ހަރުފަ ވިހަލުމުން އަނބިމީހާ ގައިގައި ދަތް އަޅައިފި
ހަރުފަ ވިހަލުމުން އަނބިމީހާ ގައިގައި ދަތް އަޅައިފި

އިންޑިއާގެ ސަމަސްތިޕޫރީ ޑިސްޓްރިކްޓްގައި އޮންނަ ބިރްސިންގްޕޫރް އަވަށުގައި ދިރިއުޅޭ މީހެއްގެ ގައިގައި ހަރުފައެއް ދަތް އެޅުމުން އޭނާއާ އެކު އަނބިމީހާ ވެސް މަރުވަން ޖެހޭނެ ކަމަށް ބުނެ އަނބިމީހާ ގައިގައި ދަތް އަޅައިފި އެވެ.

ނަމަވެސް ހަރުފަ ވިހަލައިގެން ފިރިހެން މީހާ މަރުވީ އެވެ. އެކަމަކު އަނބިމީހާ ވަނީ ސަލާމަތްވެފަ އެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ނެރޭ ނޫހެއްގައިވާ ގޮތުން ޝަންކަރް ރާއީ ނަމަކަށް ކިޔާ މި މީހާ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޭނާގެ ގޭގެ ފެންޑާމަތީގައި ނިދާފައި އޮއްވައި ހަރުފައެއް ދަތްއެޅީ އެވެ. ޝަންކަތް އެރޭ އެ ވާހަކަ އެއްވެސް މީހެއްގެ ގާތު ނުބުނެ އެވެ.

އަންހެނުން ދެކެ ވަރަށް ލޯބިވާ ކަމަށާއި ދެ މީހުން އެކުގައި މަރުވާން އެދޭ ކަމަށް އަނެއް ދުވަހު ހެނދުނު އޭނާގެ އަންހެނުން އަމީރީ ދޭވީ ކައިރީގައި ޝަންކަރް ބުނި ކަމަށްވެ އެވެ. މި ވާހަކަ ދެއްކުމަށް ފަހު އަތުގައި ދަތްއަޅަން ދޭން އެދުމުން ދަތްއަޅަން ދިނީ ކަމަށް އަމީރީ ދޭވީ ބުންޏެވެ.

އެ އަވަށުގެ މީހުންނަށް މި ޚަބަރު ލިބުމާއެކު ޝަންކަރް ގެންދިޔައީ ސިހުރުހާހޫރަ ހަދާ މީހެއް ކައިރިއަށެވެ. އެހެންވެ ފަރުވާއެއް ނުލިބި އޭނާ މަރުވީ އެވެ.

އަމީރީ ދޭވީގެ އަތުގައި ފިރިމީހާ ދަތް އެޅި ވާހަކަ ދޭވީ ބުނީ ފިރިމީހާއާ އެކު މަރު ނުވުމުންނެވެ. ފަރުވާއަށް ފަހު އަންހެން މީހާގެ ހާލު ރަނގަޅެވެ.