14 ޖޫން 2017 - 14:03

ރިޔާޒް (ޖޫން 14) - ގަތަރުގެ އެއްވެސް ބޯޓަކަށް ސައުދީ އަރަބިއާގެ ވައިގެ ސަރަހައްދު ހުޅުވާލަން އެ ގައުމުގެ އޭވިއޭޝަން އޮތޯރިޓީން އަނެއްކާ ވެސް ދެކޮޅު ހަދައިފި އެވެ.
ސައުދީގެ ވައިގެ ސަރަހައްދުން ގަތަރުގެ ބޯޓުތައް ދަތުރުކުރުން މަނާކުރިއިރު ގަތަރު އެއާވޭސްގެ ސީއީއޯ ވަނީ ސައުދީގެ ނިންމުމާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ފިޔަވަޅު އަޅައިދިނުމަށް އެދިފަ އެވެ.
ސައުދީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ގަތަރަށް ވައިގެ ސަރަހައްދު ބަންދުކުރީ ގައުމީ ސަލާމަތަށްޓަކައި ކަމަށާ އަދި ސައުދީގެ ރައްޔިތުންނަށް ކުރިމަތިވާ ބިރުތަކުން ރައްކާތެރިވުމަށް ކަމަށެވެ. ސައުދީއާ އެކު ޔޫއޭއީ އަދި ބަހުރޭނުން ވެސް ވަނީ ވައިގެ ސަރަހައްްދު ގަތަރުގެ ބޯޓުތަކަށް ބަންދުކޮށްފަ އެވެ.
ގަތަރު އެއާވޭސްގެ ސީއީއޯ އަކްބަރު އަލް ބަކަރު ވިދާޅުވީ އެ ތިން ގައުމުން ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވެފައި ކަމަށެވެ. އޭނާ ވަނީ ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތަކަކީ، އެއާ ޓްރެފިކް އުސޫލާ ޚިލާފަށް ކުރި ކަމެއް ކަމަށް، އިންޓަނޭޝަނަލް އެއާ ޓްރެވަލް މޮނިޓާ ކުރާ އދ.ގެ އެޖެންސީ، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން އިން ކަނޑައަޅައި ދިނުމަށް އެދިވަޑައިގެންފަ އެވެ.
"އެ ގައުމުތަކުން ބަންދު ކުރި ވައިގެ ސަރަހައްދަކީ އެ ގައުމުތަކުގެ އަމިއްލަ ތަނެއް ނޫން. އެއީ ބައިނަލްއަގުވާމީ ސަރަހައްދެއް،" އަލް ޖަޒީރާ އަށް ބަކަރު ވިދާޅުވި އެވެ.
މި މަހު 5 ވަނަ ދުވަހު ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތަކާ ގުޅިގެން ގަތަރު އެއާވޭސްގެ ދަތުރުތައް ވަނީ 18 މަންޒިލަކަށް ހުއްޓާލަން ޖެހިފަ އެވެ. އަދި ސައުދީ އާއި ޔޫއޭއީގައި ހުންނަ ގަތަރު އެއާވޭސްގެ އޮފީސްތައް ވަނީ ބަންދުކޮށްފަ އެވެ.