14 ޖޫން 2017 - 07:47

ޅައިރުއްސުރެ އަހަރެން އެންމެ ޝައުޤުވެރިކަން ހުރީ ކިޔެވުމަށެވެ. ޒުވާން ވެގެން އައިއިރު ދެމީހަކާއި ރައްޓެހިވެފައިވެސް ރުޅިވާން ޖެހުނީ މިސަބަބާ ހުރެއެވެ. އެމީހުން ބޭނުންވީ ޒަވާޖީ ހަޔާތް ފަށާށެވެ. އަހަރެން ބޭނުންވީ ފުރަތަމަ ކިޔަވައި ނިންމާށެވެ. މީހުނާއި އިނދެ ދަރިން ލިބުމުން ކިޔެވުމަށް އަސަރު ކުރާނެއެވެ. އެމީހުން ކައިވެނި ލަސްކުރާކަށް ބޭނުމެއް ނުވިއެވެ. ދާން ބޭނުންވި ހިސާބަށް ދެވުނުއިރު އުމުރުން ތިރީސް އަހަރު ފުރިއްޖެއެވެ. އެނބުރި ރާއްޖެ އައިސް ވަޒީފާ އަދާކުރަން ފެށުމާއެކު ފެންނަ ކޮންމެ މީހަކު ފުރަތަމަ އަހާލަނީ މީހަކާ އިންނަނީ ކޮންއިރަކުން ތޯއެވެ. މަންމަގެ އެކުވެރިންނާއި ގާތް މީހުން ގެއަށް އައިސް ދައްކާ ވާހަކައަކީވެސް އެއީއެވެ. އަހަރެން ހުހަށް ހުރުން މަންމަގެ ފިކުރުތަކުގެ ސަބަބަކަށް ވިއެވެ. އޭރު އަހަރެންނަށް އަދި ރަނގަޅަށް ހަމަޖެހިވެސް ނުލެވެއެވެ. އެކަމަކު މަންމަ އާދޭސް ކުރާވަރުން މީހަކު ހޯދަން މަޖުބޫރު ވެއްޖެއެވެ.
އާންމުކޮށް ބޭރަށް ގޮސް އުޅޭ މީހަކަށް ނުވާތީ ގިނަ މީހުންނާއި ބައްދަލެއް ނުވެއެވެ. އަނެއްކޮޅުން މާލޭގައި އަހަރެންގެ މަދު އެކުވެރިއަކު ނޫނީ ނެތެވެ. އެންމެ ފަސޭހަ ވާނީ އޮފީހުން މީހަކު ހޯދުން ކަމުގައި އަހަރެންނަށް ވިސްނުނެވެ. ދެން ފެށީ އެމަސައްކަތެވެ.
ވިއާމް އުޅެނީ އައިޓީ ބައިގައެވެ. ދިގު އިސްކޮޅާއި ރީތި ސޫރައެއްގެ ވެރިއެކެވެ. ހިތް ހެޔޮވެފައި އެންމެނާ ގުޅެއެވެ. މީގެ ކުރިން ދެފަހަރެއްގެ މަތިން އޭނަ އަހަންނާ ގުޅުން ބަދަހިކުރަން މަސައްކަތް ކޮށްފައިވެސް އެބަހުއްޓެވެ. އަހަރެން އިސްވެ ޝައުޤުވެރިކަން ދެއްކުމުން ވިއާމް އަނެއްކާވެސް ކުރިއެކޭ އެއް ގޮތްވިއެވެ. ފުރަތަމަ ފެށީ ކޮފީއަކުންނެވެ. ރޭގަނޑު ކެއުންތަކަށް ދިއުމާއި ސިނަމާގައި ފިލްމް ބަލަން ތިބުން އާންމު ކަމަކަށް ވިއެވެ. ލޯބިވާ ވާހަކަ ވިއާމް އަބަދުވެސް ބުނެއެވެ. އެކަމަކު ކައިވެނީގެ ވާހަކައެއް ނުދައްކައެވެ. އަހަރެން ފިކުރު ބޮޑުވާން ފެށީ އެހެންވެއެވެ. އަނެއްކޮޅުން މަންމަވެސް ގެއަށް ވަންނައިރަށް އަހަނީ އަހަންނާއި ވިއާމްގެ ކައިވެނީގެ ވާހަކައެވެ. ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިއުމުން އިސްވެ އެވާހަކަ ދެއްކީމެވެ. ވިއާމްގެ ޖަވާބު އައީ އަހަރެން ބޭނުންވި ގޮތަކަށް ނޫނެވެ. އޭނަ އެހާ އަވަހަށް ކައިވެނި ކުރާކަށް ގަސްތެއް ނުކުރެއެވެ. ސައްބީސް އަހަރުގައި ހުސްހަށި ބަޔަށް ހުރުން ވިއާމްފަދަ ފިރިހެނަކަށް މައްސަލައެއް ނޫނެވެ. އެކަމަކު އަހަރެން އުމުރުން ތިރީހުން މައްޗަށް ދަނީއެވެ.
ހިތާ ދެކޮޅަށް ވިއާމްއާ ވަކިވީ އަހަންނެވެ. ފުރަތަމަކޮޅު އޮފީހުގައި އުޅެން ވަރަށް ދަތިވިއެވެ. އެކަމަކު ފަހުން ދެމީހުންގެ މެދުގައި އޮތީ އެކުވެރިކަމެވެ.
މަސައްކަތް ނިންމާފައި ގެއަށް ދާން އުޅެނިކޮށް ރަޝާދުގެ އެސިސްޓެންޓް ގުޅިއެވެ. ރަޝާދުއަކީ އޮފީހުގެ ދެވަނައަށް އެންމެ އިސް ފަރާތެވެ. އަހަރެން ކަންބޮޑުވީ ގޯހެއް ހެދުނީ ކަމަށް ހީކޮށްފައެވެ. ޖެހިލުންވެ ހުރެގެން ރަޝާދުގެ ކެބިންއަށް ދިޔައިރު އޭނަ އިނީ އެކަންޏެވެ. އަހަރެން ފެނުމުން މޭޒުގެ އަނެއްފަރާތުގައި ހުރި ހުސްގޮނޑިއަށް އިޝާރާތްކޮށްލިއެވެ.
ސާޅީހުގެ އަހަރުތައް ގުނަމުންދާ ރަޝާދުއަކީ މާ ރީތި ނޫނަސް ސްމާޓްކޮށް ހުންނަ މީހެކެވެ. އޮފީހުގައި މަސައްކަތް ކުރާ އެންމެން އޭނައަށް ޤަދަރު ކުރެއެވެ. ރަޝާދުގެ މަޑުމައިތިރި މިޒާޖާއި ހިތްހެޔޮކަން އެންމެން ފާހަގަ ކުރެއެވެ. އެކަމަކު ޒަވާޖީ ހަޔާތުގައި އެއީ މާ ކާމިޔާބު މީހެއް ނޫނެވެ. ފުރަތަމަ ކައިވެނިން ލިބުނު ދެދަރިން ދޫކޮށްފައި މަންމަ ދިއުމުން ރަޝާދު ހުންނަނީ ހުހަށެވެ.
ވާންއުޅޭ ގޮތެއް ނޭނގިފައި އަހަރެން އިންދާ ރަޝާދު ދެއްކީ އެންމެ ހީނުކުރާ ވާހަކައެވެ. އޭނަ ހުށައެޅީ ކައިވެންޏެވެ. އިސްވެރިޔާއަށް ނޫނެކޭ ބުނަން ނުކެރިފައި އަހަރެން އިންގޮތަށް އިނީއެވެ. ފަހުން ޖަވާބު ދިނަސް އެންމެ ރަނގަޅު ކަމުގައި ބުނެފައި ރަޝާދު އަހަރެން ފޮނުވައިލިއެވެ. ގެއަށް ގޮސް އެވާހަކަ ބުނުމުން އެކަކުވެސް ޤަބޫލެއް ނުވިއެވެ. ދެކުދިންގެ ދޮންމަންމައަކަށް އަހަރެން ވާކަށް އެމީހުން ނުރުހުނެވެ. ތިރީސް އަހަރުގައި ހުސްހަށިބައި ކައިވެނިކުރަން ތައްޔާރަށް ހުރި މީހަކު ހޯދުމުގައި ހުރި އުދަނގޫކަން އެމީހުން ހިތަކަށް ނާރައެވެ.
ޖަވާބު ހިފައިގެން ދިޔަ ދުވަހު އަހަރެން އިނީ ބިރުންނެވެ. ރަޝާދުއަށް އެކަން ވިސްނުނެވެ. އަހަރެން ނޫނެކޭ ބުންޏަސް ވަޒީފާއަށް ބުރޫ ނާރާނެ ކަމުގެ ޔަޤީންކަން ދިނުމުން ޖަވާބު ދިނީމެވެ. އަހަރެންގެ ޖަވާބުން ރަޝާދު މާޔޫސްވިކަން މޫނުން ހާމަވިއެވެ. އެކަމަކު އެއްވެސް އެއްޗެއް ނުބުނެއެވެ.
ދެން އަހަރެންގެ ހަޔާތަށް އައީ ނިޔާނެވެ. އެއީ އަހަރެން ބޭނުންވި ހުރިހާ ސިފައެއް ލިބިފައިވާ ފަރާތެކެވެ. ބުރުސޫރައިގެ ރީތިކަމެވެ. މީހުންނާއި ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ވެރިއެކެވެ. އަހަރެން ފަދައިން އެހެން ހުރިހާ ކަމަކަށްވުރެ މަސައްކަތަށް ހުންނަ ފޯރި ގަދައެވެ. ދެމީހުންގެ ހިޔާލު އެހާމެ އެއްގޮތެވެ. އުމުރުން އަހަންނާއި އެއްވަރެވެ. އަހަރެން ފަދައިން ނިޔާނުވެސް ހުރީ ކައިވެނި ކުރަން ރަނގަޅު ބައިވެރިއަކު ނުލިބިފައެވެ.
ގިނަ ދުވަސްތަކެއް ނުވެ އަހަރުމެންގެ ކައިވެނި ކުރެވިއްޖެއެވެ. ނިޔާނުގެ ފަތިފުށް އަހަރެންނަށް ފެނުނީ އެއަށްފަހުގައެވެ. އެއްވެސް އިންސާނަކީ ފުރިހަމަ މީހެއް ނޫންކަން އަހަރެން ޤަބޫލު ކުރަމެވެ. އެކިމީހުންގެ ހުންނާނީ އެކި އުނި ސިފައެވެ. އެކަމަކު ނިޔާނުގެ ފުށުން ފެނުނު ސިފައަކީ އަހަރެންނަށް ޤަބޫލު ވެވޭ ވަރަށްވުރެ ބޮޑެތި ކަންތައްތަކެކެވެ. އަހަރު ދެއަހަރު ފާއިތުވެގެން ދާއިރު އޭނަ ނަމާދަކަށް ސަޖިދައެއް ނުޖަހައެވެ. ހުކުރު ދުވަހު މިސްކިތްތަކުގައި ހުކުރު ކުރާއިރު އަރާ އޮށޯވެ އޮންނަނީ ނިދާފައެވެ. ރޯދަ މަހު ރޯދައެއް ނުހިފައެވެ. ނިޔާނު ބުނަނީ ނުކައި ހުރެގެން އޭނައަށް މަސައްކަތެއް ނުކުރެވޭނެ ކަމުގައެވެ. އެއްފަހަރާ އެތައް އަންހެން ކުދިންނަކާއި ސިއްރު ގުޅުން އޮންނަ ކަންވެސް ފަހުން ފަޅާއެރިއެވެ. ނިޔާނުގެ ނަޒަރުގައި މީހުންނަށް ފަޅާނާރަނިކޮށް ނިމުނީއެވެ. އަހަރެންނަށް މިކަންކަން އެނގުމުން ނިޔާނުއަށް ވަރަށް ނަސޭހަތް ދިނީމެވެ. އެކަމަކު ނިޔާނު ބަދަލެއް ނުވިއެވެ. އެންމެފަހުން ކައިވެނި ރޫޅާލައިފައި އަނެއްކާވެސް ގޮސް ގޭގައި ހުންނަން ފެށީ ހުސްހަށިބަޔަށެވެ.
ރަޝާދުއާ އޮންނަ ގުޅުން ބަދަހި ވީ މިދުވަސްވަރެވެ. އަހަރުމެންގެ އާއިލާ އުޅުނު އެޕާޓްމެންޓުން ނިކުންނަން ޖެހިގެން ބަދަލުވީއިރު ކުރިމަތީގައި ހުރީ ރަޝާދުގެ ގެއެވެ. ރަޝާދުއާ ބެހޭ ގޮތުން ކުރިން އޮޅުންނުފިލާ ހުރި ރަނގަޅު ސިފަތައް ފަހުން ފާހަގަވިއެވެ. އޭނަގެ ދީންވެރި ކަމަކީ އަހަރެންނަށް އެންމެ ގަޔާވެވުނު ސިފައެވެ. އޭނަގެ އަމިއްލަ މަންމައަށް އޭނަ ކޮށްދޭ ޚިދުމަތް ދެކެފި މީހެއްގެ ހިތް ލޯބިން ފުރޭނެއެވެ. ބަލި އެނދުގައި އޮންނަ މަންމަގެ ހުރިހާ ކަމެއް ކޮށްދެނީ އަމިއްލަ އަތުންނެވެ. ހިތި ތަޖުރިބާއަކަށް ފަހު އަހަރެންގެ ދިރިއުޅުމަށް އުޖާލާކަން ވެރިވިއެވެ. ރަޝާދުގެ އަންބަކަށް ވުމުން އުފާވެރިކަން އައިސް ހަފަރާތުން ވަށައިލިއެވެ. އޭނާގެ ދެކުދިންނަކީ އަހަންނަށް ލިބުނު ނިއުމަތެކެވެ. އެކުދިން އަހަރެންދެކެ ވާ ލޯބި އެހެން އެކަކުވެސް ނުވާނެއެވެ. -- ނިމުނީ --