ފޯރިގަދަ މެޗުން އިންގްލެންޑް އަތުން ފްރާންސަށް މޮޅެއް
ފޯރިގަދަ މެޗުން އިންގްލެންޑް އަތުން ފްރާންސަށް މޮޅެއް

ޕެރިސް (ޖޫން 14) - ޕެރިހުގައި ރޭ ކުޅުނު ރަހުމަތްތެރިކަމުގެ މެޗުން ފޯރިގަދަ ކުޅުމަކަށް ފަހު އިންގްލެންޑް އަތުން 3-2 އިން ފްރާން ސް މޮޅުވެއްޖެ އެވެ.

މިއީ 2012 ވަނަ އަހަރު ނޮވެމްބަރު މަހު ސްވިޑަން އަތުން 4-2 އިން ބަލިވި މެޗަށް ފަހު އިންގްލެންޑް ކޮޅަށް ބައިނަލްއަގްވާމީ މެޗެއްގައި ތިން ގޯލު ވަތް ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގެ ދެ ވަނަ ހާފް އެއްކޮށް ކަހަލަ ގޮތަކަށް ފްރާންސް އިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ދެ ވަނަ ހާފް ފެށިގެން ދެ މިނިޓް ތެރޭ ފްރާންސަށް ކުޅޭ ރެއާލް މެޑްރިޑްގެ ޑިފެންޑަރު ރަފައެލް ވަރާން އަށް ރަތް ކާޑު ދެއްކުމުންނެވެ.

ރޭގެ މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި އިންގްލެންޑަށް ލީޑުނަގައިދިނީ މި މެޗުގައި ވެސް އެ ޓީމުގެ ކެޕްޓަން ކަން ކުރި ހޭރީ ކޭން އެވެ. މެޗުގެ 22 ވަނަ މިނިޓްގައި ފްރާންސަށް އެއްވަރުކޮށްދިނީ ބާސެލޯނާގެ ޑިފެންޑަރު ސެމިއުލް އުމްޓީޓީ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖިބްރިލް ސިޑިބޭ ވަނީ ފްރާންސަށް މެޗުގެ ލީޑު ނަގައިދީފަ އެވެ.

ދެ ވަނަ ހާފް ފެށިގެން ދެ ވަނަ މިނިޓް ތެރޭ އިންގްލެންޑަށް ލިބުނު ޕެނަލްޓީ އަކުން ކޭން ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން ފްރާންސްފެ ވަރާން އިންގްލެންޑްގެ ޑެލެ އަލީ އަށް ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ފައުލާ އެކު ވަރާން އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ފްރާންސް އިން ދިޔައީ ފަހަތަށް ނުޖެހި ރަނގަޅު އެޓޭކިން ގޭމެއް ކުޅެގެން އިންގްލެންޑަށް ނުރައްކާ ކުރަމުންނެވެ. ފްރާންސް މޮޅުކޮށްދިން ލަނޑު މެޗު ނިމެން 12 މިނިޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ ޑޯޓްމަންޑަށް ކުޅޭ އުއްމީދީ މިޑްފީލްޑަރު އޮސްމާން ޑެމްބެލޭ އެވެ. މިއީ ޑެމްބެލޭ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ ފްރާންސް މޮޅުވީ ފަހު ވަގުތާ ޖެހެންދެން މޮޅުވާން ކުރި މަސައްކަތުން ކަމަށެވެ.

"އަހަރެމެންނަށް މެޗުގެ ބައެއް ވަގުތުތަކުގައި އެންމެ ރަނގަޅަށް ސަމާލުކަން ނުދެވި ދިޔައީ. އޭގެ އަދަބު އަހަރެމެންނަށް ފްރާންސް އިން މި ދިނީ. މެޗުގެ ކުރިން ވެސް އަހަރެން ބުނިން ފްރާންސްގައި މިހާރު އޮތީ ފުރިހަމަ ޓީމެކޭ. އެ ތަފާތު މި ފެނުނީ،" ސައުތުގޭޓް ބުންޏެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ބުނީ ކުރިން ވެސް މިއީ ފަސޭހަ ނުވާނެ މެޗެއްކަން އެނގޭ ކަމަށާއި މޮޅުވީ ކުޅުންތެރިންނަށް ދިން އިރުޝާދުގެ ބޭނުން ހިފައިގެން އެ ކުޅުންތެރިން ކުރި ހިތްވަރުން ކަމަށެވެ.