15 ޖޫން 2017 - 00:20

ގައުމު އިސްލާހު ކުރުމަށްޓަކައި ސިޔާސީ އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަނީ ވަކި ޕާޓީއެއްގެ މަސައްކަތެއް ނޫން ކަމާއި އެއީ ގައުމީ މަސައްކަތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އާއިލީ ބޭނުންފުޅެއްގައި ބޭރުގައި ތިން މަހެއްހާ ދުވަހު އުޅުއްވުމަށް ފަހު، ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ގައުމު އިސްލާހު ކުރުމަށް ކަމަށެވެ.

މައުމޫން ވިދާޅުވި ގޮތުގައި ގައުމުގެ ކަންތައްތައް ގޯސްކޮށް ދާނަމަ، އެ ކަންތައްތައް ރަނގަޅު ކުރުމަކީ ދިވެހި ރައްޔިތުންގެ ވާޖިބެކެވެ.
"އަޅުގަނޑު ވެސް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ބޭނުން އަޅުގަނޑަށް ވެވުނު މިންވަރަކުން އެ މަސައްކަތުގައި ބައިވެރިވާން. އެއީ މުޅި ގައުމުގެ ހެވައްޓަކައި ލާބަޔަށްޓަކައި،" މައުމޫން ވިދާޅުވި އެވެ.
އިންޑިއާގެ ބެންގަލޫރާއި ސިންގަޕޫރުގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގެން މައުމޫން ވިދާޅުވީ އެ މަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތަކަކީ ވަކި ފަރާތަކާ ދެކޮޅަށް އަދި ވަކި ފަރާތަކާ އެއްކޮޅަށް ވެސް ކުރައްވާ ކަންކަމެއް ނޫން ކަމަށެވެ.
"އެ މަސައްކަތުގައި އަޅުގަނޑަށް ކުރަން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑު އިރާދަކުރެއްވިއްޔާ މާތްﷲ ގެ ވާގިފުޅާއެކު ކުރާނަން،" މައުމޫން ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތައް ހައްޔަރުކޮށް ފުލުސް އޮފީހަށް ހާޒިރުކުރަމުންދާ މައްސަލައާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން މައުމޫން ވިދާޅުވީ އެ މަނިކުފާނު ފުލުސް އޮފީހަށް ނުވަތަ އެހެން މުއައްސަސާއަކަށް ހާޒިރުކުރަން ޖެހޭ ކަމެއް ދިމާވާނެ ހެން ހީފުޅުނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ބަންދުވާ ކަހަލަ ކަމެއް ނުވަތަ އެއްވެސް މުއައްސަސާއަކުން އަޅުގަނޑާ ދޭތެރޭގައި ނަންގަވާނެ މައްސަލައެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން. އަޅުގަނޑަށް ހަމަ ގައިމު ވެސް އެނގިގެން ގާނޫނާ ހިލާފަށް ކަމެއް ކޮށްފައެއް ނޯންނާނެ. އެހެންވީމަ އަޅުގަނޑު ބަންދުވާކަށް ނުޖެހޭ އަޅުގަނޑު ދެކޭ ގޮތުގައި،" މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖެއިން ބޭރަށް ވަޑައިގަންނަވަނީ ކޮންމެހެން ވަޑައިގަންނަވަން ޖެހިގެން ކަމަށާއި އެ މަނިކުފާނު އުޅުއްވަން ބޭނުންފުޅު ވަނީ ވެސް އަދި އުޅުއްވާނީ ވެސް ރާއްޖޭގައި ކަމަށެވެ.
ކުރީގެ ރައީސުންނަށް ދޭ ބައެއް އިނާޔަތްތައް އުނިކުރި މައްސަލައާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން މައުމޫން ވިދާޅުވީ ގާނޫނުގައި ބުނާ ގޮތުން ކުށްވެރި ނުވެ ރައީސްކަމުގެ މަގާމުން ވަކިވެވަޑައިގަންނަވާ މީހުންނަށް އިނާޔަތްތަކެއް ދޭން ޖެހޭ ކަމަށެވެ.
"ގާނޫނަށް އަމަލުނުކުރެވޭ ކަމަށް ވަންޏާ އިމްތިޔާޒްތަކުން މަހުރޫމްވާ ތަން ވެސް އަންނާނެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން މިރޭ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވި ސިޔާސީ އިދިކޮޅު އިސް ލީޑަރުންނެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހިމެނިވަޑައިގަންނަވަ އެވެ. އަދި މައުމޫން މާލެ ވަޑައިގެންނެވިއިރު ވެސް ގިނަ އަދަދެއްގެ ބަޔަކު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި އެމްއެމްއޭ ކައިރިއަށް އެއްވެ ތިއްބެވެ.