އެޕަލްގެ ސްމާޓް ސްޕީކަރު ވަރަށް ތަފާތުވާނެ
އެޕަލްގެ ސްމާޓް ސްޕީކަރު ވަރަށް ތަފާތުވާނެ

މިމަހު ބޭއްވި އެޕަލް ވާލްޑްވައިޑް ޑިވެލޮޕާސް ކޮންފެރެންސް ގައި އެޕަލް ހޯމްޕޮޑް ކިޔާ ސްމާޓް ސްޕީކަރެއް ވަނީ ތައާރަފްކޮށްފަ އެވެ.

އެޕަލް ހޯމްޕޮޑަކީ ހަތަރު އިންޗީގެ ވުފަރެއް ލާފައި އިންނަ ސްޕީކަރެކެވެ. ސީރީގެ އެހީގައި އެކި ކަންކަން ކުރަން އޭ-8 ޕްރޮސެސަރެއް އެ ސްޕީކަރުގައި ވަނީ ހިމަނައިފަ އެވެ. ސްޕީކަރު ބޭނުންކޮށްގެން ޕޮޑްކާސްޓް ޕްލޭ ކޮށް، ހަބަރާއި މޫސުމުގެ މައުލޫމާތު ހޯދައި އަދި ގޭތެރޭގައި އެޕަލް ހޯމް ކިޓުން ކަނެކްޓްކޮށްފައިވާ އެއްޗެހީގެ ސެޓިން ވެސް ބަދަލު ކުރެވޭނެ އެވެ.

ނަމަވެސް ސްޕީކަރުން އެންމެ ފާހަގަކުރެވެނީ މިއުޒިކް ޕްލޭކުރުން ފުރިހަމަ ވީމާ ކަމަށް ޑިވޮލަޕަރުން ބުންޏެވެ. ހޯމްޕޮޑުން ޖަހާ ލަވަތަކުގެ ޕްލޭ ލިސްޓް ހަދައިދީ، ފެވަރިޓް ލަވަތައް މެނޭޖްކޮށްދޭނެ އެވެ. އަދި ސްޕީކަރުން ލަވަ ޖަހާއިރު އަޑުގެ ފެންވަރު އެމެޒަންގެ އެކޯއާ ގޫގުލްގެ ސްމާޓް ސްޕީކަރަށް ވުރެ ރަނގަޅު ކަމަށް ބުނެ ޑިވެލޮޕާސް ކޮންފެރެންސްގައި ވާހަކަ ދެކެވިފައިވެ އެވެ. އެކަމު މި އުފެއްދުމުގެ ރިވިއުއެއް އަދި އާންމުވެފައެއް ނުވެ އެވެ.

ހޯމްޕޮޑުން ކޮންޓްރޯލް ކުރެވެނީ ހަމައެކަނި އެޕަލް އުފެއްދުންތައް ނޫން ކަމަށާ، ވާދަވެރި ބްރޭންޑްތަކުގެ އުފެއްދުންތައް ވެސް ކޮންޓްރޯލް ކުރެވޭނެ ކަމަށްވެ އެވެ.

މި ވިއްކާނީ 349 ޑޮލަރަށެވެ. ހޯމްޕޮޑް އެންމެ ފުރަތަމަ ތައާރަފްކުރާނީ އެމެރިކާ، ޔޫކޭ، އަދި އޮސްޓްރޭލިޔާގަ އެވެ.