15 ޖޫން 2017 - 08:09

ސުޝާންތު ސިންގް ރާޖްޕޫތާއި ކްރީތީ ސަނަންގެ "ރާބްތާ" ރިލީޒްވެ ފަސް ދުވަސް ވީ އިރު ބޮކްސް އޮފީހުގައި ކާމިޔާބު ހޯދުމުގައި ވަނީ ނާކާމިޔާބު ވެފަ އެވެ. ދިނޭޝް ވިޖަން ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް ފަސް ދުވަހުގެ ތެރޭގައި ލިބިފައިވަނީ 20.71 ކްރޯޑު (ދެ ބިލިއަން ރުޕީސް) އެވެ.
މި ފިލްމަށް ކްރިޓިކްސް ވެސް ވަރަށް ފާޑުކިޔާފައިވެ އެވެ. ފިލްމުގެ ވާހަކައިގައި އެއްވެސް ކަހަލަ އާކަމެއް އަދި ހިތްގައިމުކަމެއް ނެތް ކަމަށް އެ މީހުން ބުނެފައިވެ އެވެ. ނަމަވެސް ސުޝާންތާއި ކްރީތީ އަދި ޖިމްގެ އެކްޓިން އަށް ތައުރީފުކޮށްފައިވެ އެވެ.
"ރާބްތާ" އަށް ދިމާވި ބަދުނަސީބު ގޮތާ މެދު ވާހަކަ ދައްކަމުން ސުޝާންތު ބުނީ ފިލްމު ރަނގަޅަށް ނުހިނގާކަން އޭނާއަށް ވެސް އެނގިފައިވާ ކަމަށާއި ނަމަވެސް އެއީ އޭނާ ބިރުގަންނަ ކަމެއް ނޫން ކަމަށެވެ. ސުޝާންތު ބުނި ގޮތުގައި އޭނާއަކީ ބޭރުން އައިސް ފިލްމު އިންޑަސްޓްރީއާ ގުޅުނު މީހެއް ކަމަށެވެ. ދިއްލީ ކޮލެޖް އޮފް އިންޖިނިއަރިންގައި ކިޔެވުން ދޫކޮށްލާފައި ތިއޭޓަރާއި ޓީވީގައި މަސައްކަތް ކުރަން ފަށައި މިހާ ހިސާބަށް އާދެވުމަކީ ވެސް ލިބުނު ކާމިޔާބެއް ކަމަށް އޭނާ ބުންޏެވެ.
ސުޝާންތު ބޮލީވުޑް ކެރިއާ ފެށީ ބެކްގްރައުންޑްގައި ނަށާ ނެށުންތެރިއެއްގެ ގޮތުގަ އެވެ. އަދި އެދުވަސްވަރު އޭނާއަށް ލިބެނީ ކުޅޭ ކޮންމެ ތަމްސީލަކަށް އެންމެ 250 ރުޕީސް ކަމަށް ސުޝާންތު ބުންޏެވެ. އެހެންކަމުން ފިލްމުތައް ފްލޮޕްވާތީ ފިލްމު ކުޅެން ނުލިބުނަސް ޓީވީ ސިލްސިލާތަކުގައި މަސައްކަތްކުރަން ވެސް އޭނާގެ މައްސަލައެއް ނެތެވެ.
"އެކްޓްކުރަން ބޭނުންވަނީ. އެއީ ފިލްމު އަދި ޓީވީ ނަމަވެސް މައްސަލައެއް ނެތް،" ސުޝާންތު، 31، ބުންޏެވެ.
"ރާބްތާ"ގެ ކުރިން ރިލިޒްވި ސުޝާންތުގެ "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އަށް ބޮޑު ކާމިޔާބެއް ލިބިފައި ވެއެވެ. އަދި ސުޝާންތުގެ އެކްޓިން އަށް ވެސް ވަރަށް ގިނަ ބަޔަކު ތައުރީފު ކުރި އެވެ.
"ރާބްތާ"ގެ ވިޔަފާރި ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ނިސްބަތަށް ބަލާ އެއް ހަފުތާއަށް ވުރެ ގިނަ ދުވަހު މިފިލްމު ތިއޭޓަރުތަކުގައި އަޅުވާފައި ބާއްވާނެ ކަމަކަށް ނުބެލެވެ އެވެ. މި ފިލްމުގެ ބަޖެޓަކީ 33 ކްރޯޑު (3.3 ބިލިއަން ރުޕީސް) އެވެ. މިހާރު ފިލްމު ވެއްޓެމުންދާ ނިސްބަތުން މި ވަރު ލިބޭނެ ކަމާ މެދު ވެސް ޝައްކެވެ.