ސަޕޯޓަރުންގެ ކިބައިން ގްރީޒްމަން މައާފަށް އެދެފި
ސަޕޯޓަރުންގެ ކިބައިން ގްރީޒްމަން މައާފަށް އެދެފި

މެޑްރިޑް (ޖޫން 14) - އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުންގެ ކިބައިން އެ ޓީމަށް ކުޅޭ ފްރާންސްގެ ތަރި އެންޓޮއިން ގްރީޒްމަން މައާފަށް އެދެފި އެވެ.

ގްރީޒްމަން ވަނީ އެތުލެޓިކޯއާ އެކު ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރުގެ ނިޔަލަށް އާ ކޮށްފަ އެވެ. ގްރީޒްމަން އެތުލެޓިކޯގައި މަޑުކުރަން ނިންމާފައިވާއިރު މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން މީޑިއާގައި އެކިގޮތަށް އަޑުފެތުރިފައިވަނިކޮށެވެ.

ރިޕޯޓްތައް ބުނާގޮތުގައި ފީފާއިން އެތުލެޓިކޯ އަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް ދިން އަދަބު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ދަމަހައްޓަން ނިންމުމުގެ ކުރިން ގްރީޒްމަންގެ އޭޖެންޓް ވަނީ މެންޗެސްޓާ ޔުނައިޓެޑާ އެކު މަޝްވަރާކޮށްފަ އެވެ. އަދި އޭރު ގްރީޒްމަން ވެސް ޔުނައިޓެޑަށް ދާން ނިންމިކަމަށް ރިޕޯޓްތައް ބުނެ އެވެ.

ގްރީޒްމަން ބުނީ އޭނާ މީޑިއާގައި ދެއްކި ވާހަކަތަކުން ގޯސް މާނަތަކެެއް ދޭހަވެފައިވާނަމަ އެކަމަށް މައާފަށް އެދޭ ކަމަށެވެ.

"ފުރަތަމަ ކަމަކަށް އަހަރެން ބޭނުން މީޑިއާގައި އަހަރެން ދައްކާފައިވާ ވާހަކަތަކުން ގޯސްމާނަތަކެއް ދޭހަވި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެން. އަހަރެންގެ ސަބަބުން އެތުލެޓިކޯ ސަޕޯޓަރުންނަށް އުނދަގުލެއް ކުރިމަތިވެފައިވާނަމަ އެކަމަށް ވެސް މައާފަށް އެދެން،" ގްރީޒްމަން ބުންޏެވެ.

ގްރީޒްމަން ބުނީ މީޑިއާތަކުން އޭނާ ދެއްކި ވާހަކަތަކުން ސުރުހީ އަޅާފައިވަނީ ހަގީގަތާ ހިލާފަށް ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ.

އެތުލެޓިކޯއާ ގުޅުނު ފުރަތަމަ ދުވަހުން ފެށިގެން އެ ޓީމާ އެކު ހޭދަކުރި ކޮންމެ އަހަރެއް ވެސް ދިޔައީ ވަރަށް ފުރިހަމަކޮށް ކަމަށާއި އުއްމީދުކުރަނީ ކުރިއަށް އޮތް ސީޒަނަކީ ވެސް އެތުލެޓިކޯ އަށް ކާމިޔާބު އަހަރަކަށް ހެދުމަށް ކަމަށެވެ.

އެތުލެޓިކޯ މެޑްރިޑަށް 2014 ވަނަ އަހަރު ބަދަލުވުމަށް ގްރީޒްމަން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ހޯދުމަށް މީގެ ކުރިން ޕީއެސްޖީ އާއި ބަޔާން މިއުނިކުން ވެސް މަސައްކަތް ކުރި އެވެ.