13 ޖޫން 2017 - 15:14

އަލިރަސްގެފާނު ޒިޔާރަތް ކޮންނަމުން ދަނީ އެތަނުގެ މަރާމާތުގެ މަސައްކަތަކަށް ކަމަށާއި އޭގެ ސަބަބުން އެ ޒިޔާރަތަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަަމަށް ހެރިޓޭޖް ޑިޕާޓްމެންޓުން މިއަދު ބުނެފި އެވެ.
ޝަހީދުއަލީ ހިނގުމުގައި ހުންނަ އަލިރަސްގެފާނު ޒިޔާރަތް ކުރިމަތި މިހާރު ވަނީ ފިލާ ޖަހައި ބަންދުކޮށްފަ އެވެ. އެތަނުގައި ކޮންނަމުން ދަނީ ޒިޔާރަތަށް ވަންނަ ދޮރު ކައިރި އެވެ.
މިކަމާ ގުޅޭ ގޮތުން ހެރިޓޭޖް ޑިޕާޓްމެންޓުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަލިރަސްގެފާނު ޒިޔާރަތުގައި މަރާމާތުގެ މަސައްކަތް ކުރަމުން އަންނަނީ، އެ ޒިޔާރަތް ހުންނަ ތަން ވަކިކޮށް، ބިތްގަނޑެއް ޖަހައި އެތަނަށް ގެއްލުން ނުލިބޭ ގޮތަށް ކަމަށެވެ. އެއީ ކޮން މަރާމާތެއް ކަމެއް ހެރިޓޭޖުން ނުބުނެ އެވެ.
"މިފަދަ ތަންތަނަކީ އާންމުންނަށް މައުލޫމާތު ލިބޭނެ ގޮތަށް ހުރުން މުހިއްމު ތަންތަން ކަމަށްވާތީ މިތަނުގެ މަސައްކަތް ނިމޭއިރު އަލިރަސްގެފާނުގެ ޖިހާދާއި ޒިޔާރަތުގެ މައުލޫމާތު އާއްމުންނަށް ލިބޭ ގޮތަށް ގޯތި ތެރެއަށް ބަދަލުތަކެއް އަންނާނެ އެވެ،" ބަޔާނުގައިވެ އެވެ.
ހެރިޓޭޖުން ބުނިގޮތުގައި އެތަނުގެ އެންމެ ބޮޑު ޒިންމާ އަކީ އާސާރީ ތަންތަން ބެލެހެއްޓުން ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ވާސިލްކުރުން ކަމަށް ވާތީ، އެފަދަ ތަންތަނުގައި ކުރާ އެއްވެސް މަސައްކަތެއް ކުރެވޭނީ އެތަނަކަށް ގެއްލުމެއް ނުލިބޭނެ ގޮތަށެވެ.
އަލިރަސްގެފާނު ފަސްދާނުލާފައި ވަނީ، ތާރީޚު ބުނާ ގޮތުގައި، ޕޯޗުގީޒުންނާ ހަނގުރާމަކުރައްވައި 1558 ގައި ޝަހީދުވެވަޑައިގެންނެވި ތަނުގަ އެވެ. އޭރު އެރީ މާލޭގެ ހުޅަނގު ފަރާތު ތިލަ މޫދެވެ. މާފަންނު ހުޅަނގު ފަރާތް ހިއްކައިގެން މީހުން ގެދޮރު އިމާރާތްކުރަން ފެށިއިރު އެ ޒިޔާރަތް އޮންނަނީ މޫދުގައި ވަކިން ހިއްކާފައި އޮތް ތަނެއްގަ އެވެ. މާލެ އިން އެ ތަނަށް ދާން ކުޑަ މަގެއް ހިއްކާ، ގުޅާލާފައި އޮވެ އެވެ.
އަލިރަސްގެފާނު ޒިޔާރަތް ޒަމާނީ ފެންވަރަށް ރީތިކޮށް، ހަދާފައި ވަނީ 2000ގެ ކުރީކޮޅުގަ އެވެ.