ދިރިއުޅުން އެއް ޢިމާރާތެއްގައި، ރޯދަވީއްލުން ތަފާތު ތިން ވަގުތެއްގައި!
ދިރިއުޅުން އެއް ޢިމާރާތެއްގައި، ރޯދަވީއްލުން ތަފާތު ތިން ވަގުތެއްގައި!

ދުނިޔެ އަށް އަންނަ ތަރައްގީއާ އެކު ތަފާތު އާ ކަންތައްތައް ކުރިމަތިވަމުން ދިޔުމަކީ މިއަދުގެ މުސްލިމު އިލްމުވެރިން އެފަދަ ކަންކަމުގެ މައްޗަށް ވިސްނައި، އެފަދަ އާ ކަންތައްތަކާ ގުޅޭ ގޮތުން ދީނުގެ ޙުކުމްތައް ދިރާސާކޮށް ހާމަކުރަން ޖެހިފައިވާ ކަމެކެވެ.

މި ފަހަރު މިއޮތީ ކޮންމެވެސް ވަރެއްގެ އާކަމެއް ކުރިމަތިވެފަ އެވެ. ބަލާބެލުމަށް މިއީ މާ ބޮޑު ކަމެއް ކަމުގައި ނުފެނިދާނެ އެވެ. ނަމަވެސް މިއީ ދުނިޔޭގައި މިއަދު ހުރި އެންމެ އުސް ޢިމާރާތުގައި ދިރިއުޅެމުން އަންނަ މުސްލިމުންނަށް ކުރިމަތިލާން ޖެހިފައިވާ އާދަޔާ ޚިލާފު ކަމެކެވެ.

އެ ހުރިހާ މުސްލިމުން ވެސް ދިރިއުޅެމުން އަންނަނީ އެއް އިމާރާތެއްގަ އެވެ. ނަމަވެސް އެއް ބަޔަކަށް އިރު އޮއްސޭ އިރު، އަނެއް ބަޔަކަށް އިރެއް ނުއޮއްސެ އެވެ. އެހެންކަމުން އެއް އިމާރާތެއްގައި އުޅުނަސް ރޯދަ ވީއްލަން ޖެހެނީ ތަފާތު ތިން ވަގުތެއްގަ އެވެ.

އެއީ އުސްމިނުގައި 828 މީޓަރު (2،716 ފޫޓު) ހުންނަ ދުބާއީގެ "ބުރުޖު ޚަލީފާ" އެވެ. މި އުސް އިމާރާތުގެ 160 ފްލޯގައި ދިރިއުޅޭ މުސްލިމުން ރޯދަ ވީއްލަން ޖެހެނީ ތަފާތު ތިން ވަގުތެއްގަ އެވެ.

"އިމާރާތު އަލްޔައުމި" ނުވަތަ "އިމާރާތުގެ މިއަދު" މި ނަން ކިޔާ އޮންލައިން ނޫހާއި، ބައިނަލްއަގުވާމީ ބައެއް އޮންލައިން ނޫސްތަކުގެ އިއްޔެގެ (18 ރަމަޟާން 1438، 13 ޖޫން 2017)ގެ އަދަދުގައި ރިޕޯޓް ކޮށްފައިވާ ގޮތުން އިއްޔެ ދުބާއީ އަށް އިރު އޮއްސޭނީ، އެތާނގެ ގަޑިން 19.12 މިނިޓްގަ އެވެ.

ބުރުޖް ޚަލީފާގެ އެންމެ ތިރީ ބުރިން ފެށިގެން 80 ވަނަ ބުރިއާ ދެމެދުގައި ދިރިއުޅޭ މީހުން، އިރު އޮއްސޭ ކަމަށް ކަލަންޑަރުގައިވާ ވަގުތުގައި ރޯދަ ވީއްލާނެ އެވެ. ނަމަވެސް، 80 ވަނަ ބުރިން ފެށިގެން 150 ވަނަ ބުރިއާ ދެމެދުގައިވާ ބުރިތަކުގައި ދިރިއުޅޭ މީހުންނަށް އިރު އޮއްސޭނީ، އެއަށް ވުރެ ތިރީ ބުރިތަކުގައި ދިރިއުޅޭ މީހުން ރޯދަ ވީއްލާތާ ދެ މިނެޓް ފަހުންނެވެ. އަދި 150 ވަނަ ބުރިން ފެށިގެން މަތީގައި ދިރިއުޅޭ މީހުންނަށް އިރު އޮއްސޭނީ، އެންމެ ތިރީ ބުރިތަކުގައި ދިރިއުޅޭ މީހުން ރޯދަ ވީއްލާ ވަގުތަށް ވުރެ ތިން މިނެޓް ފަހުންނެވެ.

މީގެ އިތުރުން ފަތިސް ނަމާދު ވަގުތު ޖެހުމުގައި ދިމާވަނީ މީގެ އަނެއް ކޮޅަށެވެ. ބުރުޖު ޚަލީފާގެ އެންމެ ތިރީ ބުރިން ފެށިގެން 80 ވަނަ ބުރިއާ ދެމެދުގައި ދިރިއުޅޭ މީހުންނަށް ފަތިސް ވަގުތު ވުމުގެ ދެ މިނެޓް ކުރިން، 80 ވަނަ ބުރިއާއި 150 ވަނަ ބުރިއާ ދެމެދުގައި ދިރިއުޅޭ މީހުންނަށް ފަތިސް ނަމާދު ވަގުތު ޖެހެ އެވެ. އަދި 151 ވަނަ ބުރިން ފެށިގެން މަތީގައި ދިރިއުޅޭ މީހުންނަށް ތިން މިނެޓް ކުރިން ފަތިސް ނަމާދު ވަގުތު ޖެހެ އެވެ.

އެހެންކަމުން އެ އިމާރާތުގެ 151 ވަނަ ބުރިން ފެށިގެން މަތީގައި ދިރިއުޅޭ މީހުން ރޯދަ ހިފަން ފަށާނީ، 80 ވަނަ ބުރިން ފެށިގެން ތިރީގައި އުޅޭ މީހުންނަށް ވުރެ ތިން މިނެޓް ކުރިންނެވެ. އަދި ރޯދަ ވީއްލާނީ އެ މީހުންނަށް ވުރެ ތިން މިނެޓް ފަހުންނެވެ. އަދި 80 ވަނަ ބުރިއާ 150 ވަނަ ބުރިއާ ދެމެދުގައި ދިރިއުޅޭ މީހުން ރޯދަ ހިފަން ފަށާނީ އެއަށް ވުރެ ތިރީގައި ދިރިއުޅޭ މީހުންނަށް ވުރެ ދެ މިނެޓް ކުރިންނެވެ. އަދި ރޯދަ ވީއްލާނީ ދެ މިނެޓް ފަހުންނެވެ.

މި ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، ދުބާއީގެ އިސްލާމީ ކަންތައްތަކާއި ޚައިރާތާ ބެހޭ އިދާރާ އިން މިހާރު ވަނީ، ބުރުޖު ޚަލީފާގައި ދިރިއުޅޭ މުސްލިމުން ރޯދަވީއްލުމުގަ އާއި، ރޯދަ ހިފަން ފަށާ ވަގުތު (އިމްސާކު) ބެލުމުގައި، މި ދެންނެވި ވަގުތުގެ ތަފާތުތަކަށް ޢަމަލު ކުރުމަށް އިރުޝާދު ދީފަ އެވެ.

ދުބާއީގެ ފަތުވާ ކޮމިޓީގެ ރައީސް ޑރ. އަޙްމަދު ޢަބްދުލްޢަޒީޒު އަލްޙައްދާދާ ހަވާލާދީ "އިމާރާތު އަލްޔައުމި" ނޫހުގައި ބުނެފައިވަނީ، ބުރުޖް ޚަލީފާގައި ދިރިއުޅޭ މުސްލިމުން މި ދެންނެވި ވަގުތުތަކަށް ރިއާޔަތް ކުރުމަށާއި، ވަކިން ހާއްސަކޮށް މަޣުރިބު ނަމާދާއި، ޢިޝާ ނަމާދާއި، ފަތިސް ނަމާދު ކުރުމުގައި މި ވަގުތުތަކަށް ސަމާލުވުމަށެވެ.

މަތިންދާބޯޓުގައި ދަތުރުކުރާ ދަތުރުވެރިންނަށް ފަތުވާ ކޮމިޓީން ގޮވާލާފައިވަނީ، އެމީހުން ދަތުރުކުރާ ވަގުތު، އިރު އޮއްސޭ ތަން ފެނުމުން، ނުވަތަ އެ ވަގުތަކު ބޯޓު އޮތް ހިސާބަށް އިރު އޮއްސުނުކަން ޔަގީންވުމުން މެނުވީ ރޯދަ ނުވީއްލުމަށެވެ. އެއީ، އެ ވަގުތު ބޯޓު ދަތުރު ކުރަމުންދާ ސަރަހައްދުގައިވާ ގައުމަކަށް އިރުއޮއްސުނު ކަމުގައި ވިޔަސް، އެ ދިމާލުން މާ މަތީގައި ދަތުރު ކުރަމުންދާ ބަޔަކަށް އިރު ނުއޮއްސޭނެތީ، ބިންމަތީގެ ވަގުތަށް ތަބާވެ ބޯޓުގައި ތިބޭ ދަތުރުވެރިން ރޯދަ ވީއްލުން ހުއްދަ ނުވާނެތީ އެވެ.

ޑރ. އަލްޙައްދާދު ވިދާޅުވި ގޮތުގައި އިރު އޮއްސުނުކަން ޔަގީންވުމުން މެނުވީ ރޯދަވެރިޔާ އަށް ރޯދަވީއްލުން ހުއްދަ ނުވާނެކަމަށް ފަތުވާ މަޖިލީހުން ފަތުވާ ނެރެފައިވެ އެވެ. މިފަދަ ފަތުވާއެއް ނެރެން ޖެހުނު ސަބަބެއް ކަމަށް އަލްޙައްދާދު ވިދާޅުވެފައިވަނީ، ބޯޓު ދަތުރުކުރަމުންދާ ސަރަހައްދެއްގެ ބިންމައްޗަށް އިރުއޮއްސޭ ވަގުތު، ޖައްވުގައި އިރު ފެންނަން ހުރުމާއެކު ވެސް، އެ ބޯޓުގައި ތިބޭ މުސްލިމު ދަތުރުވެރިން ރޯދަ ވީއްލުމަށް ބައެއް ޕައިލެޓުން އިރުޝާދު ދޭކަމަށް އެނގިފައި ވުމެވެ. ޖައްވުގައި ދަތުރު ކުރަމުންދާ ދަތުރުވެރިންނަށް އިރު ފެންނަން ހުއްޓައި ރޯދަ ވީއްލުން ހުއްދައެއް ނުވާނެ އެވެ.

އަލްޙައްދާދު އިތުރަށް ވިދާޅުވެފައިވެ އެވެ. "އިރު އޮއްސުނުކަން ޔަގީން ނުވަނީސް ރޯދަ ވީއްލުން ހުއްދައެއް ނުވާނެ އެވެ. އެ މީހެއްގެ ރަށަށް، ނުވަތަ އެ ރަށަކުން އޭނާ ދަތުރުފެށި ރަށަށް، ނޫން ނަމަ އޭނާ ދާން ބޭނުންވާ ރަށަށް، ނުވަތަ އެ ރަށެއްގެ ޖައްވުގައި ބޯޓް ދަތުރުކުރަމުންދާ ރަށަށް އިރުއޮއްސެނީ ކޮން ވަގުތެއްގައިތޯ ބެލުމުގެ ބަދަލުގައި، ޖައްވުގެ ތެރޭގައި ދަތުރުކުރާ ދަތުރުވެރިން ބަލަންޖެހޭނީ އެމީހުންނަށް އިރު އޮއްސޭ ވަގުތަށެވެ. އެއީ ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާގެ އަންނަނިވި ބަސްފުޅުގައި ވާ ފަދައިންނެވެ؛ إِذَا أَقْبَلَ اللَّيْلُ مِنْ هَا هُنَا، وَأَدْبَرَ النَّهَارُ مِنْ هَا هُنَا، وَغَرَبَتِ الشَّمْسُ فَقَدْ أَفْطَرَ الصَّائِمُ. މާނައީ؛ "އިރުމަތީ ފަރާތުން އިރު އެރުމުން، އަދި ހުޅަނގު ފަރާތަށް އިރު އޮއްސުމުން ރޯދަވެރިޔާ ރޯދަ ވީއްލާހުށި ކަމެވެ. (ބުޚާރީ)

އޭގެ އިތުރަށް ޑރ. އަލްޙައްދާދު ވިދާޅުވެފައިވެ އެވެ. ރޯދަ ފަރުޟުކުރެއްވި އާޔަތުގައި ﷲ ވަޙީކުރައްވާފައިވަނީ، (ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ) މިފަދައިންނެވެ. މާނައީ: "ދެން އެއަށް ފަހު، ރޭ ވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ." (އަލް ބަޤަރާ 187)

މިފަދައިން އަންގަވާފައިވުމާ އެކު، ހުޅަނގު ފަރާތުގެ އުދަރެހާ އިރު ނިވައިވުމުން މެނުވީ، އިރު އޮއްސުނު ކަމަކަށް ނުބެލޭނެ އެވެ. މަޣުރިބު ވަގުތު ފެށޭނީ، އެހާ ހިސާބުންނެވެ. އެހެންކަމާ އެކު އިރު ފެންނަން ހުއްޓައި އެއްޗެއް ކައިބޮއި ހަދައިފި މީހަކީ، އިރު އޮއްސެންދެން އޭނާގެ ރޯދަ ފުރިހަމަ ކުރި މީހަކު ކަމުގައި ނުވާހުއްޓެވެ.

މި މައްސަލައިގައި އިހުގެ ފިޤުހުވެރިންގެ ރައުޔު ވެސް އޭނާ ބަޔާން ކުރައްވާފައިވެ އެވެ. އަބޫމޫސާގެފާނު އިސްކަންދަރިއްޔާ އަށް ވަޑައިގަތުމުން، އެ ކަލޭގެފާނާ ސުވާލު ކުރެވުނެވެ. އިސްކަންދަރިއްޔާގެ މުންނާރަށް އެރީމައި ފެންނަނީ، އެ ރަށަށް އިރުއޮއްސޭ ވަގުތަށް ވުރެ އެތައް އިރެއް ފަހުން އިރުއޮއްސޭތީ އެވެ. ވީމާ ބިންމަތީގައި ތިބޭ މީހުން ރޯދަވީއްލާ ވަގުތު، މުންނާރަށް އަރާ ހުރި މީހާ ރޯދަ ވީއްލުން ހުއްދަވާނެތޯ ދެންނެވުމުން، އެ ކަލޭގެފާނު ވިދާޅުވެފައިވަނީ ހުއްދަ ނުވާނެ ކަމަށެވެ. އެއީ، ކޮންމެ ބަޔަކަށް ވެސް މުޚާޠަބު ވެވިގެންވަނީ އެ ބަޔަކަށް އިރު އޮއްސުމުން ރޯދަ ވީއްލުމަށެވެ."

ދުބާއީގެ އިސްލާމީ ކަންތައްތަކާ ބެހޭ މަޖިލީހުން އެއާލައިންތަކަށް ގޮވާލާފައިވަނީ، މަތިންދާބޯޓުން ދަތުރުކުރާ ދަތުރުވެރިންނަށް އިރުއޮއްސޭ ވަގުތާއި ފަތިސް ވަގުތުވުމުގެ ކުރިން ކެއިންބުއިން ހުއްޓައިލުމަށް އިމްސާކުގެ ވަގުތު ބުނެދިނުމުގައި ބޯޓު ދަތުރުކުރަމުންދާ ޖައްވުގެ ސަރަހައްދަށް އިރުއޮއްސޭ ވަގުތާއި ފަތިސް ވަގުތު ޔަގީންކޮށް، އެ ވަގުތު ބުނެދިނުމަށެވެ.