22 ޖޫން 2016 - 11:45

ނުވަދިހައިގެ ތެރޭގައި މަޝްހޫރުވި ސުޕަ މޮޑެލް ސިންޑީ ކްރޮފޯޑަކީ ފެޝަން އިސްތިހާރުތަކާއި އެކި ފިލްމުތަކުން ވެސް ފެނިފައިވާ އެމެރިކާގެ މޮޑެލެކެވެ. މިހާރު އުމުރުން 50 އަހަރުގައި ވެސް އޭނާ ދަނީ އެކި ވައްތަރުގެ ބޮޑެތި ފެޝަން ކެމްޕޭނުތަކަށް މޮޑެލް ކުރަމުންނެވެ. ނަމަވެސް، މިހާރު އޭނާއަ އެކު މޮޑެލްކުރާ ގާތް ދެ ބައިވެރިއަކު އުޅެ އެވެ. އެއީ އޭނާގެ ދެ ދަރިންނެވެ. ކާޔާ އާއި ޕްރެސްލީ ގާބާ އަކީ ސިންޑީ ފަދައިން މޮޑެލިން ދާއިރާގައި ކުރިއަށްދާ ދެ ކުދިންނެވެ.
މިހާރު ކުރިއަށްދާ ފިރިހެނުންގެ ފެޝަން ވީކްގައި 16 އަހަރުގެ ޕްރެސްލީ ގާބާ ޑޮލްޗޭ އެންޑް ގައްބާނާގެ ޝޯގެ ރަންވޭ މަތިން ފެނުނެވެ. އިޓަލީގެ މަގުބޫލު ފަރުމާކުރުންތެރިން ކަމަށްވާ ޑޮލްޗޭ އާއި ގައްބާނާ ފަރުމާކޮށްފައި ހުރި ސޫޓާއި ގަމީސް އަދި ފަޓުލޫނު ލައިގެން ރަންވޭ މަތީގައި ހިނގާލި އެވެ. ޕްރެސްލީގެ މަންމަ ސިންޑީ އޭނާގެ ދަރިފުޅުގެ ފޮޓޯއެއް އިންސްޓަގްރާމަށް ލުމަށް ފަހު ބުނެފައި ވަނީ "އަހަރެންގެ ކުޑަ ފިރިހެންދަރިފުޅު މިހާރު ބޮޑުވެއްޖެ" ކަމަށެވެ.
މިލާންގައި ބޭއްވި ފިރިހެނުންގެ ހޫނު މޫސުމުގެ ޝޯގައި ފެނުނީ ހަމައެކަނި ސިންޑީގެ ދަރިފުޅެއް ނޫނެވެ. މަޝްހޫރު އެކްޓާ ޖޫޑް ލޯގެ 19 އަހަރުގެ ދަރިފުޅު ރަފާޓީ ލޯވެސް ޑީ އެންޑް ޖީގެ ރަންވޭ މަތީގައި ފެނުނެވެ. ޑޮލްޗޭ އެންޑް ގައްބާނާގެ މިޝޯ ބަލަން އައި ގިނަ މެހެމާނުންނަކީ އެކި ސެލެބްރިޓީންގެ ފިރިހެން ދަރިންނެވެ. އޭގެ ތެރޭގައި، އޮސްކާ ލިބިފައިވާ ޑެނިއަލް ޑޭ ލުވިސްގެ ފިރިހެން ދަރިފުޅު ކޭން ޑޭ ލުވިސް އަދި މިކް ޖެގާގެ ދަރިފުޅު ލޫކަސް މައުރިސް މޮރަޑް ޖެގާ ހިމެނެ އެވެ.