15 ޖޫން 2017 - 09:42

ލަންޑަން (ޖޫން 15) - ލަންޑަނުގެ ގްރެންފެލް ޓަވަރުގައި އިއްޔެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގިނަ ބައެއްގެ ފުރާނަ ސަލާމަތްވީ ރޯދަ މަހު ހާރު ކެއުމަށާއި އަޅުކަމަށް ހޭލާ އުޅުނު މުސްލިމުންގެ ސަބަބުން ކަމަށް ބައެއް މީހުން ބުނެފި އެވެ.

އަލިފާނުގެ ހާދިސާ ހިނގުމާ އެކު މީހުން ސަލާމަތް ކުރުމުގައި އެންމެ ފުރަތަމަ އެހީތެރިވެދިނީ މުސްލިމުންނެވެ. އަލިފާން ރޯވިކަން އެނގުމާ އެކު މުސްލިމް ކުދިން އަދާކުރި ރޯލަށް ބައެއް މީހުން ޝުކުރު އަދާކުރާ ވީޑިއޯތައް ވެސް ވަނީ އާއްމުވެފަ އެވެ.

ނޯތު ކެންސިންޓަންގައި ހުންނަ 27 ބުރީގެ އިމާރާތުގައި އަލިފާން ރޯވީ ދަންވަރު އެވެ. އެއް އަންހެނަކު ހަފިންހަމް ޕޯސްޓަށް ބުނި ގޮތުގައި މުސްލިމް ފިރިހެން ކުދިން ވަނީ އެއް އެޕާޓްމަންޓުން އަނެއް އެޕާޓްމަންޓަށް ދުވެ ދޮރުގައި ޓަކި ޖަހާ މީހުން ހޭލައްވާ ބޭރަށް ނެރެފަ އެވެ. މިއީ ރޯދަ މަހަށްވީތީ އެ އަންހެން މީހާ ވަނީ ޝުކުރު އަދާކޮށްފަ އެވެ. ސަބަބަކީ އެހެން ނޫން ނަމަ އެ ދަންވަރު މީހުން ހޭލާ ނޫޅޭނެތީ އަލިފާނުގައި ލިބޭނެ ގެއްލުން ބޮޑުވާނެތީ އެވެ. އިމާރާތުގެ އަލިފާން ނިއްވާ ނިޒާމް މަސައްކަތް ނުކުރާ އިރު އަލިފާނުގެ ސަމާލުކަން ގެނައި، މިސްކިތުން ފައިބައިގެން ދިޔަ މުސްލިމުން ކުދިންނަކީ "ބަތަލުން" ކަމަށް ބައެއް މީހުން ސިފަ ކުރި އެވެ.
ގްރީންފެލް ޓަވަރަށް ދާދި ފަހުން ބަދަލުވި 20 އަހަރުގެ ޚާލިދު ސުލައިމާން އަހުމަދު ބުނީ ރޯދަ މަސް ނޫން ނަމަ އެ ގަޑީގައި އޭނާ ހޭލާ ނޫޅޭނެ ކަަމަށެވެ. އަދި ދަންވަރު ހޭލީ ހާރު ކެއުމަށް ކަމަށް އޭނާ ބުންޏެވެ. އެ ވަގުތު އަލިފާނުގެ ހާދިސާއެއް ހިނގައިފިކަން އެނގުމާ އެކު އޭނާ އަވަސްވެ ގަތީ އިމާރާތުގައި ދިރިއުޅޭ މީހުންގެ ފްލެޓްތަކުގެ ދޮރުގައި ތަޅާ އެ މީހުން ހޭލެއްވުމަށެވެ.
"އަޅުގަނޑު އިނީ ހާރު ކާންވަންދެން ޕްލޭސްޓޭޝަން ކުޅެން. ކުއްލިއަކަށް އަނދާ ވަހެއް ދުވަން ފެށުމުން ކުޑަ ދޮރުން ބޭރު ބަލާއިރު ހަތް ވަނަ ބުރީގައި ވަނީ އަލިފާން ރޯވެފައި. ފަޔާ އެލާމެއް ވެސް ނާޅާ. ދެން ބޮޑު ދައިތަ ހޭލައްވާ، އެހެން އެޕާޓްމަންޓްތަކުގެ މީހުންނަށް ގޮވަން ފެށީ. ޖެހިގެން ހުރި އެޕާޓްމަންޓުގެ މީހުން ވެސް ތިބީ ގަދަ ނިދީގައި،" އަހުމަދު ބުންޏެވެ. "އަލިފާން ފެތުރިގެން ދިޔައީ ވަރަށް ބާރަށް. ގާތްގަނޑަކަށް ވިއްސަކަށް މިނިޓް ތެރޭ އަޅުގަނޑުމެންގެ އެޕާޓްމަންޓް ވެސް އަނދާހުލިވެއްޖެ."
އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އަންނައުނާއި ކާނާ ފޯރުކޮށް ދިނުމުގައި ވެސް މުސްލިމް ކުދިންގެ އެހީތެރިކަން ބޮޑެވެ. ހާލުގައި ޖެހުނު މީހުންނަށް އިސްލާމިކް ކަލްޗަރަލް ސެންޓަރުތަކާއި މިސްކިތްތައް ވަނީ ހުޅުވާލައިފަ އެވެ.
މުސްލިމުން ގިނަ އަދަދަކަށް އުޅޭ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި 12 މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ. އަދި 50 މީހަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހިފަ އެވެ.