13 ޖޫން 2017 - 23:33

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ހުށަހަޅަން ޖެހޭ މިދިޔަ އަހަރުގެ ބީޕީޓީ ބަޔާން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން ބުނީ އެ ގޮތަށް ހަމަޖެއްސީ މިއަހަރުގެ ބީޕީޓީ ބަޔާން ހުށަހަޅާ ސުންގަޑި އަންނަނީ ފިތުރު އީދު ބަންދާ ގުޅިގެން ކަމަށް ވާތީ ޓެކްސް ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމާއި އޮޑިޓްކޮށް ނިންމުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ބޭނުމަށް ކުންފުނިތަކުން 2016 ވަނަ އަހަރުގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ހުށަހަޅަން ޖެހޭ ސުންގަޑި ވެސް އަންނަ މަހުގެ 16 އަށް އިތުރުކޮށްފައިވާ ކަމަށް ވެސް މީރާ އިން ބުންޏެވެ.
އެ އޮތޯރިޓީން ވަނީ ބީޕީޓީ ބަޔާން ހުށަހަޅަން ޖެހޭ ހުރިހާ ފަރާތްތަކުން އެ ފުރުސަތުގެ
ބޭނުންކޮށްގެން ޖުލައި 16ގެ ކުރިން ބީޕީޓީ ބަޔާން ހުށަހަޅައި ނިންމުމަށް އިލްތިމާސް ކޮށްފަ އެވެ.
މިރާއިން ބުނީ މިދިޔަ އަހަރުގެ ބީޕީޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑީގެ އިތުރުން ޖުލައި މަހުގެ ތެރޭގައި މި އަހަރުގެ ބީޕީޓީގެ ފުރަތަމަ އިންޓަރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ވެސް އަންނަ ކަމަށެވެ. އަދި އެއީ 31 ޖުލައި 2017 ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މީރާ އިން ބުނީ މިދިޔަ އަހަރުގެ ބީޕީޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑި 16 ޖުލައި އަށް ފަސްކުރި ކަމުގައި ވިޔަސް 2017 ވަނަ އަހަރުގެ މޭ މަހުގެ ޖީއެސްޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 2 ކަމަށެވެ.