15 ޖޫން 2017 - 11:44

މާލޭގެ ބޮޑު ސަރަހައްދަކުން މިއަދު ވެސް ކަރަންޓް ކެނޑިއްޖެ އެވެ.
މީގެ ދެ ގަޑިއިރު ކުރިން ކަރަންޓް ކެނޑުމާ ގުޅިގެން، އާއްމުންނަށް ވަނީ ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.
ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑުނީ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލަ ހައްލުކޮށް، މިހާރު ކަރަންޓް ދޭން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ގިނަ ސަރަހައްދުތަކަށް މިހާރު ކަރަންޓް ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
އެކަމަކު ބައެއް ސަރަހައްދުތަކުގެ މީހުން ބުނާ ގޮތުގައި ކަރަންޓް އައިސް އިރުއިރުކޮޅާ އަނެއްކާ ދަނީ ކެނޑެމުންނެވެ.
ދޭތެރެ ދޭތެރެ އިން ކަރަންޓް ކެނޑުމުގެ މައްސަލަ މި ފަހުން މާލެ އަށް ވަނީ ބޮޑުވެފަ އެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް ދަންވަރު ގަޑިއެއްހާ އިރަށް މުޅި މާލެ އިން ކަރަންޓް ކެނޑުނެވެ. އެ ފަހަރު ކަރަންޓް ކެނޑުނީ ސްޓެލްކޯ އިން ބުނެފައިވާ ގޮތުގައި، ހައި ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ލިބިގެން ކަމަށެވެ. އަދި އަަލަށް ބަހައްޓާ އިންޖީނުގެ ޓެސްޓްތައް ކުރިއަށް ދާތީ ވެސް ކަރަންޓް ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ.