ބޫޓާން ބަލިކޮށް ރާއްޖެ އަށް އާ ފެށުމެއް
ބޫޓާން ބަލިކޮށް ރާއްޖެ އަށް އާ ފެށުމެއް

އޭޝިއަން ކަޕް ކޮލިފައިންގައި ރަށުން ބޭރުގައި މިރޭ 2-0 އިން ބޫޓާން އަތުން މޮޅުވެ ރާއްޖެ އާ ފެށުމަކާ އެކު ކޮލިފައިންގައި ފިޔަވަޅެއް ކުރިއަށް ޖެހިލައިފި އެވެ.

ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ފަލަސްތީން އަތުން މާލޭގައި ބަލިވެފައިވުމުން މިއަދުގެ މެޗަށް ނުކުތްއިރު ވެސް ރާއްޖޭގެ އަމާޒަކީ ތިން ޕޮއިންޓެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ރާއްޖެ އަށް ވަނީ ހަމަޖެހުމެއް ލިބިފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ފަލަސްތީން ނުކުންނާނީ އޮމާނާ ދެކޮޅަށެވެ.

ރޯދަ މަހުގެ ހަވީރު ގަޑީގައި މެޗު ކުޅެން ޖެހުމުން ފުރަތަމަ ހާފްގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނިގެންދިޔަ އެވެ. މެޗު ފަށައިގެން ރާއްޖޭގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ނުފެނުނެވެ. ބޫޓާނުން ދިޔައީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެހެން ނަމަވެސް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލުނެވުނެވެ.

ރާއްޖެ ޓީމަށް ހަމަޖެހިލައިގެން ކުޅެވެން ފެށީ މެޗުގެ 30 ވަނަ މިނިޓާ ހަމައިންނެވެ. ރާއްޖޭގެ އެޓޭކުގައި ހިމެނޭ ހަތަރު ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ)، އަސަދުﷲ އަބްދުﷲ، ނާއިޒު ހަސަން (ދާދު) އަދި މުހައްމަދު އުމެއިރަށް އިދިކޮޅު ހާފް ތެރޭގައި ރަނގަޅު ބޯޅަތަކެއް ލިބެން ފެށުމުން ބޫޓާނަށް ނުރައްކާ ބޮޑުވާން ފެށި އެވެ.

މެޗުގެ 35 ވަނަ މިނިޓްގައި ބޫޓާން އޭރިއާ ތެރެއިން ހުސްކޮށް ހުރެ ދާދު ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އޭގެ ދެ މިނިޓް ފަހުން ސެންޓޭ ފޮނުވާލި ބޯޅަ ވެސް ގޯލާ ސީދާވާގޮތެއްނުވި އެވެ.

ރާއްޖެ އަށް މެޗުގެ 41 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ސެންޓޭ އެވެ. ބޫޓާން އޭރިއާ ތެރެއިން ސެންޓޭ އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އަކުން އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ފަސް މިނިޓް ތެރޭ ދެ ވަނަ ލަނޑެއް ޖަހަން ސެންޓޭ އަށް ލިބުނު ފުރުސަތު އޭނާ އަށް ބޭނުމެއް ނުކުރެވުނެވެ. ދާދު ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ނަގައިދިން ހުރަސް އޭރިއާ ތެރެއިން ލިބުނީ ސެންޓޭ އަށެވެ. އޭނާ ފޮނުވާލި ބޯޅަ ބޫޓާން ކުޅުންތެރިން ވަނީ ބްލޮކްކޮށްފަ އެވެ.

ރާއްޖެ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނުއިރު، ދެން ފެނިގެންދިޔައީ ކައުންޓަ އެޓޭކުގައި ބޫޓާނުން ނުރައްކާކުރިތަނެވެ. ކައުންޓަ އެޓޭކުގައި ބޫޓާން ކުޅުންތެރިން މަތިން ކުޅުނު ދެ ބޯޅަ ހޯދުމަށް ފަހު އެ ޓީމުގެ ޗެންޗޯ ގެޔެސްޓެން ފޮނުވާލި ދެ ބޯޅަ ވެސް ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

ދެ ވަަނަ ހާފް ފަށައިގެން 15 މިނިޓަށް ފަހު ދާދުގެ ބަދަލުގައި ރާއްޖޭން ވަނީ ހަމްޒާ މުހައްމަދު (ހަމްޕު) ކުޅެން އަރުވައިފަ އެވެ. ހަމްޕު ކުޅެން އެރުވުމާ އެކު ކައުންޓާ އެޓޭކުގައި ރާއްޖޭގެ ކުޅުން ރަނގަޅުވި އެވެ.

މެޗުގެ 75 ވަނަ މިނިޓްގައި ސެންޓޭ ރާއްޖެ އަށް ދެ ވަނަ ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު ސެންޓޭ ފޮނުވާލި ބާރުބޯޅަ ބޫޓާން ކީޕަރު ހަރީ ގުރުން ވަނީ މަތަކޮށްފަ އެވެ.

އޭގެ މިނިޓް ފަހުން އަހުމަދު އަބްދުﷲ (ލިލީ) ވަނީ ރާއްޖެ އަށް ލީޑުފުޅާކޮށްދީފަ އެވެ. ހަމްޕު ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއިން ލިލީ އަށް ދިން ބޯޅަ އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. މިއީ ގައުމީ ޓީމަށް ލިލީ ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.

މެޗުގައި ބޫޓާނަށް ލަނޑެއް ޖަހައިދޭން އެންމެ ގިނަ ހުސް ފުރުސަތެއް ލިބުނީ ޗެންޗޯ އަށެވެ. އޭނާ އަށް ލިބުނު ގިނަ ފުރުސަތުތައް ދިޔައީ ގޯލާ ސީދާނުވެ އެވެ.

ރާއްޖޭން ވަނީ މެޗުގެ ފަހު 10 މިނިޓަށް އަސަދުﷲ އާއި އަކުރަމްގެ ބަދަލުގައި އިމްރާން ނަޝީދު އާއި އަހުމަދު ރަޝީދު (އައްމަޑޭ) ކުޅެން އަރުވައިފަ އެވެ.

ތިން ވަނަ ލަނޑެއް ޖެހުމަށް އުމެއިރު އާއި ހަމްޕު އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުުކުރެވުނެވެ.