16 ޖޫން 2017 - 08:44

މޮޑެލް އަދި އެކްޓަރު ކްރިތިކާ ޗައުދަރީ އޭނާގެ އެޕާޓްމަންޓް ތެރޭ މަރުވެފައި އޮއްވައި ފެނުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންނަށް ކްރިތިކާގެ ހަށިގަނޑު ފެނުނުއިރު ވެސް މަރުވެފައި އޮންނަތާ ހަތަރު ވަރަކަށް ދުވަސްވުމުގެ ސަބަބުން ހަށިގަނޑު އޮތީ ކުނިވާން ފަށައިފަ އެވެ.
ކްރިތިކާގެ ބޮލުގެ ފުއްކިބައިގައި ޒަޚަމްތަކެއް ހުރުމުގެ ސަބަބުން ފުލުހުން ޝައްކުކުރަނީ ފަހަތުން އޭނާއަށް ހަމަލާދީފައިވާ ކަމަށެވެ. ޓައިމްސް އޮފް އިންޑިއާގައި ބުނި ގޮތުން އޭނާއަށް ޖިންސީ ގޯނާ ވެސް ކޮށްފައިވާ ކަމަށް ފުލުހުން ޝައްކު ކުރެ އެވެ.
ކްރިތިކާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އޭނާގެ އެކުވެރިޔަކާއި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ހުންނަ އިމާރާތުގެ ގާޑެކެވެ. ނަމަވެސް ކްރިތިކާ މަރުވިރޭ ކަން ވީ ގޮތެއް އަދި އެއްގޮތަކަށް ވެސް އޮޅުމެއް ނުފިލަ އެވެ.
ބެލެވޭ ގޮތުގައި ކްރިތިކާ މަރާލާފައި ވަނީ ޖޫން 7 ވަނަ ދުވަހުގެ ރެ އެވެ. އެ ރޭ ކްރިތިކާ ވަނީ ހަރިދްވާރްގައި ދިރިއުޅޭ އޭނާގެ މައިންބަފައިންނާއި ކޮއްކޮއާ ފޯނުން ވާހަކަ ދައްކާފަ އެވެ.
ކްރިތިކާ މަރުވެފައި އޮއްވައި ފެނުނީ އަވަށްޓެރިންނަށް ކްރިތިކާގެ އެޕާޓްމަންޓުން ކުނިވަސް ދުވާތީ ފުލުހުންނަށް އެންގުމުން އެތަނަށް ވަދެ ބެލުމުންނެވެ. ހަށިގަނޑު ފެނުނު އިރު އޭނާގެ ހަށިގަނޑުން ބޮޑުބައެއް އޮތީ ނިވާ ނުވެ އެވެ. އެހެންވެ އޭނާއަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ފުލުހުން ޝައްކު ކުރެ އެވެ.
ކްރިތިކާ އަކީ ފިލްމީ ދުނިޔޭގައި މަގާމެއް ހޯދޭތޯ ބުރަކޮށް މަސައްކަތް ކުރަމުންދިޔަ ބަތަލާ އެކެވެ. އޭނާ ވަނީ ކަންގަނާ ރަނާވަތާ އެކު "ރާއްޖޯ"ގައި ރޯލެއް އަދާކޮށްފަ އެވެ. އަދި ބާލާޖީ ޓެލެފިލްމްސްގެ "ޕަރީޗޭ" ސިލްސިލާގައި ވެސް އޭނާ ވަނީ މަސައްކަތް ކޮށްފަ އެވެ.
ކްރިތިކާ ކައިވެންޏެއްކޮށް ފިރިމީހާ ކައިރިން ވަރިވެފައިވާ ކަަމަށާއި ކްރިތިކާ މަރާލުމުގައި ކުރީގެ ފިރިމީހާގެ ދައުރެއް އޮވެދާނެ ކަމަށް ފުލުހުން މިހާރު ޝައްކުކުރާ ކަމަށް ވެސް ފަހުގެ ޚަބަރުތައް ބުނެ އެވެ.