15 ޖޫން 2017 - 12:09

ދޯހާ (ޖޫން 15) - އަސްކަރީ ތަމްރީނުތަކެއްގައި ބައިވެރިވުމަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކެއް ގަތަރަށް ހިނގައްޖެ އެވެ.
ދެ ގައުމު ގުޅިގެން ތަމްރީނުތަކެއް މި ބާއްވަނީ ގަތަރަކީ ޓެރަރިޒަމަށް ފައިސާ ޚަރަދުކުރާ ގައުމެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.
މެދުއިރުމަތީގައި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ގާއިމްކޮށްފައި ވަނީ ގަތަރުގަ އެވެ. ގަތަރުގެ އަލް އުދައިދު ވައިގެ މަރުކަޒުގައި އެމެރިކާގެ 11،000 ސިފައިން ތިބެ އެވެ. އަދި އެ ތަނުން 100 އަށް ވުރެ ގިނަ މަތިންދާ ބޯޓު އޮޕަރޭޓް ކުރެ އެވެ.
އެމެރިކާގެ އުޅަނދުތައް ގަތަރަށް ދިޔައީ ގަތަރާ ބައެއް ގައުމުތަކުން ގުޅުން ކަނޑާލުމުގެ ކުރިން ޕްލޭންކޮށްފައިވާ ޕްރޮގްރާމެއްގެ ދަށުން ކަމެއް ނޭނގެ އެވެ. ނުވަތަ އެއީ ޕެންޓަގަނުގެ ތާއީދު ގަތަރަށް އޮތްކަން އަންގައިދިނުމަށް ކުރި ކަމެއް ކަމަށް ވެސް ނޭނގެ އެވެ.
ސައުދީ އަރަބިއާ، ބަހުރޭން، ޔޫއޭއީ ފަދަ ގައުމުތަކުން ގަތަރާ ސިޔާސީ ގުޅުން ކަނޑާލީ މި މަހު 5 ވަނަ ދުވަހު އެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާތީ އެވެ. ގަތަރާ ބައެއް ގައުމުތަކުން ގުޅުން ކަނޑާލި ނަމަވެސް ޕެންޓަގަނުން ވަނީ އެމެރިކާގެ ވައިގެ މަރުކަޒަށް ގަތަރުންދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.
އެމެރިކާގެ ހަނގުރާމަމަތީ ދެ އުޅަނދު ގަތަރަށް ދިޔަ ދުވަހު ވަނީ އެމެރިކާ އިން ހަނގުރާމަ މަތީ އެފް-15 ގެ މަތިންދާ ބޯޓު ގަތުމުގެ 12 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ގަތަރާ އެކު ގާއިމްކޮށްފަ އެވެ.