުޕަހީރޯ ފިލްމުތައް އަމާޒުކޮށްފައި ހުންނަނީ ކުޑަކުދިންނަށް ނަމަވެސް މި ފިލްމަކީ އާއިލާގެ އެންމެންނަށް ވެސް ޝައުގުވެރިވާ ފަދަ ގޮތަކަށް އުފައްދާ ފިލްމެއް ކަމަށް އާލިއާ ބުންޏެވެ. އަދި މިއީ ފްރެންޗައިސް އެއް ކަމަށާއި ގާތްގަނޑަކަށް 10 ވަރަކަށް އަހަރުގެ ތެރޭގައި މި ފިލްމުގެ މަދުވެގެން ތިން ބައި ނެރެން ޑައިރެކްޓަރު އަޔާން ނިންމާފައިވާ ކަމަށް އާލިއާ ބުންޏެވެ.
އާލިއާ، 24، އަކީ މިވަގުތު ބޮލީވުޑްގައި ތިބި ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ ހުނަރުވެރި ބަތަލާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އަދި ފިލްމު އިންޑަސްޓްރީގެ ހުރިހާ އެންމެންގެ އެހީތެރިކަމާއި މަގްބޫލުކަން އާލިއާ ވަނީ ހޯދާފަ އެވެ.