ކުރު ވާހަކަ: ނޫރު
ކުރު ވާހަކަ: ނޫރު

ފަތިސްގަޑީގައި އެ ހިސާބުން ދިރޭ ފުރާނައެއް ހޯދުމަކީ މަދުން ނޫނީ ނުވާނެ ކަމެކެވެ. އޭރު އަދި ބިންގަނޑު ރަނގަޅަށް އަލި ވެސް ނުވެ އެވެ. ޖެހެމުންދިޔަ ވައިގައި އެކުލެވިފައިވީ ތެތް ފިނިކަމެކެވެ. އަހަރެން ހީކަރުވައިގަތެވެ. ދެއަތުގެ މުލައްދަނޑީގައި ފިރުމަމުން ކުރިއަށް ހިނގައިގަތީމެވެ. ޓެރެސްގެ ވަށައިގެން ރާނާފައިވާ ފާރުބުރިމައްޗަށް ކޮޅަށް އަރާފައި ބަލާލުމުން ކުދިބޮޑު އިމާރާތްތަކާއި ގެތައް ފެންނަން ހުއްޓެވެ. އަހަރެންނަށް ހުރެވުނު އުސްމިން ފެނިފައި ޖެހިލުންވާ ގޮތްވިއެވެ. އެކަމަކު އަހަރެން ފަހަތަކަށް ނުޖެހޭނަމެވެ. ދެއަތް ދަމާލަމުން މޫނު މައްޗަށް އުފުލާލީމެވެ. ފަހު ފަހަރަށް އިމާޒްގެ މޫނު ހަނދާނަށް ގެނައީމެވެ. އެހިސާބުން އަލުން ހިތްވަރު އައެވެ. ދެލޯ މަރައިލީ އެންމެ ފަހު ކަމެއްގެ ގޮތުގައެވެ. އެވަގުތު ފަހަތުން މީހަކު އަނގައިން ބުނި އަޑަށް އަހަރެން ސިހިއްޖެއެވެ.

"ނޯޓް ލިޔުނިންތަ؟" ޒުވާނާ ކުރީ ސުވާލެކެވެ.

އަހަރެން އެނބުރި ބަލައިލިއިރު، ޓެރެސްއަށް ނިކުންނަ ދޮރުމަތީގައި ޔާޒަން ހުއްޓެވެ. ޔާޒަން އަހަރުމެން އުޅޭ އިމާރާތުގެ ތިންވަނަ ފަންގިފިލާއަށް ބަދަލު ވިތާ އަދި ވާނީ މަހެކެވެ. ލިފްޓުން ދިމާވެގެން މަދު ފަހަރެއްގައި ހިނިތުންވުން ބަދަލު ކުރެވުނެވެ. ފެންނަ ފެނުމަށް ރަނގަޅު ޒުވާނެކެވެ.

"އަހަރެން މިބުނީ މަރުވާން ތިއުޅެނީ ނޯޓު ލިޔެފަހެއްޔޭ. އެހެންނޫނީ ބޮޑީ ބަލާފަ ކިޔަން ފަށާފާނެ މީހަކު މަރާލަފައޭ. ސަބަބަކާ ނުލާ އެހެން މީހަކަށް ޖެހިދާނެ ޖަލާއި ކޯޓާއި ދެމެދު ގަނަތެޅެން." ޔާޒަން އަހަރެންގެ ކައިރިއަށް އަންނަން ހިނގައިގަންނަމުން ތަފްޞީލު ދިނެވެ.

އަހަރެން ހައިރާންވެފައި ބަލަން ފެށުމުން އޭނަ އައިސް އަތް ޖެހޭ ހިސާބުގައި ހުއްޓިފައި ނިތް އަރުވައިލިއެވެ. ވީ ކިހިނެއްހޭ އަހައިލާފަދަ ގޮތަށެވެ. އަހަރެން ދެން ވެސް ހުރީ ހިމޭނުންނެވެ. "ނޯޓް ފޮތާއި ގަލަމާ ގެނެސްދެންތަ؟" ޔާޒަން އިތުރަށް އެހިއެވެ. ދެން ކުއްލިއަކަށް ހޭން ފަށައިފިއެވެ. އޭނަ ހެމުން ހެމުން އިސްޖަހާލައިގެން ހުރެ މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވިއެވެ. އިރުކޮޅަކުން އިސްއުފުލައިލިއެވެ. އަހަރެން ހުރި ގޮތަށް ހިމޭނުން ހުރުމުން ކުއްލިއަކަށް ހުނުން މެދުކަނޑާލިއެވެ.

"ޖޯކެއް ހަނދާންވެގެން ހިނި އައީ. ބޭނުމިއްޔާ ކިޔައިދީފާނަން." ޔާޒަން އޮޅުންފިލުވައިދިނެވެ. އަހަރެން އެއްބަސް ނުވިއަސް އޭނަ ކިޔައިދޭނެކަން އަހަރެންނަށް އެނގުނެވެ. ހިމޭނުން ހުއްޓާ އޭނަ ފެށިއެވެ. އޭނަ ކިޔައިދިނީ މީހަކު އެއް އަތް ބުރިވެގެން ދިރިއުޅުން ދަތިވެގެން އަމިއްލައަށް މަރުވާން ނިންމި ވާހަކައެވެ. އެ ނިޔަތުގައި ގޮސް ވަރަށް އުސް އިމާރާތެއްގެ ޓެރެސްއަށް އަރައި ފުންމައިލަން ތައްޔާރުވިއެވެ. އެހެން ހުރެފައި ތިރި ބަލައިލިތަނާ މަގުމަތިން ދިޔަ މީހަކު ފެނުނެވެ. އެމީހާގެ ދެއަތެއް ނެތެވެ. އެކަމަކު އެމީހާ ހިނގާފައި ދިޔައީ އުފަލުން ނަށަމުންނެވެ. މިމީހާ ހިތަށް އެރިއެވެ. އަހަރެން މަރުވާން މިއުޅެނީ އެއް އަތް ނެތިގެންނެވެ. އެމީހާ ދެއަތް ނެތިވެސް އުޅޭލެއް އުފާވެރިކަން ދެކިބަލާށެވެ. ކޮންމެއަކަސް އެމީހާ އެހިސާބުން މަރުވުމުގެ ހިޔާލު ދޫކޮށްލައިފިއެވެ. ދެން އިމާރާތުން ތިރިއަށް ފައިބައިގެން ގޮސް، ދެއަތް ނެތް މީހާ ހޯދިއެވެ. ދެއަތް ނެތިވެސް އެހާ އުފަލުގައި އުޅެނީ ކިހިނެއްތޯ އެމީހާ ސުވާލު ކުރިއެވެ. އެވަގުތު އަނެއްމީހާ ޖަވާބުދިނެވެ. އަހަރެން އުފަލުން ނަށަނީއެއް ނޫނެވެ. އަހަރެން މިއުޅެނީ ފޫކޮޅު ކަހައިގަނެގެންނެވެ.

ޔާޒަންގެ ވާހަކަ ނިމުމާއެކު އަހަރެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ދެއަތް ނެތް މީހަކު ފޫކޮޅު ކަހައިގަތުމުން ތެޅި ފޮޅޭނެ ގޮތް އެންމެ ރީތިކޮށް ހިތަށް ސިފަވެގެން ދިޔައެވެ.

"ސޯ! ސުހާ ކީއްވެ މަރުވާން ތިއުޅެނީ؟" ޔާޒަން ކުއްލިއަކަށް އެ ސުވާލު ކުރުމުން އަހަރެންގެ ހުނުން މެދުކެނޑުނެވެ. "ފޮޓޯތަކެއް ލީކްވީތަ؟ ނޫނީ މައިންބަފައިން އަނިޔާ ކުރަނީތަ؟ ކެންސަރު ޖެހުނީތަ؟...ލެޓް މީ ގެސް. ބޯއިފްރެންޑް ރުޅިވީ ދޯ؟" ޔާޒަން ފަހަރަކު ސުވާލެއް ކުރަމުން އައިސް ފަހު ސުވާލު ކުރިއިރު އަހަރެންނަށް ވީ ގޮތް ފާހަގަކުރިއެވެ. ލޮލަށް ގިނަވި ކަރުނަތަކާއެކު އަހަރެން އަނެއް ފަރާތަށް އެނބުރި ތިރި ބަލަން ފެށީމެވެ.

"އިނގޭތަ ސުހާ މަރުވީމަ ހުރިހާ ގެއްލުމެއް ވާނީ ސުހާދެކެ ލޯބިވާ މީހުންނަށް. މައިންބަފައިންނާއި ގާތް މީހުންނަށް. އެކުވެރިންނަށް. ތި ބޯއިފްރެންޑް އުޅެންފަށާނީ އެހެން ކުއްޖަކާއި ރައްޓެހިވެގެން." ޔާޒަން ކުރިއަށްވުރެވެސް ކައިރިވެލަމުން ވާހަކަދެއްކިއެވެ. ރުޅިގަދަވެފައި އަހަރެން އޭނައަށް ރައްދު ދިނީމެވެ. އަހަންނާއި އަހަރެންގެ ބޯއިފްރެންޑާއި ދެމެދު ކަންވީ ގޮތް ނޭނގި ހުރެ ވާހަކަ ނުދެއްކުމަށް ބުނެލީމެވެ. ޔާޒަންގެ ސަބަބުން މަރުވުމުގެ ހިޔާލުވެސް ނެތިއްޖެއެވެ. މީހަކު ފަހަތުގައި ހުރެ ވާހަކަދައްކަންޏަކާ އެކަމެއް ނުވާނެއެވެ. ފަހުން އަންނާނީއެވެ. އަހަރެން ފާރުބުރިމަތިން ފޭބީމެވެ. ދާންވެގެން ހިނގައިގަތްއިރު ޔާޒަން ބަލަން ހުއްޓެވެ. އަހަރެން ފަސްދިން ތަނާ ކުއްލިއަކަށް އަތުގައި ހިފިއެވެ. ފޮޅުވާލުން އުޅުމުން އޭނަ އެދުނީ އެއް މިނިޓް މަޑުކުރުމަށެވެ. ދެން ޖީބުން ނެގީ ލައިޓަރެކެވެ. އަހަރެން ބަލަން ހުއްޓާ ލައިޓަރު ރޯކޮށްލިއެވެ. އަހަރެން ހުރީ އޭނަ ކުރަން އުޅޭކަމެއް ނޭނގިފައެވެ. ނުވިސްނާ ހުއްޓާ ޔާޒަން އަހަރެންގެ އަތުގައި ލައިޓަރުން އަރާފައިވާ ހުޅުކޮޅު ޖެއްސިއެވެ. އަހަރެން ހަޅޭތްލަވައިގަތީމައިވެސް ދުލެއް ނުކުރިއެވެ. އެއަލިފާނުން އަހަރެންގެ ހަންގަނޑު ފިއްސަމުން ދިޔައިރު އޭނަ ހުރީ ހަމަޖެހިލައިގެން ބަލާށެވެ. އޭނަ ހުއްޓައިލީ އަހަރެން ރޯން ފެށީމައެވެ.

"ދެން ފަހަރަކުން އަމިއްލައަށް މަރުވާން އުޅުމުގެ ކުރިން މި ތަދުމަތިން ހަނދާން ކުރާތި. އަމިއްލައަށް މަރުވެއްޖެއްޔާ މިއަށްވުރެ ހޫނުވާނެ. އަދި އެހޫނު އަބަދުގެ އަބަދަށް ސުހާއާއެކު ވާނެ." ޔާޒަން އަހަރެންގެ އަތުން ދޫކޮށްލައިފައި ދަމުން ބުނެލިއެވެ.

ކޮޓަރިއަށް ވަދެވުނުއިރު އަހަރެންނަށް ރޮވިއްޖެއެވެ. ހިތާއި ހިތުން ޔާޒަންއަށް އެތިވަރު ގޮވީމެވެ. އަހަރެންގެ ދިރިއުޅުމާ ބެހޭގޮތުން އޭނައަށް އެނގެނީ ކޯއްޗެއް ހެއްޔެވެ؟ އަބަދު އުފަލުން ހިނިތުންވެފަ ހުންނަ މީހަކަށް އަހަރެންގެ ހާލެއް ނުވިސްނޭނެއެވެ. އިމާޒުއާއި ނުލާ ދިރިއުޅުމަކީ އަހަރެންނަށް ވާނެ ކަމެއް ނޫނެވެ.

ޔާޒަން ކޮންމެވެސް އިރަކު ގެއަށް އައިސް އަހަރެންގެ މައިންބަފައިންނަށް ހުރިހާ ވާހަކައެއް އޮތީ ކިޔައިދީފައެވެ. އަބަދުވެސް ކޮންމެވެސް މީހަކު ފާރައަށް ހުރެއެވެ. ފަހުން ކައުންސެލިން ދޭން މީހެއްގެ ކައިރިއަށް ގެންދިޔައެވެ. އަހަރެންނަށް ކުރެވެން އުޅުނީ ކިހާ ބޮޑު ކުށެއްކަން އިހްސާސްވީ ދެނެވެ.

ޝުކުރު އަދާ ކުރަންވެގެން ޔާޒަން ހޯދަން ދިޔަ ދުވަހު އެނގުނީ އޭނައަށް ވަނީ ކެންސަރު ޖެހިފައި ކަމެވެ. ޔާޒަން ރަށަށް އައިސް އުޅެނީ ލިބޭނެ އިތުރު ފަރުވާއެއް ނެތްކަން އެނގުމުން ފަހު ދުވަސްތައް އާއިލާ ކައިރީ ހޭދަ ކުރުމަށެވެ. މާޔޫސްވެގެން އަމިއްލައަށް މަރުވާ ހާލަތާއި އަހަރެންގެ ހާލަތު ކައިރިވެސް ނުކުރެއެވެ. އެކަން އަހަންނަށް ވިސްނުނީ ޔާޒަންގެ ބަލި ހާލު ދެކެފައެވެ. ދުވަހަށްވުރެ ދުވަހެއް ބަލި ބޮޑުވަމުން މީހާ އަނަރޫފަ ވަމުން ދިޔައިރުވެސް މަރުވާ ވާހަކައެއް އޭނަ ނުދައްކައެވެ. ދުނިޔެމަތީ މީހާގެ ގައިގައި އަޅާ ވޭނަކީވެސް ރަހުމަތެއްކަން އޭނަ ހަނދާން ކުރެއެވެ. އޭނަ ރަނގަޅަށް ހުންނަ ވަގުތު ތަކުގައި ނިކަން ސަމާސަ ކުރެއެވެ. ފަހަކަށް އައިސް އަހަރެންގެ ހުސް ވަގުތުތައް ފުރަނީ ޔާޒަންގެ ކައިރީގައެވެ. އެއީ އަހަރެންގެ އެންމެ ގާތް މިތުރަށް ވިއެވެ. އަނދިރީގެ ތެރޭގައި އަހަރެން ވަނިކޮށް ފާއްދައިލި ނޫރެއް ފަދައިން އޭނަ އަހަރެންގެ ހަޔާތަށް އައެވެ. އަހަރެންނަށް ހެޔޮ ވިސްނުން ގެނެސްދިނެވެ. ދިރިއުޅުންދެކެ ލޯބިވާން ދަސްކޮށްދިނެވެ. އެއަށްފަހު އަހަރެން ރޮއްވާލައިފައި މާ ކުރިން ނިމިގެން ދިޔައެވެ. -- ނިމުނީ --