އަވިން ކަރަންޓު އުފައްދާ ނިޒާމެއް ވިލާ ކޮލެޖުގައި ގާއިމްކުރަނީ
އަވިން ކަރަންޓު އުފައްދާ ނިޒާމެއް ވިލާ ކޮލެޖުގައި ގާއިމްކުރަނީ

ވިލާ ކޮލުޖުގައި އަވިން ކަރަންޓު އުފައްދާ ނިޒާމެއް ގާއިމުކުރުމަށް 4.2 މިލިއަން ރުފިޔާ އަށް "އަވި ޓެކްނޮލޮޖީ" އާ މިއަދު ހަވާލުކޮށްފި އެވެ.

އަވިން ކަރަންޓު އުފައްދާ ނިޒާމެއް ވިލާ ކޮލެޖުގައި ގާއިމްކުރަނީ
އަވިން ކަރަންޓު އުފައްދާ ނިޒާމެއް ވިލާ ކޮލެޖުގައި ގާއިމްކުރަނީ

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ވިލާ ކޮލެޖުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޮލެޖުގެ ރެކްޓަ ޑރ. އަހުމަދު އަންވަރު އެވެ. އަވި ޓެކްނޮލޮޖީސް އިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިސްމާއިލް އާތިފް އެވެ.

ވިލާ ކޮލެޖުގައި ގާއިމްކުރަން ހަމަޖައްސާފައިވަނީ 183 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެކެވެ. މި މަޝްރޫއު ނިންމަން ހަމަޖައްސާފައިވަނީ 100 ދުވަހުގެ ތެރޭގަ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން އަންވަރު ވިދާޅުވީ އެއީ ވިލާ ކޮލެޖުގެ މާލޭގެ ކެމްޕަހުގައި މިހާރު ހުރި ފުރާޅުތައް ބޭނުންކޮށްގެން، ސޯލާ ޕެނަލް ޖެހޭ އެންމެ ބޮޑު އަދަދު ކަމަށެެވެ. އަދި މިއީ އަމިއްލަ ފަރާތަކުން ގާއިމްކުރާ އެންމެ ބޮޑު ސިސްޓަމް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އަންވަރު ވިދާޅުވި ގޮތުގައި އެ ނިޒާމް ހަރުކުރުމުން، ވިލާ ކޮލެޖުން ކަރަންޓަށް ކުރާ ހޭދަ ވެސް ކުޑަވެގެންދާނެ އެވެ. އެގޮތުން ދުވާލު ގަޑީގައި ބޭނުންކުރާ ކަރަންޓުގެ 60 ޕަސެންޓް އެ ނިޒާމުން ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ކޮލެޖުގެ މުސްތަގުބަލަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް. އަދި ވަރަށް އަވަހަށް މުޅި ކޮލެޖަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދެވޭ ވަރުގެ ސޯލާ ޕީވީ އިތުރު ކުރުމަކީ ވެސް މި މަޝްރޫއުގައި ހިމެނިފައިވާ ކަމެއް،" އަންވަރު ވިދާޅުވި އެވެ.

އަވި ޓެކްނޮލޮޖީސްގެ މެނޭޖިން ޑިރެކްޓަރު އާތިފް ވިދާޅުވީ ވިލާ ކޮލެޖަކީ ފުޅާ ދާއިރާއެއްގައި ތައުލީމް ފޯރުކޮށްދެމުން އަންނަ ތަނަކަށް ވުމުން، މަޝްރޫއު ކުރިއަށް ގެންދާނީ ދަރިވަރުންނަށް ވެސް އެއްޗެއް ދަސްވާނެ ގޮތަކަށް ކަމަށެވެ.