ޓެކްސް އަށް މަކަރު ނަހަދާ ކަމަށް ރޮނާލްޑޯ ބުނެފި
ޓެކްސް އަށް މަކަރު ނަހަދާ ކަމަށް ރޮނާލްޑޯ ބުނެފި

މެޑްރިޑް (ޖޫން 14) - ޓެކްސް އަށް މަކަރު ނަހަދާ ކަމަށާއި އޮޅުވާލަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ރެއާލް މެޑްރިޑް އަދި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

މެޑްރިޑްގައި ހުންނަ ޕްރޮސެކިއުޓަރުންގެ އޮފީހުން ވަނީ ޓެކްސް އަށް މަކަރުހަދާފައިވާ ކަމަށް ބުނެ ރޮނާލްޑޯގެ މައްޗަށް ދައުވާ ކުރަން މައްސަަލަ ހުށަހަޅައިފަ އެވެ. ރޮނާލްޑޯގެ މައްޗަށް ދައުވާ ކުރަނީ 2011 އިން 2014 އާ ދެމެދު 14.7 މިލިއަން ޔޫރޯ އިން ޓެކްސް އަށް މަކަރު ހެދިކަމުގެ ތުހުމަތުގަ އެވެ.

ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭސްގެ ކުންފުނި ގެސްޓިފިއުޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޮނާލްޑޯ އަކީ ގަވާއިދުން ޓެކްސް ދައްކަމުން އަންނަ ކުޅުންތެރިއެއް ކަމަށާއި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

"ރޮނާލްޑޯ އަކީ ގަވައިދުން ޓެކްސް ދައްކަމުން އަންނަ ކުޅުންތެރިއެއް. ސްޕެއިނުގެ ޓެކްސް އެޖެންސީން އޭނާ އަށް ވަނީ އެކަމަށްޓަކައި ސެޓްފިކެޓް ވެސް ދީފައި. ކުރެވޭ ތުހުމަތުގައި އެއްވެސް ހަގީގަތެއް ނެތް،" ގެސްޓިފިއުޓުން ނެރުނު ބަޔާނުގައިވެ އެވެ.

ރޮނާލްޑޯގެ މައްޗަށް ކުރެވެނީ އޭނާގެ އިމޭޖް ރައިޓްސް އާއި އިޝްތިހާރުތަކުން ލިބޭ އާމްދަނީ އިން ޓެކުހަށް މަކަރު ހެދި ކަމުގެ ތުހުމަތެވެ. ކުރެވޭ ތުހުމަތުގައި ބުނެފައިވަނީ ރޮނާލްޑޯޯ ޓެކުހަށް މަކަރު ހެދުމުގައި ބޭނުންކޮށްފައިވަނީ އެހެން ގައުމުތަކުގެ އެކައުންޓްތައް ކަމަށެވެ.

ޕޯޗުގަލްގެ މީޑިއާ އަށް މިކަމާ ބެހޭގޮތުން ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނެފައިވަނީ އޭނާ އަށް ކުރެވޭ ތުހުމަތުތަކާ މެދު ކަންބޮޑުވުމެއް ނެތް ކަމަށާއި އެއްވެސް ކަމެއްގައި އޮޅުވާލާފައިނުވާނެ ކަމަށެވެ.

ރޮނާލްޑޯ އަށް ވަނީ މިދިޔަ އަހަރު މުސާރަ އާއި ސްޕޮންސަޝިޕް އެއްބަސްވުމުގެ ގޮތުގައި 72 މިލިއަން ޕައުންޑްގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. އަދި އޭނާ އަކީ ފޯބްސް މެގަޒިން އިން ހޮވި ފާއިތުވި ދެ އަހަރުގެ އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ކުޅިވަރު ކުޅުންތެރިއާ އެވެ.