އަލް ޖަޒީރާގެ ކުރިމަގާ ގުޅޭ ގޮތުން މަޝްވަރާއެއް ނުކުރެވޭނެ: ގަތަރު
އަލް ޖަޒީރާގެ ކުރިމަގާ ގުޅޭ ގޮތުން މަޝްވަރާއެއް ނުކުރެވޭނެ: ގަތަރު

ޕެރިސް (ޖޫން 13) - އަލް ޖަޒީރާ މީޑިއާ ނެޓްވޯކަކީ ގަތަރުގެ "ދާޚިލީ ކަމެއް" ކަމަށާއި އެ ނެޓްވޯކުގެ ކުރިމަގާ ގުޅޭ ގޮތުން ގަތަރާ ދެކޮޅަށް ފިޔަވަޅު އެޅި ގައުމުތާ އެކު މަޝްވަރާ ނުކުރާނެ ކަމަށް ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހުމާން އަލް ސާނީ ވިދާޅުވެއްޖެ އެވެ.

ޕެރިހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝެއިޚް މުހައްމަދު ވިދާޅުވީ ސައުދީ އަރަބިއާ އިސްވެ ގަތަރާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ ސަބަބެއް ނޭނގޭ ކަމަށެވެ.

"މިއީ އީރާނާއި އަލް ޖަޒީރާއާ ގުޅޭ ކަމެއް ނޫން. ގަތަރަށް ފިޔަވަޅު އެޅި ސަބަބެއް ހަމަ އެއްގޮތަކަށް ވެސް ނޭނގޭ. ގަލްފުގެ ސަލާމަތަށް ކުރެވޭ ކޮންމެ ކަމެއްގައި ގަތަރުން މަޝްވަރާ އަށް ދާނެ،" ޝެއިޚް މުހައްމަދު ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސައުދީ، ޔޫއޭއީ، ބަހުރޭން އަދި މިސްރުން ދަނީ އަލް ޖަޒީރާ ނެޓްވޯކް ބަންދު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަލް ޖަޒީރާ އިން ޚަބަރުތައް ރިޕޯޓްކުރާ ގޮތާ މެދު އެ ގައުމުތަކުން ހިތްހަމައެއް ނުޖެހެ އެވެ.

ޝެއިޚް މުހައްމަދު ވިދާޅުވީ އަލް ޖަޒީރާ އަކީ ގަތަރުގެ ދާޚިލީ ކަމެއް ކަމަށާއި ގައުމުތަކުގެ ދާޚިލީ ކަންކަމުގައި އެހެން ގައުމުތަކާ އެކު މަޝްވަރާ ނުކުރެވޭނެ ކަމަށެވެ. އަދި ގަތަރުގެ ދާޚިލީ ކަންކަމަކީ ގައުމުގެ އަމިއްލަ މިނިވަންކަމާ ގުޅިފައިވާ ކަންތައް ކަމަށާއި އެހެން ބަޔަކަށް އެކަމުގެ ތެރެއަށް ނުވަދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގަތަރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފަހު ސައުދީ އަރަބިއާ އިން ވަނީ ރިޔާޒުގައި ހުންނަ އަލް ޖަޒީރާ ބިއުރޯ ބަންދުކޮށް ލައިސަންސް ބާތިލްކޮށްފަ އެވެ. އަދި ސައުދީގެ ހޮޓާތަކުގައި އަލް ޖަޒީރާ ދެއްކުން ވެސް ވަނީ މަނާކޮށްފަ އެވެ.