ކައިލީ އަލަށް ތައާރަފުކުރި ނޫ ލިޕްސްޓިކް ޖައްސާނަންތަ؟
ކައިލީ އަލަށް ތައާރަފުކުރި ނޫ ލިޕްސްޓިކް ޖައްސާނަންތަ؟

މަޝްހޫރު ކޮސްމެޓިކް ބްރޭންޑުތަކުން ފަހަކަށް އައިސް ވަރަށް އާދަޔާ ހިލާފު ތަފާތު ލިޕްސްޓިކް ކުލަތައް ތައާރަފްކޮށްފައިވެ އެވެ. ލައިމް ކްރައިމް، މެކް ފަދަ ބްރޭންޑްތަކުން ފެހި، ރީނދޫ، އަޅި ނުވަތަ ހުދު ފަދަ އާއްމުކޮށް ތުންފަތުގައި ނުޖައްސާ ޒާތުގެ ކުލަތައް އެ ބްރޭންޑްތަކުން މިހާރު ދަނީ އިސްތިހާރު ކުރަމުންނެވެ. މި އަހަރު ކުރީކޮޅު ލޯންޗުކުރި އަދި ދިވެހިންގެ ތެރޭގަ އާއި މުޅި ދުނިޔޭގައި މަޝްހޫރުވި ކައިލީ ލިޕްސްޓިކްސް ވެސް މި ބިއުޓީ ޓްރެންޑްގައި ބައިވެރިވެއްޖެ އެވެ.

ކައިލީ އަލަށް ތައާރަފުކުރި ނޫ ލިޕްސްޓިކް ޖައްސާނަންތަ؟
ކައިލީ އަލަށް ތައާރަފުކުރި ނޫ ލިޕްސްޓިކް ޖައްސާނަންތަ؟

މިދިޔަ ހޯމަދުވަހު ކައިލީ ޖެނާގެ ސްނެޕްޗެޓު އަދި އިންސްޓަގްރާމް އެކައުންޓުގައި އޭނާގެ ނޫ ކުލައިގެ ލިޕްސްޓިކްތައް ދައްކާލި އެވެ. "ފްރީޑޮމް" އަދި "ސްކައިލީ" އެވެ. މަޑު ނޫ ކުލައިގެ "ސްކައިލީ" އަކީ އޭނާގެ ނޫ ކުލައިގެ ފެރާރީ ކާރުގެ ކުލައިން ހިޔާލު ހޯދައިގެން އުފައްދާފައިވާ ލިޕްސްޓިކެވެ. އަދި ގަދަ ނޫ ކުލައިގެ "ފްރީޑޮމް" އަކީ 90ގެ "ގޮތު ލުކް" އިން ހިޔާލު ހޯދައިގެން ތައްޔާރުކޮށްފައިވާ ކުލައެކެވެ.

ނަމަވެސް މި ކުލަތައް ޖައްސާނީ ކިތައް މީހުން ހެއްޔެވެ؟

ބަލައިލަން ރީތި ކުލަތަކަކަށް ވިޔަސް މިއީ ގިނަ މުނާސަބަތުތަކަށް ޖައްސާލެވޭނެ ކުލަތަކެއް ނޫނެވެ. ކޮސްޓިއުމް ޕާޓީއަކަށް ނުވަތަ މިފަދަ މުނާސަބަތުތަކަށް ފަހަރެއްގައި ޖައްސާލަން އެކަށީގެންވެދާނެ އެވެ. ނުވަތަ "ބިއުޓީ ބްލޮގާޒް" އަށް މިއީ އެއްފަހަރު ވީޑިއޯއެއް ހުށަހަޅަން ބޭނުންކުރެވިދާނެ އެވެ. ކައިލީގެ "ފްރީޑޮމް" އަދި "ސްކައިލީ" މިއަންނަ ހުކުރު ދުވަހު ލޯންޗުކުރާނެ އެވެ.