ސާރާ އާއި ހަރްޝްވަރްދަން: ދެ ލޯބިވެރިން؟
ސާރާ އާއި ހަރްޝްވަރްދަން: ދެ ލޯބިވެރިން؟

ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އާއި އަނިލް ކަޕޫރުގެ ހަގު ފިރިހެން ދަރިފުޅު ހަރްޝްވަރްދަންގެ ހަގީގީ ލޯބީގެ ވާހަކަ ބޮލީވުޑްގައި ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މި ދެ އެކްޓަރުން ރައްޓެހިވެގެން އުޅޭކަމުގެ ވާހަކަތައް ދެކެވެނީ އެކުގައި ކުޅޭ ފިލްމެއް ނެތް އިރު ވެސް ވަރަށް ގިނައިން ޕާޓީތަކުންނާއި ރެސްޓޯރެންޓް ތަކުން އެކުގައި ފެންނާތީ އެވެ. އަދި ނޫސްވެރިން ވަރަށް ގިނައިން މި ދެ މީހުން އެކުގައި ބޭރުތެރޭގައި އުޅެނިކޮށް ފެނިގެން ފޮޓޯ ނަގައި ނޫސްތަކުގައި ޝާއިއުކުރެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން، ޑީއެންއޭ ނޫހުގެ ނޫސްވެރިން ވަނީ ހަރްޝްވަރްދާ މިކަމާ ބެހޭ ގޮތުން ސުވާލުކޮށްފަ އެވެ. އޭނާ ކަނޑައެޅިގެން މި ވާހަކަ ދޮގެއް ނުކުރެ އެވެ. ނަމަވެސް އަޅުވާ ކިޔައި ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް ބުންޏެވެ.

ހަރްޝްވަރްދަން ބުނި ގޮތުގައި އޭނާއަކީ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް އަޑުގެ ކޮޅަށް ގޮވާނެ މީހެއް ނޫނެވެ. އެއަށްވުރެ މާ މަޑުމައިތިރި ދިރިއުޅުމަކަށް ލޯބިކުރާ މީހެކެވެ. އަދި އެހާ ސީރިއަސް ގުޅުމަކުން ގުޅިފައިވާ މީހަކު އަދި އޭނާގެ ހަޔާތަށް އައިސްފައިވާ ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް ހަރްޝްވަރްދަން ބުންޏެވެ.

"އަހަރެން މީހަކާ ރައްޓެހިވެގެން ދުވަސްކޮޅަކު އުޅުނަސް އެއީ އެހެން މީހުން ކައިރީގައި އެ ވާހަކަތަކެއް އަހަރެން ނުދައްކާނަން. ސަބަބަކީ އެ ކަހަލަ ކަންތައްތަކުގައި އެހެން ބަޔަކު ޝާމިލުކުރަން އަހަރެން ބޭނުން ނުވާތީ. އެއީ ފަހަރެއްގައި އެ ގުޅުމެއް މާ ގިނަ ދުވަހު ކުރިޔަށް ނުގެންދެވިދާނެ ކަމަށް އަހަރެންގެ ހިތުގައި އޮންނަ ޝައްކަކުން ކަމަށް ވެސް ވެދާނެ،" ހަރްޝްވަރްދަން ބުންޏެވެ.

ހަރްޝްވަރްދަންގެ ފުރަތަމަ ފިލްމު "މިރްޒިޔާ" ވަނީ މިިދިޔަ އަހަރު ރިލީޒްވެފަ އެވެ. އަދި މިހާރު ކުޅެމުން އަންނަނީ ވިކްރަމްއަދިތިޔާ މޯޓްވާނީ އުފައްދާ "ބާވޭޝް ޖޯޝީ" އެވެ. ސާރާ ވެސް ދަނީ ބޮލީވުޑް ފުރަތަމަ ފިލްމު ފެށުމަށް ތައްޔާރުވަމުންނެވެ. އަބީޝެކް ކަޕޫރު ޑައިރެކްޓްކުރާ މި ފިލްމުގެ ބަތަލަކީ ސުޝާންތު ސިންގް ރާޖްޕޫތެވެ.