މަސީހު ދެއްވި ރޯދަ ވީއްލުމަށް ވަޑައިގަތީ ރައީސް ޔާމީނަށް ތާއީދު އޮތް މިންވަރަށް: ނަޝީދު
މަސީހު ދެއްވި ރޯދަ ވީއްލުމަށް ވަޑައިގަތީ ރައީސް ޔާމީނަށް ތާއީދު އޮތް މިންވަރަށް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް، މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދެއްވި ރޯދަ ވީއްލުމަށް މެމްބަރުން ވަޑައިގަތް އަދަދުން އެނގެނީ، މަޖިލީހުގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު އޮތް މިންވަރު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓުވީޓެއްގަ އެވެ.

މަޖިލީހުގެ 85 މެމްބަރުންނަށް މަސީހު ދައުވަތު ފޮނުއްވި ރޯދަ ވީއްލުމަށް ވަޑައިގަތީ ޖުމްލަ 17 މެމްބަރުން ކަމަށްވެ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ 44 މެމްބަރުން އަދި އެމްޑީއޭގެ ފަސް މެމްބަރުން ތިއްބަވާއިރު، މަސީހު ދެއްވި ރޯދަ ވީއްލުމަށް މެމްބަރުން ވަޑައިނުގަތީ ކީއްވެތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ސަރުކާރު ކޯލިޝަންގެ މެމްބަރަކު ވިދާޅުވެފައިވާ ގޮތުގައި މަޖިލީހުގެ ރައީސާއި ޕީޕީއެމްގެ ބައެއް މެމްބަރުންނާ ދެމެދު ވަނީ ވަރަށް ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ. މެމްބަރުން ވަޑައިނުގަތީ އެ ސަބަބާ ހެދި ކަމަށް ވުން ވެސް އެކަށީގެންވާ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ކުއްލިއަކަށް އިސްލާހުތަކެއް ގެންނަން ސަރުކާރުން ހުށަހެޅި ބިލްގައި އޮތީ "މެމްބަރުންނަށް ވެސް މަކަރާއި ހީލަތް ހަދާފައި" ކަމުގެ ތުހުމަތާ އެކު މެމްބަރުން އިއްޔެ ވަނީ މަސީހަށް ރުޅިގަނޑު ބާލައިފަ އެވެ. މަޖިލީހުގެ ޖަލްސާ އަށް ފަހު ބައެއް މެމްބަރުން އެމަނިކުފާނުގެ އިސްތިއުފާ އަށް ވެސް ގޮވި ކަމަށް ވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން މަސީހް ވަކިކުރަން އިދިކޮޅު ފަރާތްތަކުން ދެ ފަހަރަށް މަސައްކަތް ކުރި އެވެ. ފުރަތަމަ ފަހަރު، މަޖިލީހުގެ ބައެއް އުސޫލްތަކާ ހިލާފަށް ވޯޓު ނެގުން ކުރިއަށް ގެންދަން ސަރުކާރަށް ތާއީދުކުރާ މެމްބަރުން ނިންމުމުން، އެ މައްސަލަ ނާކާމިޔާބުވީ އެވެ. ދެ ވަނަ ފަހަރަށް މަޖިލީހަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް ގަވާއިދަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

ކުރިން އެކަމަށް ބޭނުންވަނީ 15 މެމްބަރުންނަށް ވުރެ މަދު ނޫން މެމްބަރުންގެ ސޮޔެވެ.

ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން، މަޖިލީހަށް ހުށަހެޅި ބޮޑެތި މައްސަލަތަކުގައި ކުރިން 54 ވޯޓު ހޯދާފައިވެ އެވެ. އެކަމަކު މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި އެ އަދަދު ވަނީ ދަށްވެ، ސަރުކާރަށް މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީ ގެއްލިފަ އެވެ. މަސީހް ވަކިކުރެވޭނީ 42 މެމްބަރުންގެ ސޮޔާ އެކު ކަމަށް މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހު ފާސްވީ ޕީޕީއެމާއި/އެމްޑީއޭ ކޯލިޝަންގެ 46 މެމްބަރުންގެ ވޯޓުންނެވެ.