12 އަހަރަށް ފަހު ސްޕެއިން ބަލިވެ، ދެ ވަނަ ބުރުގައި އިޓަލީއާ ވާދަކުރަން ޖެހިއްޖެ
12 އަހަރަށް ފަހު ސްޕެއިން ބަލިވެ، ދެ ވަނަ ބުރުގައި އިޓަލީއާ ވާދަކުރަން ޖެހިއްޖެ

ބޯޑޯ، ފްރާންސް (ޖޫން 22) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކްރޮއޭޝިއާ އަތުން 2-1 އިން ބަލިވެ، 12 އަހަރު ތެރޭ މި މުބާރާތުގެ މެޗަކުން ފުރަތަމަ ފަހަރަށް ނާކާމިޔާބީއާ ކުރިމަތިވި ސްޕެއިން ގްރޫޕުގެ ދެ ވަނަ އަށް ވެއްޓި ދެ ވަނަ ބުރުގައި އިޓަލީއާ ބައްދަލުކުރަން ޖެހިއްޖެ އެވެ.

12 އަހަރަށް ފަހު ސްޕެއިން ބަލިވެ، ދެ ވަނަ ބުރުގައި އިޓަލީއާ ވާދަކުރަން ޖެހިއްޖެ
12 އަހަރަށް ފަހު ސްޕެއިން ބަލިވެ، ދެ ވަނަ ބުރުގައި އިޓަލީއާ ވާދަކުރަން ޖެހިއްޖެ

އެންމެ ފަހު ދެ މުބާރާތުގެ ޗެމްޕިއަން ސްޕެއިން އަތުން ހޯދި މޮޅާ އެކު ކްރޮއޭޝިއާ ވަނީ ހަތް ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނަ ހޯދައިފަ އެވެ. ދެ ވަނަ ބުރުގައި ކްރޮއޭޝިއާ ވާދަކުރަން ޖެހޭނީ ގްރޫޕް ބީ، އީ ނުވަތަ އެފް ގެ ތިން ވަނަ ޓީމާ އެވެ.

ހަ ޕޮއިންޓާ އެކު ސްޕެއިން ދެ ވަނަ އަށް ދިޔައިރު، މިއީ 2004 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް އަތުން 1-0 އިން ބަލިވި ފަހުން ސްޕެއިން މި މުބާރާތުގެ މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ 2000 ވަނަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުގައި ފްރާންސް އަތުން 2-0 އިން ސްޕެއިން ބަލިވި މެޗަށް ފަހު، މި މުބާރާތުގައި އެ ޓީމު ކޮޅަށް އެއް ލަނޑަށް ވުރެ ގިނައިން ލަނޑު ވަން ފުރަތަމަ މެޗެވެ.

އެންމެ ފަހު ޔޫރޯގެ ފައިނަލުގައި ބައްދަލުކުރި ސްޕެއިނާއި އިޓަލީގެ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެރެ އެވެ. އެ ފަހަރު ފައިނަލުގައި އިޓަލީ އަތުން 4-0 އިން ސްޕެއިން މޮޅުވިއިރު ގްރޫޕް ސްޓޭޖުގައި ވާދަކުރި މެޗު 1-1 އިން އެއްވަރުވީ އެވެ.

ސްޕެއިނާއި ކްރޮއޭޝިއާ މިރޭ ކުޅުނު މެޗުގެ ހަތް ވަނަ މިނެޓުގައި ސްޕެއިނުން ވަނީ ލީޑު ނަގައިފަ އެވެ. ކްރޮއޭޝިއާގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ސްޕެއިނުގެ ޑޭވިޑް ސިލްވާ އޭރިއާ ތެރެއަށް ދޫކޮށްލި ޕާހަށް އަރައި ސެސް ފެބްރިގާސް ގޯލަށް ފޮނުވާލި ބޯޅަ ގޯލް ތެރެއަށް ވައްދާލި އަލްވާރޯ މޮރާޓާ އެވެ. މިއީ އޭނާ މުބާރާތުގައި ޖެހި ތިން ވަނަ ލަނޑެވެ.

ކްރޮއޭޝިއާ އިން ވަނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެއްވަރުކޮށްފަ އެވެ. އިވާން ޕެރިސިޗް ނަގައިދިން ހުރަހަކުން މި ލަނޑު ޖެހީ ނިކޮލާ ކަލިނިޗެވެ.

ދެ ވަނަ ހާފުގައި، 69 ވަނަ މިނެޓުގައި އަލުން ލީޑު ނަގަން ސްޕެއިނަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު އޭރިއާ ތެރެއިން ސިލްވާ ވައްޓާލުމުން ރެފްރީ ދިން ޕެނަލްޓީ ސްޕެއިނުގެ ސާޖިއޯ ރާމޯސް ޖެހުމުން ކްރޮއޭޝިއާ ގޯލްކީޕަރު ވަނީ މަތަކޮށްފަ އެވެ. ރާމޯސް ޕެނަލްޓީ ޖެހުމުގެ ކުރިން ކްރޮއޭޝިއާގެ ކެޕްޓަން ޑާރިއޯ ސާނާ ވަނީ ކީޕަރު ގާތު، ރާމޯސް ބޯޅަ ޖަހާނެ ދިމާ ކިޔައިދީފަ އެވެ.

ކްރޮއޭޝިއާ މޮޅުވީ 85 ވަނަ މިނެޓުގައި ޕެރިސިޗް ވައްދާލި ލަނޑުންނެވެ. ސްޕެއިނުގެ އަރިޓްޒް އަޑުރިޒް ފޮނުވާލި ހަމަލައެއް ބްލޮކްކޮށް ކްރޮއޭޝިއާގެ ސާނާ އުފެއްދި ކައުންޓާ އެޓޭކުގައި، ޕެރިސިޗް ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ވަނީ ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ޗެކް ރިޕަބްލިކް އަތުން 2-0 އިން މޮޅުވެ ތުރުކީ ވަނީ ތިން ޕޮއިންޓާ އެކު ގްރޫޕުގެ ތިން ވަނަ ހޯދައިފަ އެވެ. އެ ޓީމަށް، ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމުގެ ތެރޭގައި ހިމެނުނު ފުރުސަތު އޮތްއިރު އެއް ޕޮއިންޓާ އެކު ގްރޫޕުގެ ފުލަށް ދިޔަ ޗެކް ރިޕަބްލިކް ވަނީ މުބާރާތުން ކަޓައިފަ އެވެ. މިރޭގެ މެޗުގައި ތުރުކީ އަށް ލަނޑު ޖަހައިދިނީ ބުރަކް ޔިލްމާޒާއި އޮޒާން ޓުފާނެވެ.