14 ޖޫން 2017 - 14:59

ގާހިރާ (ޖޫން 14) - ރަތް ކަނޑުގެ މިސްރުގެ ދެ ޖަޒީރާއެއް ސައުދީ އަރަބިއާ އަށް ދޭން ޕާލަމެންޓުގެ ކޮމިޓީއަކުން ފާސްކޮށްފި އެވެ.

ކޮމިޓީގެ ނިންމުމަށް ފަހު މާގިނައިރެއް ނުވަނީސް ގާހިރާގައި ވަނީ އެ ނިންމުމާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ. މުޒާހަރާ ކުރި މީހުން ވަނީ ރައީސް އަބްދުލް ފައްތާހު ސީސީގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. އެންމެ ފަހުން މުޒާހަރާ ރޫޅާލަން ޖެހުނީ ފުލުހުން ނުކުމެފަ އެވެ.
މިސްރުގެ ރަށްތައް ސައުދީ އަށް ނުދެވޭނެ ކަމަށް މިދިޔަ ޖޫން މަހު އެ ގައުމުގެ ދަށު ކޯޓަކުން ކުރި ހުކުމް ވަނީ އިސްތިއުފާން ކޯޓަކުން އެޕްރީލް މަހު ބާތިލްކޮށްފަ އެވެ. ސައުދީ އަރަބިއާ އަށް ދިނުމަށް ނިންމާފައި ވަނީ ރަތް ކަނޑުގެ ޖަޒީރާތައް ކަމަށްވާ ޓިރަން އާއި ސަނަފިރު އެވެ.
މިސްރުގެ ހައި އެޑްމިނިސްޓްރޭޓިވް ކޯޓުން ކުރި ހުކުމް ކޯޓް އޮފް އާޖެންޓް މެޓާސް އިން ބާތިލް ކުރި ނަމަވެސް މިސްރުގެ ފަޅު ދެ ރަށް ސައުދީ އަށް ދެވޭނީ ޕާލަމެންޓުން އެ ގޮތަށް ފާސްކޮށްގެންނެވެ. ޕާލަމެންޓުގެ ލެޖިސްލޭޓިވް ކޮމިޓީގެ ބަހުސް ވަރަށް ހޫނުވި އެވެ. ކޮމިޓީގެ ނިމުން ފާސްކުރުމަށް 35 މެންބަރުން ވޯޓު ދިން އިރު، އަށް މެންބަރު ވަނީ ދެކޮޅު ހަދައިފަ އެވެ. ކޮމިޓީގެ ނިންމުން ދެން ދާނީ ޕާލަމެންޓުގެ ވޯޓަކަށެވެ. ޕާލަމެންޓުގެ ވޯޓަށް ދިއުމުގެ ކުރިން ޑިފެންސް ކޮމިޓީން އެއްބަސްވުން މުރާޖައާ ކުރާނެ އެވެ.
ޖަޒީރާތައް ސައުދީ އަށް ހަވާލު ކުރަން ނިންމުމުން މިސްރުގައި ވަނީ މުޒާހަރާ ކުރަން ފަށައިފަ އެވެ. މި މުޒާހަރާތަކާ ގުޅިގެން 150 މީހުން ވަނީ ޖަލަށް ލައިފަ އެވެ. ނަމަވެސް މީގެ ތެރޭން ގިނަ މީހުން ވަނީ ފަހުން ދޫކޮށްލައިފަ އެވެ. އަދި އަނެއް ބައެއްގެ އަދަބު ވަނީ ލުއިކޮށްދީފަ އެވެ.
ޓިރަން އާއި ސަނަފިރު އަކީ ގަލްފު އޮފް އަގަބާގެ ފަޅު ދެ ރަށެވެ. މިއީ މިސްރާއި އިޒްރޭލް، ޖޯޑަން އަދި ސައުދީ އަރަބިއާއާ ގުޅިފައި އޮންނަ ރަތް ކަނޑުގެ މުހިންމު ހިސާބެކެވެ. ސައުދީގެ އެދުމުގެ މަތިން މި ރަށްތަކުގައި މިސްރު ސިފައިން ތިބޭތާ 66 އަހަރު ވެއްޖެ އެވެ. އެކަމަކު މި ރަށްތަކުގެ ކޮންޓްރޯލް ސައުދީ އަށް ދޫކޮށްލުމަށް ސީސީ ނިންމެވުމުން މިސްރުގެ އެތެރޭން ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ. އިޒްރޭލުން ވަނީ 1965 އަދި 1967 ވަނަ އަހަރު މި ދެ ޖަޒީރާ ހިފައިފަ އެވެ. ނަމަވެސް ފަހުން ވަނީ އެ ރަށްތައް މިސްރަށް ހަވާލުކޮށްފަ އެވެ.
ގާނޫނު އަސާސީއާ ޚިލާފުވެ ރަށްތައް ވިއްކާލައިގެން އެތައް ބިލިއަން ޑޮލަރެއް ހޯއްދެވިކަމުގެ ތުހުމަތު ސީސީގެ މައްޗަށް ކޮށްފައިވެ އެވެ. އެކަމަކު ސީސީ ވިދާޅުވެފައި ވަނީ އެ ރަށްތަކަކީ ކުރިން ވެސް ސައުދީގެ ތަންތަން ކަމަށާއި އެ ތަންތަނުގެ ކޮންޓްރޯލް ސައުދީ އަށް ދޫކޮށްލަން ނިންމީ އެހެންވެ ކަމަށެވެ.
މިސްރުގެ ރަށްތައް ސައުދީ އަށް ދިނުމަށް ރައީސް ސީސީ ނިންމެވީ މިދިޔަ އަހަރުގެ އެޕްރީލް މަހު ސައުދީ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެ ދަތުރުފުޅުގައި ސައުދީ ރަސްގެފާން ވަނީ މިސްރަށް މަލްޓި މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕެކޭޖަކާއި ލުއި ލޯނު ދެއްވާނެކަން އިއުލާން ކުރައްވައިފަ އެވެ.
މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ ސަރުކާރު 2013 ވަނަ އަހަރު ސިފައިން ނުކުމެ ވައްޓާލި ފަހުން ސައުދީން ގެންދަނީ މިސްރަށް ވަރަށް ބޮޑަށް މާލީ ގޮތުން އެހީތެރިވަމުންނެވެ. މުރްސީގެ ސަރުކާރު ވައްޓާލުމުގައި އިސްކޮށް ހުންނެވީ ސީސީ އެވެ.