ބަންދުގެ މުއްދަތު ހަމަވުމުން އާޒިމް ދޫކޮށްލައިފި
ބަންދުގެ މުއްދަތު ހަމަވުމުން އާޒިމް ދޫކޮށްލައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމްގެ ހަ ދުވަހުގެ ބަންދުގެ މުއްދަތު ހަމަވަމުން ފުލުހުން މިއަދު އޭނާ ދޫކޮށްލައިފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި އާޒިމް ހައްޔަރުކުރީ، ދިވެހި ސަރުކާރު ގާނޫނާ ޚިލާފަށް ބަދަލު ކުރުމަށް ހިތްވަރުދީ، ރާއްޖޭގެ ޝަރުއީ ނިޒާމުގެ އިތުބާރު ގެއްލޭ ފަދަ ވާހަކަތަކެއް ދެއްކެވުމުގެ ތުހުމަތުގައި މި މަހުގެ އަށްވަނަ ދުވަހު އެވެ.

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ޝެޑޯ މިނިސްޓަރު އާޒިމްގެ އާއިލާ އިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ އާޒިމް ދޫކޮށްލީ ކޯޓުން ޖެހި ބަންދުގެ މުއްދަތު މިއަދު ހަމަވަމުން އިތުރަށް ބަންދުގައި ބަހައްޓަން ކޯޓަށް ނުގެން ގޮސް ކަމަށެވެ.

އާޒިމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް ނެރުއްވި އަމުރުގައި ވަނީ، ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދައި، އިތުބާރު ގެއްލުވައިލުމަށް މަސައްކަތް ކޮށް، ދޮގު މައުލޫމާތު ފަތުރައި، ތަފާތު އެކި ގޮތްގޮތަށް އާޒިމް ވާހަކަ ދައްކަވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އާޒިމް ހައްޔަރު ކުރުމުގެ އަމުރު ނެރުނު ސަބަބެއް ކަމަށް ބުނެފައި ވަނީ "...މި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮހެލުމަށް މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ އާއި އަދި މީނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްފައި ބެހެއްޓުމަކީ މީނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ފެންނާތީ" ކަމަށެވެ.

އާޒިމް ހައްޔަރުކުރުމަށް ފަހު ތަހުގީގުގައި ފުލުހުން ސުވާލުކުރީ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި އޭނާ ދެއްކެވި ވާހަކައަކާ ގުޅޭ ގޮތުން ކަމަށް އާޒިމްގެ ވަކީލު ވިދާޅުވެފައިވެ އެވެ.

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި އާޒިމްގެ ބޭބެ ނާޒިމް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި މި ރޯދަމަހަށް ނާޒިމް ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.