14 ޖޫން 2017 - 14:26

ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން އިލެކްޝަންސް ކޮމިޝަނުން މަނާކުރި މައްސަލާގައި އެ ޕާޓީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ނުދާތީ އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް މިއަދު ސިޓީ ފޮނުވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯއަކީ ރައީސުލް ޖުމްހޫރިއްޔާގެ ދިދައާ ވައްތަރު ލޯގޯއެއް ކަމަށްވާތީ އެ ދިދަ އާއި ލޯގޯ ބޭނުން ނުކުރަން އިލެކްޝަންސް ކޮމިޝަނުން އެންގީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ކޮމިޝަންގެ އެ ނިންމުން ބާތިލްކުރަން ޖޭޕީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިޔަސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ގޮތެއް ނިންމިކަން އަންގާފައި ނުވާ ކަމަށް އެ ޕާޓީން ބުނެ އެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ އެ މައްސަލަ ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުން އުއްތަމަ ފަނޑިޔާރާ ހިއްސާކުރީ ސިޔާސީ ޕާޓީތަކަކީ މުހިންމު ދައުރެއް އަދާކުރާ ބަޔަކަށްވާއިރު ސިޔާސީ ޕާޓީތަކާ ގުޅޭ އެފަދަ މައްސަލަތައް ޝަރުއީ މަރުހަލާގެ ތެރެއިން އަވަހަށް ނިމެންޖެހޭނެ ކަމަށް އެ ޕާޓީން ގަބޫލުކުރާތީ ކަމަށެވެ. މީގެކުރިން ކޯޓުތަކުން އަމަލު ކޮށްފައިވާ ގޮތްތަކަށް ބަލާއިރު، ސިޔާސީ އެފަދަ މައްސަލަތައް އަވަހަށް ނިންމުމަކީ ކޯޓުތަކުން ބަލައިގެންފައިވާ އުސޫލެއް ކަމަށް އަލީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނުދަންނަވަން ވަކި ގޮތަކަށް މައްސަލަ ނިންމައިދޭށޭ. އަޅުގަނޑުމެން މިދަންނަވަނީ އަޅުގަނޑުމެން ހުށަހަޅާފައި އޮތް މައްސަލާގައި ޝަރުއީ މަރުހަލާއިން އަވަސް ފަރުވާއެއް ހޯދައިދޭށޭ. މި ކަންބޮޑުވުންތައް ހުރީމަ އުއްތަމަ ފަނޑިޔާރަށް މި ސިޓީ މި ފޮނުވީ،" އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވި ގޮތުގައި އެ މައްސަލާގައި އިންސާފުވެރި ހުކުމެއް އަންނާނެ ކަމުގެ ޔަގީންކަން އެ ޕާޓީއަށް އެބަ އޮތެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ސިވިލް ކޯޓަށް ވެސް އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށް، ސިޓީއެއް ފޮނުވާފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ މަނާ ކުރުމުން އެ ޕާޓީން ވަގުތީ ގޮތުން މިހާރު ވަނީ ލޯގޯ އާއި ދިދަ ބޭނުން ކުރުން ހުއްޓާލައިފަ އެވެ. އެ ދިދަ އާއި ލޯގޯ ބޭނުން ކުރުން މަނާކުރީ ހޯމް މިނިސްޓްރީން ހަދާފައިވާ އުސޫލެއްގެ ދަށުން، ރައީސުލް ޖުމްހޫރިއްޔާގެ ދިދަ އާއި ވައްތަރު ދިދައެއް ނުވަތަ ނިޝާން ބޭނުން ކުރުން މަނާކޮށްފައިވާތީ އެވެ.