ގަތަރަށް ފިޔަވަޅު އެޅުމާ ދެކޮޅަށް މަސައްކަތް ފެށި ބަހުރޭނުގެ ވަކީލް ހައްޔަރުކޮށްފި
ގަތަރަށް ފިޔަވަޅު އެޅުމާ ދެކޮޅަށް މަސައްކަތް ފެށި ބަހުރޭނުގެ ވަކީލް ހައްޔަރުކޮށްފި

މަނާމާ (ޖޫން 14) - ގަތަރާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ބަހުރޭން ސަރުކާރު ގޮވައިގެން ދައުވާ ކުރި އެ ގައުމުގެ މަޝްހޫރު ވަކީލަކު ހައްޔަރުކޮށްފި އެވެ.

ވަކީލް އީސާ ފަރާޖް އަރުހަމް އަލް ބްރުޝައިދު ވަނީ ބަހުރޭނުގެ ކެބިނެޓާއި ޚާރިޖީ އަދި ދާޚިލީ ވުޒާރާއާ ދެކޮޅަށް އެ ގައުމުގެ ސުޕްރީމް އެޑްމިނިސްޓްރޭޓިވް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

ބްރުޝައިދު ބުނީ އޭނާގެ ގައުމުން ގަތަރާ ދެކޮޅަށް އަޅާފައި ވަނީ އެއްވެސް އިންސާފެއް ނެތް ފިޔަވަޅުތަކެއް ކަމަށެވެ.

"ގަތަރަށް ދަތިކުރުމުން އާއިލާތަކުގެ ގުޅުންތައް ވަނީ ކެނޑިފައި. ގަތަރާ ދެކޮޅަށް ސިޔާސީ ގުޅުން ކަނޑާލުމަކީ ބަހުރޭނުގެ ގާނޫނު އަސާސީއާ ޚިލާފަށް ކުރި ކަމެއް،" އޭނާ ބުންޏެވެ.

ބަހުރޭނުން ބުރާސްފަތި ދުވަހު ބުނެފައި ވަނީ ގަތަރަށް ހަމްދަރުދީ ފާޅު ކުރުމަކީ ކުށެއް ކަމަށާއި އެ ކުށުގެ އަދަބަކަށް ފަސް އަހަރާ ހަމައަށް ޖަލަށްލާނެ ކަމަށެވެ. އަދި ގަތަރާ ދެކޮޅަށް ބަހުރޭނުން އެޅި ފިޔަވަޅަށް އެ ގައުމުގެ އެކަކު ވެސް ދެކޮޅު ނުހެދުމަށް ވަނީ އަންގައިފަ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ވެސް ވަނީ މިފަދަ ފިޔަވަޅެއް އަޅައިފަ އެވެ. ގަތަރަށް ހަމްދަރުދީ ވެއްޖެ ނަމަ ޔޫއޭއީގައި ދޭ އަދަބަކީ 15 އަހަރާ ހަމައަށް ޖަލަށްލާ 136،000 ޑޮލަރަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ބަހުރޭނުގެ އެންޓި-ކޮރަޕްޝަން އެންޑް ފައިނޭންޝަލް އެންޑް އިލެކްޓްރޯނިކް ސެކިއުރިޓީ އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް ވިދާޅުވީ ބްރުޝައިދު ހައްޔަރު ކުރީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ލިޔުންތައް ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމު ކުރުމުން ކަމަށެވެ.

ވަކީލް ބްރުޝައިދު ބުނީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ނަމަ އެއީ ވަކިވަކި ގައުމުތަކުން ފިޔަވަޅު އަޅަން ޖެހޭ ކަމެއް ނޫން ކަމަށާއި އެ ކަން ބަލަން ޖެހޭނީ އދ.ގެ ސަލާމަތީ މަޖިލީހުން ކަމަށެވެ. އެހެންވެ ބަހުރޭނުން ގަތަރާ ދެކޮޅަށް ހިންގާފައި ވަނީ ގާނޫނު އަސާސީއާ ދެކޮޅު އަމަލެއް ކަމަށް އޭނާ ބުންޏެވެ.