14 ޖޫން 2017 - 07:58

އިސްލާމީ ޝަރީޢަތުގައިވާ ގޮތުން މާތްﷲ އަށް އިންސާނާ އަދާ ކޮށްދޭން ޖެހޭ ހައްގުތަކާއި އެހެން މަޚްލޫޤުންނަށް އަދާކޮށްދޭން ޖެހޭ ހައްގުތަކާ އެކު ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ނަފްސަށް އަދާ ކޮށްދޭން ޖެހޭ ހައްގުތަކެއް ވެސް ވެއެވެ. މި ބައި ކުރުންތައް މިހެން އޮތް ނަމަވެސް ހަގީގަތުގައި ހުރިހާ ހައްގެއް ވެސް އަދާ ކުރެވެނީ ﷲ އަށް ތިމާ އަދާކުރާ ވާޖިބުތަކެއްގެ ތެރެއިންނެވެ.
ކޮންމެ އިންސާނަކަށް ވެސް އިހުސާސް ކުރެވޭ ގޮތުގައި އަދި ގަބޫލު ކުރެވޭ ގޮތުގައި އަމިއްލަ ނަފްސު ދެކެ އެހެން އެއްވެސް ފަރާތަކަށް ވުރެ ބޮޑަށް ލޯބި ވެވޭނެ އެވެ. އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ ނަފްސު އެއީ އޭނާގެ ޢަދާވާތްތެރިޔާ ކަމުގައެއް ނުބަލާނެ އެވެ. މިކަން މިހެން އޮތް ނަމަވެސް އިންސާނުން އެމީހުންގެ އަމިއްލަ ނަފްސަށް އަނިޔާވެރިވެ އަމިއްލަ ނަފްސުގެ ހައްގުތައް ނިގުޅައިގަނެ އެވެ. މިކަން މިހެން މެދުވެރި ވަނީ ތިމާގެ އަމިއްލަ ހައްގުތަކަކީ ކޮބައިކަން ނޭނގޭތީ އެ ހައްގުތައް އަދާކުރަން ސަމާލުކަން ނުދެވޭތީ އެވެ.
އިސްލާމް ދީން ރައްކާތެރި ކުރަން ބޭނުންވާ ފަސް މަގުސަދު ރައްކާތެރި ކުރާ އިރު އޭގައި ތިމާގެ އަމިއްލަ ނަފްސަށް ތިމާ އަދާކުރަން ޖެހޭ ހައްގުތަކެއް ވާކަން ނޭނގޭ ނަމަ ނުވަތަ އެކަން ގަބޫލު ނުކުރެވޭ ނަމަ އެ ހައްގުތައް އަދާ ކުރާކަށް ސަމާލުކަމެއް ނުދޭނެ އެވެ. އެހެންވެ އިންސާނާ އެއްވެސް ކަމަކަށް އެދުންވެރި ވެއްޖެ ނަމަ އޭގެ ސަބަބުން ދެން ނުކުމެދާނެ ނުރައްކާތަކަށް ނުވިސްނައި އެ އެދުމެއް ފުއްދާލަ އެވެ.
މިސާލަކަށް މަސްތުވާ ތަކެތި ބޭނުން ކުރާ މީހާ އެކަމުގައި ދެވިހިފައި ދެއެވެ. އޭގެ ސަބަބުން އޭނާގެ ޞިއްޙަތަށާއި ނަފްސަށާއި މުދަލަށް އެތައް ގެއްލުމެއް ދީފަ އެވެ. ނުވަތަ ކެއުމުގެ އެދުންވެރިކަމަށް ދަހިވެތި ވެފައިވާ މީހާ އޭނާ އަށް ފައިދާހުރި އެއްޗެއްސެއް ފައިދާ ހުރި މިންވަރެއް ނުބަލަ އެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ނަފްސު ހަލާކުގެ ތެރެ އަށް ދެއެވެ. ނުވަތަ ނަފްސާނީ ހިތް ހަމަޖެހުން ބޭނުން ވެފައިވާ މީހާ އޭނާ ހިތުން އޭނާ އަށް ހިތްހަމަޖެހުން ލިބޭ ކަންތައްތައް ކޮށްލަ އެވެ. އެކަމުން އޭނާގެ ނަފްސަށް ހުރި ގެއްލުންތަކަށް ނުވިސްނަ އެވެ.
ނުވަތަ އަމިއްލަ ނަފްސު ހިމާޔަތް ކުރުމުގެ ޝައުގުވެރިކަން އާދަޔާ ޚިލާފަށް އޮންނަ މީހަކު ރޫހު ތަރުބިޔަތު ކުރުމުގެ ނިޔަތުގައި މާއްދީ ބައިން ތިމާ އަށް ލިބެންވާ ހައްގުން މުޅީން މަޙްރޫމް ވެދާނެ އެވެ. ދުނިޔަވީ އެދުންތަކާއި ލައްޒަތުތައް މުޅިން ދޫކޮށްލަ ފާނެ އެވެ. ރޫޙު ތަރުބިއްޔަތު ކުރުމުގެ ނިޔަތުގައި ކެއުމާއި ބުއިމާއި ކައވެނިކުރުމާއި މިކަންކަމަށް ނަފްރަތު ކޮށްފާނެ އެވެ. މި ދުނިޔެއަށް ނޭވާ ލާންވެސް އޭނާ ބޭނުން ނުވެދާނެ އެވެ.
ސަބަބަކީ އެފަދަ މީހަކު ދެކޭ ގޮތުގައި މިދުނިޔޭގައި ވަނީ މުޅިން ވެސް ކުށް ކުރުމާއި ފާފަތަކެވެ. މާއްދީ އެއްވެސް އެދުމެއް ފުއްދުމަކީ އޭނާގެ ނަޒަރުގައި ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. ނަމަވެސް މިފަދަ މީހާ ހަގީގަތުގައި އޭނާގެ ނަފްސު ސަލާމަތް ކުރަނީކީ ނޫނެވެ. އޭނާ އެވަނީ އަމިއްލަ ނަފްސަށް އަދާކުރަން ޖެހޭ ހައްގުތަކަކަށް އަރައިގަނެފަ އެވެ.
މި އިޝާރާތްކުރެވުނު ފަދަ ގޮތްގޮތުން ކުރެ ކޮންމެ ގޮތަކުން ނަމަވެސް އަމިއްލަ ނަފްސަށް އަނިޔާއެއް ދޭނަމަ އެއީ އަމިއްލަ ނަފްސުގެ ހައްގަކަށް އަރައިގަތުމެއް ކަމުގައި ނޫނީ ނުވާނެ އެވެ. މިއީ އިސްލާމް ދީން އެދޭ ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި އިސްލާމް ދީން ބޭނުންވަނީ އިންސާނާގެ ދިރިއުޅުން ހުރިހާ ގޮތަކުން ކާމިޔާބު ވާށެވެ. އިސްލާމް ދީނުގެ ހުރިހާ ޙުކުމްތަކެއް ބިނާވެފައި ވަނީ އެމަޤުޞަދު ހާސިލު ކުރެވޭ ގޮތަށެވެ.
އެހެން ކަމުން އިންސާނާގެ މާއްދީ ބޭނުންތައް ފުއްދުމަށް އިންކާރެއް ނުކުރެ އެވެ. އެކަމަކު ވަކި ހައްދެއްގެ ތެރޭގަ އެވެ. ހަމަ އެފަދައިން އިންސާނާގެ ރޫޙު ތަރުބިއްޔަތު ކުރަން ފުރުޞަތު ދެއެވެ. މިއިން އެއްވެސް ކަމެއް އަނެއް ކަމެއްގެ ހިސާބުގައި ކުރާކަށް ނޯވެ އެވެ.
ކީރިތިރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސް ކުރައްވަނީ "ތިބާގެ އަމިއްލަ ނަފްސަށް ވެސް ހައްގެއް ވެއެވެ." މިފަދަ އިންނެވެ. މިއީ އަޞްޙާބު ބޭކަލަކު އާދަޔާ ޚިލާފަށް އަޅުކަމުގައި މަޝްޣޫލުވުމުގެ ސަބަބުން އޭނާގެ އަނބިދަރިންގެ ބައެއް ހައްގުތައް މަހްރޫމުވުމާ ގުޅިގެން ކީރިތި ރަސޫލާ ހަދީސްކުރެއްވި ބަސްފުޅެކެވެ.
އިސްލާމް ދީން އިންސާނާގެ އަމިއްލަ ނަފްސުގެ ހައްގުތައް ފުރިހަމަ ގޮތުގައި އަދާކުރުމުގެ ގޮތުން މުސްލިމުންނަށް ބައެއް ކަންތައް މަނާ ކުރެ އެވެ. އަދި ބައެއް ކަންތައް ކުރުމަށް އަމުރު ކުރެ އެވެ. އިސްލާމް ދީން މަނާ ކުރަނީ އިންސާނާ އަށް ގެއްލުން ހުރި ތަކެއްޗާއި ކަންކަމެވެ. މިގޮތުން ރަލާއި މަސްތުވާ އެނޫން އެއްޗެއްސާއި ލެޔާއި އޫރު މަހާއި ވިހަ އެއްޗެއްސާއި ނަޖިސް ތަކެތި ޙަރާމް ކުރެ އެވެ.
އެއީ އެ އެއްޗެހީގެ ސަބަބުން ޞިއްޙަތަށް ނުވަތަ އިންސާނާގެ އަޚްލާޤަށް ނުވަތަ ބުއްދި އަށް ނުވަތަ ރޫޙީ ތަރުބިއްޔަތަށް ނުބައި އަސަރުތަކެއް ކުރާތީ އެވެ. އޭގެ ބަދަލުގައި އިސްލާމް ދީން ރަނގަޅު އެއްޗެހި ޙަލާލު ކުރެ އެވެ. އަދި އެޙަލާލު ތަކެތިން ބޭނުން ކުރުމަށް ގޮވައިލަ އެވެ. މާތްﷲ މި ދުނިޔޭގައި އިންސާނުންނަށްޓަކައި ލައްވާފައިވާ އެކިއެކި ނިޢުމަތްތައް ބޭނުން ކުރަން އިސްލާމްދީން ގޮވާލަ އެވެ. މިގޮތުން ރީތި ހެދުން ލުމަށް އިރުޝާދު ދެއެވެ. ހެދުން ނުލާ ބަރަހަނާ އަށް ތިބުން ޙަރާމް ކުރެ އެވެ. އެއީ އެ ކަމުގައި އެކުލެވިގެންވާ ތަފާތު ގެއްލުންތަކުން ދިފާޢު ވުމަށެވެ.
މާތްﷲ މި ބިމުގައި އިންސާނުންނަށްޓަކައި ލައްވާފައިވާ ހަލާލު ރަނގަޅު ތަކެތިން ރިޒުގު ހޯދަން މަސައްކަތް ކުރުމަށް އިސްލާމްދީން ގޮވާލަ އެވެ. މަސައްކަތެއް ނުކޮށް ގޭގައި އިންނަން އިސްލާމްދީން އިންކާރު ކުރެ އެވެ. އަދި އެހެން މީހުން ވަރުބަލިވެގެން ހޯދާ ތަކެތިން ތިމާ ބޭނުން ކުރުމަށް ވުރެ ތިމާ ވެސް އަމިއްލަ އަތުން މަސައްކަތް ކޮށްގެން ހޯދާ ތަކެތި ކެއުމަށް ހިތްވަރު ދެއެވެ.
ނުކައި ނުބޮއެ އިންނާކަށް އިސްލާމް ދީން އަމުރެއް ނުކުރެ އެވެ. ޝަހުވާނީ އެދުންވެރިކަން މުޅިން ދޫކޮށްލައި ރަހުބާނިއްޔަތުގެ އުޞޫލަށް ތަބާވުން އެއީ އިސްލާމީ ގޮތެއް ނޫނެވެ. އިސްލާމީ ގޮތަކީ ކައިވެނިކޮށް ޝަހުވާނީ އެދުން ވެސް ފުއްދުމެވެ. އަދި ދުނިޔަވީ އެކިއެކި އުފާތަކާއި ލައްޒަތު ވެސް މުޅިން ދޫކޮށްލާކަށް ނާންގަވަ އެވެ.
ރޫޙާނީ ތަރައްގީއެއް ހޯދައި ﷲ އަށް ކުއްތަން ވާން ޖެހޭ އިރު އެކަން ވެސް ހާސިލު ކުރަން ޖެހެނީ ދުނިޔަވީ މަންފާތަކާއި ލައްޒަތު ތަކުގެ ބޭނުން ވެސް ހިފައިގެންނެވެ. މުހިންމު ކަމަކަށް މިކަމުގައި އޮންނަނީ އެ ބޭނުންތައް ހިފުމުގައި ﷲ އަންގަވާފައިވާ ގޮތަށް ތަބާވުމެވެ. އޭރުން ދުނިޔެއާއި އާޚިރަތް އެކީ ކާމިޔާބު ކުރެވޭނެ އެވެ.
އިންސާނާގެ ނަފްސަކީ ވެސް އޭނާ ރައްކާތެރިވާން ޖެހޭ އެންމެ މުހިންމު އެކައްޗެވެ. މިގޮތުން އިންސާނާގެ ފުރާނަ އޭނާ އަމިއްލަ އަށް ދުއްވާލުމަކީ އެއްކޮޅުން ބަލާއިރު އަމިއްލަ ހައްގަކަށް އަރައިގަތުމެވެ. އަދި އަނެއްކޮޅުން ބަލާއިރު އެއީ ﷲގެ ހައްގަކަށް ވެސް އަރައިގަތުމެކެވެ. ސަބަބަކީ ކައުނުގައިވާ ހުރިހާ އެއްޗެއްގެ މިލްކުވެރި ފަރާތަކީ ﷲ ކަމުގައި ވާތީ އެވެ. އިންސާނާ އަށް މީގައި އޮންނަ ހައްގަކީ އޭގެ ބޭނުން ހިފުމެވެ. މި ހައްގުގެ ބޭނުން ހިފަން މިނިވަންކަން ލިބިފައިވަނީ ވަކި ހަމަތަކެއްގެ ތެރޭގަ އެވެ. ވީމާ އެ ހައްގަށް ވެސް އިންސާނާ ރައްކާތެރިވާން ޖެހެ އެވެ.
މި އިޝާރާތް ކުރި އަދި މިނޫންވެސް މި ފަދަ އެންމެހާ ވާޖިބުތަކެއްގެ ވާހަކަ އިސްލާމީ ޝަރީޢަތުގައި ބަޔާންކޮށްފައި މިވަނީ އިންސާނާގެ އަމިއްލަ ނަފްސަށްޓަކައި ވެސް ރައްކާތެރިވާން ޖެހޭ ހައްގުތަކެއް އޮންނާތީ އެވެ. ވީމާ ކޮންމެ މުސްލިމަކުވެސް ތިމާ އެންމެ ލޯބިވާ ތިމާގެ އަމިއްލަ ނަފްސަށްޓަކައި އެ ނަފްސުގެ ހައްގުތައް ބަރާބަރަށް އަދާ ކުރަން ސަމާލުކަން ދޭން ޖެހޭނެ އެވެ.