އިހުގެ އުންމަތްތައް: ޢާދު ބާގައި މީހުން ނެތިކުރެއްވުން (5)
އިހުގެ އުންމަތްތައް: ޢާދު ބާގައި މީހުން ނެތިކުރެއްވުން (5)

(އަންގާރަ ދުވަހުގެ ނޫހާ ގުޅޭ)

އިހުގެ އުންމަތްތައް: ޢާދު ބާގައި މީހުން ނެތިކުރެއްވުން (5)
އިހުގެ އުންމަތްތައް: ޢާދު ބާގައި މީހުން ނެތިކުރެއްވުން (5)

މިއިން ކޮންމެ ގޮތަކަށް މާނަކުރި ކަމުގައި ވިޔަސް، މި އާޔަތްތަކުގައި ވާ ސިފަކުރުންތަކުން ތަޞައްވުރުވަނީ ޢާދު ބާގައި މީހުންނަށް ޖެހުނު ޢަޒާބުގެ ގަދަފަދަ ކަމާއި ބިރުވެރި ކަމާއި ނުރައްކާތެރި ކަމެވެ. އަދި ގަދަފަދަ ކަމާއި ބޮޑާ ކަމާ އެކު ﷲގެ ނިޢުމަތްތަކަށް ކާފަރުވެ އުޅުނު މީހުންނަށް ﷲގެ އަޒާބު ކުރިމަތިވުމުން، އެމީހުން ސަލާމަތް ކޮށްދޭނޭ އެހެން އެއްވެސް ބާރެއް ނެތް ކަމެވެ.

އެ ސުންޕާ ދުވަސްތައް ޢާދު ބާގައި މީހުންނާ ކުރިމަތިވި ހިނދު، ﷲގެ އޯގާވަންތަކަމާއި އެކަލާނގެ ރަޙްމަތްފުޅުގެ ބޮޑުކަމުން، ހޫދުގެފާނާއި އެކަލޭގެފާނަށް ތަބާވީ ހުރިހާ މީހުން ސަލާމަތް ކުރެއްވި އެވެ.

"އަދި ތިމަންރަސްކަލާނގެ (ޢަޛާބުގެ) އަމުރުފުޅު އައި ހިނދު، ތިމަންރަސްކަލާނގެ ހޫދުގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި އީމާންވެގެން ތިބި މީހުން، ތިމަންރަސްކަލާނގެ ޙަޟްރަތުން އައި ރަޙްމަތަކާ އެކު ސަލާމަތް ކުރެއްވީމެވެ. އަދި ގަދަފަދަވެގެންވާ ޢަޛާބުން ތިމަންރަސްކަލާނގެ އެއުރެން ސަލާމަތް ކުރެއްވީމެވެ."

ނަމަވެސް ﷲގެ އެއްކައުވަންތަކަމުގެ ދަޢުވަތަށް ފުރަގަސްދިން ޢާދު ބާގައި މީހުންނަށް އެ މުސީބާތުން ސަލާމަތެއް ނުވެވުނެވެ. އެރަށުގެ ޖައްބާރު އަނިޔާވެރިންގެ ބަހަށް ހެއްލި ހޫދުގެފާނުގެ ރިސާލަތަށް އިންކާރު ކުރުމުގެ ނަތީޖާއެއްގެ ގޮތުން މި ދުނިޔެ އާއި އާޚިރަތުގައި ވެސް، އެއުރެންނަށް ލަޢުނަތް ލެއްވި އެވެ.

"އެއީ ޢާދު ބާގައި މީހުންނެވެ. އެއުރެންގެ ވެރިރަސްކަލާނގެ އާޔަތްތަކަށް އެއުރެން ދެކޮޅުހެދޫ އެވެ. އަދި އެކަލާނގެ ރަސޫލުންނަށް އެއުރެން އުރެދުނޫ އެވެ. އަދި ހަރުކަށި، ކޮންމެ ޖައްބާރު (އަނިޔާވެރި) އެއްގެ އަމުރަށް، އެއުރެން ތަބަޢަވޫ އެވެ. މި ދުނިޔޭގައި ވެސް، އަދި ޤިޔާމަތް ދުވަހުން ވެސް، އެއުރެންނަށް ލަޢުނަތް ލެއްވި އެވެ. ދަންނާށެވެ! ހަމަކަށަވަރުން، ޢާދު ބާގައި މީހުން، އެއުރެންގެ ވެރިރަސްކަލާނގެ އަށް ކާފަރުވޫ އެވެ. ދަންނާށެވެ! ޢާދު ބާގައި މީހުންނަށް ހަލާކާއި ގެއްލުން ހުށްޓެވެ. (އެއީ) ހޫދުގެފާނުގެ ޤައުމުގެ މީހުންނެވެ."

ޢާދު ބާގައި މީހުންނަކީ ޖިސްމާނީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ކިތަންމެ ތަނަވަސް ބައެއް ކަމުގައި ވިޔަސް، އެމީހުންގެ އަސަރެއް މިއަދު ފެންނާކަށް ނެތެވެ. އެ މީހުން ދިރިއުޅުނީ ކިތަންމެ ފާގަތި އުޅުމެއް ކަމުގައި ވިޔަސް، އެމީހުން ދިރިއުޅުނު ބިން މިއަދު ފެންނަން އޮތީ ހަނަފަސް ސަހަރާއެއްގެ ގޮތުގަ އެވެ.

އެބައިމީހުން ނެތި ކުރެއްވި ގޮތް ބަޔާން ކުރެއްވުމަށް ފަހުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އެންމެ ފަހުގެ ނަބިއްޔާ މެދުވެރި ކުރައްވައި ފަހުގެ އުންމަތްތަކާ މުހިންމު ސުވާލެއް ކުރައްވާފައިވެ އެވެ؛ "ފަހެ، އެއުރެންގެ ތެރެއިން ސަލާމަތްވި އެކަކު ވެސް ތިބާޔަށް ފެނޭ ހެއްޔެވެ؟" (ސޫރަތުލް ޙާއްޤާ 8)

މި އާޔަތުގައި ކުރައްވާފައި އެވަނީ ކަމެއް އޮޅުން ފިލުއްވުމުގެ ސުވާލެއް ނޫނެވެ. އެއީ ކަމެއް ކަށަވަރު ކޮށްދެއްވުމުގެ ސުވާލެކެވެ. އެ ސުވާލުގެ ހަގީގީ މުރާދަކީ، ޢާދު ބާގައި މީހުންނަށް ﷲގެ ޢަޛާބު ޖެހުމަށް ފަހުގައި އެއިގެ ތެރެއިން އެއްވެސް މީހަކު ސަލާމަތް ނުވާ ކަން ކަށަވަރެވެ.

އަދި ތިބާޔަށް ފެނޭހޭ އޮތް ބަސްފުޅުން ވަރަށް މުހިންމު ކަމެއް މާނަ ކުރެވެ އެވެ. އޭގެ މާނައަކީ އެ އުންމަތް ނެތިކުރެއްވުމަށް ފަހުގައި ޢާދު ބާގައި މީހުންގެ ތެރެއިން އެންމެ މީހެއްގެ ވިޔަސް ހަށިގަނޑެއް ނުވަތަ ކަށިގަނޑެއް ވިޔަސް މިއަދު މި ބިންމަތިން ފެންނަން ނެތް ކަމުގައި އެންގެވުމެވެ.

ސުވާލަކީ ޢާދު ބާގައި މީހުންގެ ޒަމާނުގައި ނުވަތަ އެއަށް ވުރެ މާ ކުރިން އުޅުނު މީހުންގެ ކަށިތަކާއި ގުނަވަންތައް ދުނިޔޭގެ އެކި ތަންތަނުން ފެނިފައިވާ އިރު، ޢާދު ބާގައި މީހުންގެ ހަށިގަނޑުތައް ނުވަތަ ކަށިތައް ފެންނަން ނެތީ ކީއްވެ ހެއްޔެވެ؟ ސޫރަތުއް ޛާރިޔާތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާފައިވަނީ، ޢާދު ބާގައި މީހުން ހަލާކު ކުރެއްވުމަށް ފޮނުއްވި އެއްވެސް މަންފާއެއް ނެތް ގަދަ ވައެއް ކަމަށާއި އެ ވައި ޖެހުނު ކޮންމެ އެއްޗެއް ފުނޑުފުނޑުކޮށް އަޅިޔަށް ހަދައިލާ ކަމަށެވެ.

"ޢާދު ބާގައި މީހުންގައި ވެސް ޢިބްރަތެއްވެ އެވެ. އެއީ ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް މަންފާއެއް ނެތް ވައި ފޮނުއްވި ހިނދުގަ އެވެ. އެ ވައިޖެހުނު ކޮންމެ އެއްޗެއް ފުނޑުފުނޑުކޮށް އަޅިޔަށް ހަދައިނުލައެއް ދުލެއް ނުކުރެ އެވެ." (އައްޛާރިޔާތު 41، 42)

އެހެންކަމުން ޢާދު ބާގައި މީހުންނަށް ފޮނުއްވި އަޒާބުގައި އެމީހުން އަޅިޔަށްވެ ފުނޑުފުނޑުވެގެން ދިޔައީ އެވެ. އެހެންކަމުން އެމީހުންގެ އެއްވެސް ނިޝާނެއް ފެންނަން ނެތީ ކަމުގައި ވެދާނެ އެވެ. ނަމަވެސް އިރަމް ގައި އެމީހުން ބިނާ ކުރި ޙަޟާރަތުގެ އަސަރުތައް، ފަހުގެ އުންމަތްތަކަށް ހުރި އިބްރަތްތަކެއްގެ ގޮތުގައި ލެއްވެވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އިރާދަ ކުރެއްވި އެވެ. އެހެންކަމުން، އެމީހުން ފަރުބަދަތަކުގައި ބިނާކުރި ބައެއް ތަންތަން މިއަދު ވެސް ފެންނާން އެ ހުރީ އެވެ.

ނަމަވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ، ﷲގެ ގަދަފަދަ އަޒާބެއްގައި ޢާދު ބާގައި މީހުން ނެތި ކުރައްވައި އެ މީހުންގެ ވަސް ވެސް މި ބިންމަތިން ފުހެލެއްވި އިރު، އެމީހުން ދިރިއުޅުމަށް ފަރުބަދަތައް ކަނޑައިގެން ހެދި ގެތައް ފެންނަން އެ ހުރީ އެ ތަންތަން ހަދާފައިވާލެއް ފުރިހަމަކަމާއި މޮޅުކަމުން އެ ތަންތަން ހަލާކު ނުވެގެން ނޫން ކަމެވެ. އެހެނެއް ކަމަކު، އެހާ ކުރީ ޒަމާނެއްގައި، އަދި މި ޒަމާނުގެ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ވެސް އީޖާދުނުވާ ޒަމާނެއްގައި އުޅުނު ބަޔަކަށް ވެސް، ﷲގެ މަދަދާއި އެހީތެރިކަން ލިބިއްޖެ ނަމަ ކިތަންމެ މަތިވެރި ޙަޟާރަތެއް ވެސް ގާއިމު ކުރެވިދާނެ ކަމުގެ ހެކި ދެއްކެވުމަށްޓަކައި، ﷲގެ ކުޅަދުންވަންތަކަމުން، އެ ތަންތަން ސަލާމަތުން ލެހެއްޓެވީ އެވެ.

"އެ ވައި، އޭގެ ވެރިރަސްކަލާނގެ އަމުރުފުޅަށް ކޮންމެއެއްޗެއް ހަލާކުކޮށް ނެތިކޮށްލަތެވެ. ފަހެ، އެއުރެން އުޅުނު ތަންތަން މެނުވީ، ފެންނާން ނެތް ބަޔަކު ކަމުގައި އެއުރެން ވެއްޖައޫ އެވެ. ކުށްވެރިވި މީހުންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ." (ސޫރަތުލް އަލްއަޙްޤާފް 25)

އިސްވެ ދިޔަ އާޔަތުގައި ﷲ އަންގަވާފައިވާ ބަސްފުޅާ މެދު ވިސްނައިލުމުން، ޢާދު ބާގައި މީހުން ފަރުބަދަތަކުގައި ހެދި ބިނާތައް ފަނާ ނުވެ ހުރީ ކީއްވެ ކަން އެނގެ އެވެ. ޢާދު ބާގައި މީހުން ފަނާކުރެއްވުމަށް އިރަމް އަށް ފޮނުއްވެވީ ކިތަންމެ ބާރު ގަދަ ވައެއް ކަމުގައި ވިޔަސް، އެ ވައި ވަނީ ﷲގެ އަމުރުފުޅަށް ކިޔަމަންތެރިވެގެންނެވެ. އެއީ އެ ވައި ގޮސް ޖެހޭ ކޮންމެ ތަނެއް ފަނާކުރެއްވުމަށް ފޮނުވި ވައެއް ކަމުގައި ވިޔަސް، އެ ވައިގެ ސަބަބުން އެއްވެސް ނެތި ފަނާކޮށްލަނީ، އެ ވައިގެ ވެރިރަސްކަލާނގެ އަމުރުފުޅުގައިވާ ގޮތަށެވެ. މުޅި އެ ރަށަށް އެ އަޒާބު ޖެހުނު ކަމުގައި ވިޔަސް، އެ ރަށުގެ ތެރެއިން އަޒާބުން މިންޖު ކުރެއްވުމަށް ﷲ އިރާދަ ކުރައްވާފައިވާ ތަނަކަށް އަދި އެއްޗަކަށް ވިޔަސް އެ އަޒާބުން އެއްވެސް ގެއްލުމެއް ނުލިބޭނެ އެވެ.

ﷲއީ އަލިފާނުގެ ގަދަފަދަ ހޫނު ވެސް، އިބްރާހީމްގެފާނަށްޓަކައި ފިނި އަދި ސަލާމަތްތެރި އެއްޗެއް ކަމުގައި ލެއްވި ކުޅަދުންވަންތަ ރަސްކަލާނގެ އެވެ. ވީއިރު، ޢާދު ބާގައި މީހުން ނެތި ކުރެއްވިޔަސް، އެ ރަށުގެ ބައެއް ތަންތަން ފަހުގެ އުންމަތްތަކަށް އިބްރަތެއްގެ ގޮތުގައި ލެހެއްޓެވުމަކީ އެކަލާނގެ އަށް މުސްތަހީލު ކަމެއް ނޫނެވެ.

ކޮންމެއަކަސް ޢާދު ބާގައި މީހުންގެ ތެރެއިން، ﷲގެ އަމުރުފުޅަށް އުރެދުނު ކުށްވެރިންނަށް ޙައްޤު ޖަޒާ ދެއްވުމަށް ފަހުގައި، އެކަލާނގެ އަށް އީމާންވި މީހުން ސަލާމަތް ކުރެއްވީ އެވެ. އަދި އެ އުންމަތުގެ މީހުން ބިނާ ކުރި ޙަޟާރަތުގެ އަސަރުތައް ފަހުގެ އުންމަތްތަކަށް ހުރި އިބްރަތްތަކެއްގެ ގޮތުގައި ލެހެއްޓެވީ އެވެ. ނަމަވެސް އެ ތަންތަނަށް ޒިޔާރަތް ކޮށް ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރާ އިރު، އެ ތަންތަނުން އަޅުގަނޑުމެން ލިބިގަންނަ އިބްރަތަކީ ކޮބައިތޯ އެވެ؟

(ނުނިމޭ)